އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ އިސްލާމްއާބާދު ފަހުމުނާމާގެ މުއްދަތު ހަމަވުމާ ގުޅިގެން، އެމެރިކާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އިސްނަގައިގެން ހަމަލާދިނުމުގެ އާ އުކުޅުތަކަކަށް އީރާނުގެ އަސްކަރީ ސިޔާސަތު ބަދަލުކޮށްފާނެ ކަމުގެ އިޝާރާތެއް ތެހެރާނުން ދީފިއެވެ.
އީރާނުގެ އިސްލާމިކް ރެވޮލޫޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) ގެ ސިޔާސީ ގޮފީގެ ވެރިޔާ ބްރިގޭޑިއާ ޖެނެރަލް ވިދާޅުވީ، މިހާތަނަށް އީރާނުން އިސްކަން ދިނީ ދިފާއީ ހަރަކާތްތަކަށް ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިސްނަގައިގެން ވަރުގަދަ ހަމަލާތަކެއް ދިނުމަށް ސިފައިން އޮތީ ތައްޔާރަށް ކަމަށެވެ.
މި އަހަރުގެ ޖޫން މަހު ދެގައުމުގެ ދެމެދުގައި ސޮއިކުރި ފަހުމުނާމާ އާ އެމެރިކާއިން ޚިލާފްވެ އީރާނަށް ހަމަލަ ދިނުމާ ގުޅިގެން ތހެރާނުން ވަނީ ހުރުމުޒު ކަނޑުއޮޅީގެ ކޮންޓްރޯލު ނަގާފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ހުރުމުޒު ކަނޑުއޮޅިއަކީ އެމެރިކާގެ ސަރަހައްދެއްގެ ގޮތުގައި ވަރަށް އަވަހަށް ހަމަޖައްސަވާނެ ކަމަށް ވިދާޅުވެ ދެއްކެވި ހޮޅި ވާހަކަތަކާ ގުޅިގެން އީރާނުން ބުނަނީ އެމެރިކާއިން އީރާނަށް ސިފައިން ފޮނުވަފާނެތީ އެކަމަށްވެސް ތެހެރާނުން ތައްޔާރަށް އޮތް ކަމަށެވެ.
އެމެރިކާއިން އީރާނުގެ ބިމަށް އެއްގަމު މަގުން އަރައިގެންފިނަމަ، އެމެރިކާ ސިފައިން މަރާލާ ނުވަތަ ހައްޔަރުކުރާ ކޮންމެ މީހަކަށް ބޮޑު އިނާމެއް ދޭނެކަން އިއުލާނުކޮށް، އީރާނު ވަނީ އެމެިރކާއާ ކުރިމަތިލާން ތައްޔާރު ވެފައެވެ.
އީރާނުގެ ލީޑަރު މުޖުތަބާ ޚާމަނާއީ، އައިއާރުޖީސީގެ އާ ކޮމާންޑަރަކަށް ހަމަޖައްސަވާފައިވާ މޭޖަރ ޖެނެރަލް އަހުމަދު ވަހީދީ އަކީ މިހާތަނަށް އީރާނުގެ އަސްކަރީ ކަންކަން އެމެރިކާއާ ދެކޮޅަށް ވިލަރެސް ކުރެއްވި މޭސްތިރި އެވެ.
އެމެރިކާއަށް އީރާނުގެ ހަނގުރާމައިން ކުރި ނުލިބުމުން މާޔޫސްވެގެން ޓްރަމްޕް ވަނީ އޮމާނަށްވެސް ބޮން އަޅަން ޖެހިދާނެ ކަމށް ބުނެ ހޮޅި ހޮއްލަން ފަށާފައެވެ. ޓްރަމްޕަކީ ދުނިޔޭގެ ސުލްހައަށް ކުރިމަތި ވެފައިވާ ނުހޮރޮއްޕާނެކެވެ!






