ޣައްޒާގައި ހިންގަމުންދާ ޖެނޮސައިޑާއި ދުނިޔެއަށް ބޭޒާރުވެފައިވާ ޔަހޫދީ ރެޖީމުގެ ޚާާރިޖީ ސިޔާސަތުތަކާ ގުޅޭގޮތުން އާންމުން ސުވާލުކުރުމުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލްތަކުން ދޭ ޖަވާބުތައް ޔަހޫދީ ރެޖީމަށް ފަހިވާ ގޮތަށް ބައްޓަންކުރުމަށްޓަކައި، އިސްރާއީލު ސަރުކާރުން މިލިަން ޑޮލަރުން ފައިސާ ޚަރަދުކޮށްގެން އެމެރިކާގައި ޚާއްސަ ސިއްރު ކެމްޕޭނެއް ހިންގަމުންދާކަން ހާމަވެއްޖެއެވެ.
މަޖައްލާ ޕޮލިޓިކޯ އިން އާންމުކުރި ތަހުގީގީ ރިޕޯޓެއްގައިވާ ގޮތުން، ޗެޓްޖީޕީޓީއާއި ޕާޕްލެކްސިޓީ ފަދަ ބޮޑެތި ލޭންގުއޭޖް މޮޑެލްތަކަށް މައުލޫމާތު ފޯރުކޮށްދޭ މަސްދަރުތަކަށް ނުފޫޒު ފޯރުވުމަށް ޔަހޫދީ ރެޖީމްގެ ގަވަރަންމަންޓް އެޑްވަޓައިޒިން އޭޖެންސީ (ލަޕާމް) އިން ވަނީ އެއް މިލިއަން އެމެރިކާ ޑޮލަރުގެ ޚާއްސަ މަޝްރޫއެއް ހިންގާފައެވެ.
މި މަޝްރޫއުގެ ދަށުން "ހެނޯވާ އިންސްޓިޓިއުޓް ފޯ ޕަބްލިކް ޕޮލިސީ" ގެ ނަމުގައި ވެބްސައިޓެއް ހަދައި، އެ ސައިޓުގައި ވަނީ ޔަހޫދީ ޖެނޮސައިޑް ރެޖީމްގެ ދިފާއުގައި ތައްޔާރުކޮށްފައިވާ ދިރާސާތަކާއި ރިޕޯޓުތައް ޝާއިޢުކޮށްފައެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓަށް ހުށަހަޅާފައިވާ ފޮރިން އޭޖެންޓްސް ރެޖިސްޓްރޭޝަން އެކްޓް (ފާރާ) ގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، މި މަސައްކަތް ކުރިއަށް ދަނީ ފްރާންސްގެ ޕީއާރު ކުންފުންޏެއް ކަމަށްވާ ހަވާސް މީޑިއާ އާއި އެމެރިކާގެ އިސްތިހާރު އޭޖެންސީއެއް ކަމަށްވާ "ޕީރޯ އިންކް" މެދުވެރިކޮށެވެ.
މީގެ އިތުރުން، އޭއައި މޮޑެލްތަކުން ޖަވާބު ދޭއިރު ޔަހޫދީ ރެޖީމުން ރުހޭ ވައްތަރުގެ އެމީހުންނަށް ސަޕޯޓު ކުރާ ވަކި ސައިޓްތަކެއް މަސްދަރުގެ ގޮތުގައި ބޭނުންކުރުމަށް އެހީތެރިވެދޭ އޭއައި ކުންފުންޏެއް ކަމަށްވާ "ރެސް" ގެ ޓެކްނޮލޮޖީވެސް މި ކެމްޕޭނުގައި ބޭނުންކޮށްފައިވާކަން ވަނީ ކަށަވަރުވެފައެވެ.
ޔަހޫދީ ރެޖީމުން އުފެއްދި ވެބްސައިޓުގައި ދައްކާފައިވާ ވާހަކަތަކުގައި:
- "ފަލަސްތީނުގެ ކުށްވެރިންނަށް އަނިޔާކުރުމަކީ ހަނގުރާމައިގެ ކުށެއްތޯ؟"
- "އިސްރާއީލު-ފަލަސްތީނު މައްސަލައިގައި އިސްވެ ހަމަލާދިނީ ކާކު؟"
- ފަދަ ސުވާލުތަކަށް އޭއައި ސިސްޓމްތަކުން ޖަވާބު ހޯދާއިރު، ޔަހޫދީންގެ ނުލަފާ ސިޔާސަތުތަކަށް ބާރުލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ މަޒުމޫނުތައް ވަނީ ހިމަނާފައެވެ.
- ޕޮލިޓިކޯއިން ކުރި ޓެސްޓުތަކުން ދައްކާ ގޮތުގައި، ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާ ގުޅޭގޮތުން އާންމު ސުވާލުތައް ކުރުމުން ޗެޓްޖީޕީޓީ އާއި ޕާޕްލެކްސިޓީން ވަނީ މި ސައިޓުގެ މައުލޫމާތުތަކަށް ރިފަރެންސް ދީފައެވެ.
މިއީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދުނިޔޭގެ އިންސާނުންގެ ބޯކާލައި އޮޅުވާލުމަށް މީހުންގެ ޚިޔާލު އިސްރާއީލާ އެއްކޮޅަށް ބަދަލުކުރުމަށް ޔަހޫދީ ރެޖީމުން ކުރި ފުރަތަމަ މަސައްކަތެއް ނޫނެވެ.
- ވޯލް ސްޓްރީޓް ޖާނަލް އިން ފާއިތުވި މަހު އާންމުކުރި ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭންގެ ކުރީގެ މެނޭޖަރު ބްރެޑް ޕާސްކޭލް މެދުވެރިކޮށް، ޔަހޫދީ ރެޖީމުގެ އަނިޔާވެރިކަމަށް ސަޕޯޓު ކުރާ އޭއައި ކޮންޓެންޓް އުފެއްދުމަށް 46.5 މިލިއަން ޑޮލަރުގެ ބޮޑު ކެމްޕޭނެއްވެސް ވަނީ ހިންގާފައެވެ.
އިސްރާއީލުން އޭއައި މަންސަތަކަށް ނުފޫޒު ފޯރުވުމަށް ބޮޑެތި ހަރަދުތަކެއް ކުރަމުން މިދަނީ އެމެރިކާގެ އާންމުންގެ މެދުގައި އިސްރާއީލަށް އޮތް ތާއީދު އިންތިހާއަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.
- ޕިއު ރިސާޗް ސެންޓަރުން ފާއިތުވި ޖޫން މަހު ނެގި ޚިޔާލު ހޯދުމުގެ ވޯޓަކުން ދައްކާ ގޮތުގައި، އެމެރިކާގެ ބޮޑެތި މީހުންގެ ތެރެއިން 60 އިންސައްތަ މީހުން ޔަހޫދީ ރެޖީމާ މެދު ދެކެނީ ނޭދެވޭ ގޮތަކަށެވެ.
- މިއީ 2022 ވަނަ އަހަރު 42 އިންސައްތައިގައި އުޅުނު އަދަދެކެވެ. މީގެ އިތުރުން ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ސިޔާސަތުތަކަށް އެމެރިކާގެ 65 އިންސައްތަ އާންމުން ނުރުހޭ ކަން ވެސް އެ ދިރާސާއިން ވަނީ ހާމަވެފައެވެ.
އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ 100 އަށްވުރެ ގިނަ ޑިމޮކްރެޓިކް މެންބަރުން ވަނީ ޖެނޮސައިޑް ހިންގަން އެމެރިކާއިން އިސްރާއީލަށް ދޭ 3.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ ކަނޑާލުމަށް ގޮވާލާފައެވެ.
އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް ވަނީ ނަތަންޔާހޫގެ ބައެއް ސިޔާސަތުތަކަށް ފާޑުވިދާޅުވެ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް އެމެރިކާއިން ހުށަހެޅި ރޭވުންތަކަށް ނަތަންޔާހޫ ދެކޮޅު ހެދުމުން ނުރުހިފައެވެ.







