ރެފްރީންނަށް ހަމަލާދިން ދެ ކުޅުންތެރިއަކަށް ވިހި އަހަރުގެ ސަސްޕެންޝަނެއް

ފަރަންސޭސިވިލާތުގައި ރެފްރީންނަށް ހަމަލާދިން ދެ ކުޅުންތެރިއަކަށް ވިހި އަހަރު ދުވަހުގެ މުއްދަތަކަށް ކުޅުން މަނާކޮށްފިއެވެ. މި ހަރުކަށި ފިޔަވަޅު އަޅާފައިވަނީ އެ ޤައުމުގެ އަންޑްރޭ އެންޑް ލޮއަރ ޕްރޮވިންސުގެ ޑިސިޕްލިނަރީ ކޮމިޓީންނެވެ. މި މައްސަލައަކީ އެޕްރީލް މަހުގެ ތެރޭގައި އެ ސަރަހައްދުގެ ދަށު ފަންތީގެ ލީގު މެޗުތަކެއްގައި ހިނގާދިޔަ ނުރައްކާތެރި ދެ ހާދިސާއަކާ ގުޅިގެން ހާމަވި ކަމެކެވެ.

އެންމެ ފުރަތަމަ ހާދިސާ ހިނގާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ ބާރަ ވަނަ ދުވަހުއެވެ. އެ ދުވަހު ކުޅުނު ތިންވަނަ ޑިވިޝަންގެ މެޗެއްގެ ނިމުމާ ދިމާކޮށް، ކްލަބެއްގެ ކުޅުންތެރިއަކު ވަނީ މެޗުގެ ރެފްރީއަށް ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ. ރެފްރީ އެ ކުޅުންތެރިޔާއަށް ރަތް ކާޑު ދެއްކުމުން، ރުޅިއައިސްގެން އެ ކުޅުންތެރިޔާ ވަނީ ރެފްރީގެ ކަރުގައި ހިފައި ހަމަލާދީފައެވެ. މިފަދަ ދެވަނަ ހާދިސާއެއް މެއި މަހުގެ ތެރޭގައި ހަތަރުވަނަ ޑިވިޝަންގެ މެޗެއްގައި ވެސް ހިނގާފައިވެއެވެ. އެ މެޗުގައި އިދިކޮޅު ކްލަބްގެ ކުޅުންތެރިއަކު ވަނީ ރެފްރީ ރަތް ކާޑު ދެއްކުމުން ސީދާ މޫނު މަތީގައި މުށްކަވާފައި ޖަހައި ފައެވެ.

މި ކުށްތަކާ ގުޅިގެން އެ ކުޅުންތެރިން ނިސްބަތްވާ ކްލަބްތަކަށް ވެސް ބޮޑެތި ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފައިވެއެވެ. އެގޮތުން، އެ ކްލަބްތަކުގެ ޕޮއިންޓް އުނިކުރުމާއި ބޮޑެތި ޖޫރިމަނާތައް ކޮށްފައިވެއެވެ.

އަންޑްރޭ އެންޑް ލޮއަރ ފުޓުބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްރިސްޓޯފް ބްރޫސާ ވިދާޅުވީ، ކުޅިވަރުގެ މައިދާނުގައި މިފަދަ އަނިޔާވެރި އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ. އަދި ކުޅުންތެރިންގެ މައްޗަށް ޤާނޫނީ ގޮތުން ޖިނާއީ ދަޢުވާ އުފުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފަރަންސޭސި ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!