ސްކޫލު ކުދިން މިސްކިތެއް ދައްކާލަން ގެންދިއުމުން ދައުވާކޮށްފި

އެމެރިކާގެ ކެލިފޯނިއާގެ ޕާލޯ އަލްޓޯ ޔުނިފައިޑް ސްކޫލް ޑިސްޓްރިކްޓާއި އެ ސަރަހައްދުގެ ހައިސްކޫލެއްގެ ޕްރިންސިޕަލާ ދެކޮޅަށް، ކޯޓުގައި ދައުވާ ކޮށްފިއެވެ. މި ދައުވާ ކޮށްފައި ވަނީ ސްކޫލު ކުދިން މިސްކިތެއް ދައްކާލަން ގެންދިއުމާއި މިސްކިތުގައި އިސްލާމީ ސަގާފަތާ ބެހޭ މައުލޫމާތު ދީ ކުދިން ހޭލުންތެރި ކުރުމަށް މަސައްކަތް ކުރުމުންނެވެ.

ދައުވާގައި ބުނެފައި ވަނީ ކުދިންނަށް ޤުރުއާނާ ބެހޭ މައުލޫމާތު ދިން ކަމަށާއި ބުރުއަޅާ ގޮތްވެސް ކިޔައި ދިން ކަމަށެވެ.

މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ "ކޮމިއުނިޓީ މެމްބަރސް ފޯ ރިލިޖަސް ނިއުޓްރަލިޓީ އިން ޕަބްލިކް ސްކޫލްސް" ނަމަކަށް ކިޔާ ސްކޫލުގައި ދީނީ ހޭލުންތެރިކަމާ ދެކޮޅަށް މަސައްކަތް ކުރާ ޖަމިއްޔާއަކުންނެވެ.

މި ގްރޫޕްގައި ޔަހޫދީ، ހިންދޫ އަދި އަލިފާނަށް އަޅިކަން ކުރާ ދީނުގެ މީހުން ހިމެނެއެވެ.

ދައުވާގައިވާ ގޮތުން، 2025 ވަނަ އަހަރުގެ ޚަރީފް މޫސުމުގައި ސްކޫލުގެ "ސޯޝަލް ޖަސްޓިސް ޕާތުވޭ" ޕްރޮގްރާމުގެ ދަށުން ދަރިވަރުން ވަނީ އެހިސާބުގައި ހުންނަ މިސްކިތަކަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރުގައި ދަރިވަރުންނަށް ކީރިތި ގުރުއާން ދައްކައި ޤުރުއާނާ ބެހޭ މައުލޫމާތުދީ އިސްލާމްދީނަކީ އިޖުތިމާއީ އަދާލަތަށް ބާރުއަޅާ ދީނެއްކަން ބުނެދީފައިވާ ކަމަށް ބެލެނިވެރިން ތުހުމަތުކުރެއެވެ. އަދި އަންހެން ދަރިވަރުންނަށް ހިޖާބު އެޅުމާ ބެހޭ މައުލޫމާތުދީ ހިޖާބު އަޅާގޮތް ކިޔައިދީ، ދަރިވަރުންގެ ފޮޓޯ ބެލެނިވެރިންގެ ހުއްދައެއް ނެތި އާންމުކޮށްފައިވާ ކަމަށްވެސް ދައުވާގައި ވެއެވެ.

އޭގެ އިތުރުން، އެ ދަތުރުގައި ކައުންސިލް އޮން އެމެރިކަން-އިސްލާމިކް ރިލޭޝަންސް (ކެއަރ) މުއައްސަސާގެ ސެން ފްރަންސިސްކޯ ބޭ އޭރިއާގެ އެގްޒެކެޓިވް ޑައިރެކްޓަރު ޒަހްރާ ބިއްލޫ ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަދައްކަވާފައިވާ ކަމަށް ބުނެފައިވެއެވެ. ބެލެނިވެރިން އޮޅުވާލައިގެން ބުނެފައިވާ ގޮތުގައި ބިއްލޫއަކީ ސިޔާސީ އަދި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޚިޔާލުތަކެއް ގެންގުޅުއްވާ ބޭފުޅެކެވެ.

ދައުވާކުރާ ފަރާތްތަކުން ބުނަނީ ސްކޫލްގެ މި އަމަލުގެ ސަބަބުން އެމެރިކާގެ ގާނޫނުއަސާސީގެ ފުރަތަމަ އިސްލާހުން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ސާދަ ވަނަ އިސްލާހުގެ ދަށުން ލިބޭ ހަމަހަމަކަމުގެ ރައްކާތެރިކަމާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ މައުލުމާތުދީ އެ ދީނަކީ ސުލްހައިގެ ދީނެއް ކަމަށް ބުނެ ސިފަކުރުމަކީ ކުދިންގެ ނަފްސާނީ އަދި އަމިއްލަ މިނިވަންކަމަށް އަރައިގަތުން ކަމަށްވެސް އެފަރާތްތަކުން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން ސްކޫލް ސުޕްރިންޓެންޑެންޓް ޖޭސަން ގްލާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދައުވާގައިވާ ތުހުމަތުތައް އަދި ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ސްކޫލްތަކުގައި ދީނީ ތައުލީމު ދޭންވާނީ ދީނީ އަޅުކަމެއްގެ ގޮތުގައި ނޫން ކަމަށާއި، އެއީ އެކަޑެމިކް މައުލޫމާތެއްގެ ގޮތުގައި ދޭ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް ދީނަކަށް ތަފާތުކުރުމެއް ނެތި ހަމަހަމަކަމާއެކު ކަންކަން ކުރިއަށްގެންދިއުމުގެ އުސޫލުތަކަށް އިހުތިރާމްކުރައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގެ ފުރަތަމަ އިބްތިދާއީ އަޑުއެހުން ކަމަށްވާ ކޭސް މެނޭޖްމަންޓް ކޮންފަރެންސް އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ.

ހިއްސާ ކުރައްވާ!