Unsplash by Chris Karidis
Unsplash by Chris Karidis

މަސްޖިދުއް ތަޤްވާ ބަންދުކުރުމަކީ އިސްލާމޯފޯބިއާގެ އަމަލެއް

ޕެރިސްގެ އިރުއުތުރުން އޮންނަ އޯލްނޭ-ސޫ-ބުވާ ސަރަހައްދުގެ މަސްޖިދުއް ތަޤްވާ އާންމުންނަށް ނުވަދެވޭގޮތަށް ބަންދުކުރުމަށް ފްރާންސްގެ ސަރުކާރުން ނިންމި ނިންމުމާ ގުޅިގެން، ފްރާންސްގެ މުސްލިމުންނާއި ސަރުކާރާ ދެމެދު ނުތަނަވަސްކަން އިތުރުވެ، އިސްލާމޯފޯބިއާގެ ބަހުސް ބޮޑުވެއްޖެއެވެ.

ސަރަހައްދީ އިދާރާއިން ނެރުނު އަމުރެއްގެ ދަށުން މި މިސްކިތް 6 މަސްދުވަހުގެ މުއްދަތަށް ބަންދުކުރަން ނިންމީ، އެތަނުގައި މިސްކިތުގައި "އަނިޔާވެރިކަމާއި ނަފްރަތު އުފެއްދުމަށާއި، ޓެރެރިޒަމަށް ހިތްވަރުދީ، ކުދިންނަށް އަނިޔާކުރުމަށް ގޮވާލާ އާޔަތްތައް ހިމަނައިގެން" ޚުތުބާތަކާއި ދީނީ އިރުޝާދުތައް ދެމުންދާކަމަށް ތުހުމަތުކޮށެވެ. މި ނިންމުން ނިންމާފައިވަނީ ފްރާންސްގެ އެތެރޭގެ ރައްކާތެރިކަމާ ބެހޭ ގާނޫނަށް ހަވާލާދީއެވެ.

ނަމަވެސް، މިސްކިތުގެ އިދާރާއިންނާއި ޚުތުބާދެއްވާ އިމާމުން ވަނީ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ.

އެފަރާތްތަކުން ބުނާ ގޮތުގައި ފްރާންސްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގުރްއާނުގެ އާޔަތްތަކާއި، ކީރިތި ރަސޫލާގެ ހަދީސްފުޅުތަކާއި، ޚުތުބާތަގައި ހިމެނޭ ވާހަކަތަކުގެ އަސްލު މާނަ އޮޅުވާލައި ފައެވެ. އަދި މިއީ ވިލާތުގައި އާންމުވަމުންދާ އިސްލާމްދީނާމެދު އޮތް ނަފްރަތާއި އިސްލާމޯފޯބިއާގެ ތެރެއިން ހިންގާފައިވާ ކަމެއް ކަމަށްވެސް އެފަރާތްތަކުން ތުހުމަތުކުރެއެވެ.

މިސްކިތުގެ އިމާމް އަދި ޚަތީބު ޝައިޚް ސުފިޔާން އަބޫ އަައްޔޫބު ޙަމީދީ ވިދާޅުވީ، ހުތުބާތަކުގައި "ޖިހާދު" އަދި "ކާފަރު" ފަދަ ބަސްތައް ބޭނުން ކޮށްފައި ވަނީ އޭގެ ދީނީ އަދި ތައުލީމީ މާނައިގައި ކަމަށެވެ. އަދި އޭނާގެ ދަރުސްތަކުގައި އަބަދުވެސް ގޮވާލަނީ ސުލްހަވެރިކަމާއި، ރީތި އަޚުލާގާއި، ދީނީ ތަފާތުކަމަށް އިހުތިރާމް ކުރުމަށެވެ. އަދި ދީނީ މައުލޫމާތު އޮޅުންފިލާފައި ނެތުމަކީ ހައްދުފަހަނައެޅުމަށް މަގުފަހިވާ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަސްޖިދުއް ތަޤްވާ ހިންގާ ޖަމިއްޔާގެ ރައީސް ނަޖީބް ގަލޫލް ވިދާޅުވި ގޮތުގައި، މިސްކިތް ބަންދުކުރަން ނިންމި ނިންމުމުގައި ހުރި ކަންކަމަކީ އެއްވެސް އަސާސެއް ނެތް ދޮގުތަކެކެވެ.

ޚާއްޞަކޮށް، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ އަގްސާ ޠޫފާނާއި މިސްކިތާ ގުޅުވުމާއި، ހައްދުފަހަނައެޅި ފަރާތްތަކަށް މިސްކިތުން ފުރުސަތު ދިންކަމަށް ކުރެވޭ ތުހުމަތުތައް އޭނާ ދޮގުކުރެއްވިއެވެ.

އިމާމް ނަވަވީގެ "ރިޔާޟުއްޞާލިޙީން" ފަދަ ފޮތްތަކުން ދަރުސްދިނުމަކީ ހައްދުފަހަނައެޅުމުގެ އަމަލެއްގެ ގޮތުގައި ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، އެ ފޮތަކީ ފްރާންސްގެ އާންމު ކުތުބުޚާނާތަކުންނާއި ފިހާރަތަކުން ފާޅުކަން ބޮޑުގޮތެއްގައި ލިބެންހުރި ފޮތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެތައް ސަތޭކަ މުސްލިމުން އަޅުކަންކުރުމަށް އެއްވާ މި މިސްކިތަކީ، ހަމައެކަނި އަޅުކަންކުރާ ތަނެއްގެ އިތުރުން ސަރަހައްދީ އިޖުތިމާއީ ރޫހު އާލާކޮށް، އަރަބި ބަހާއި ދީނީ ތައުލީމު އުނގަންނައިދީ، ޒުވާނުންގެ މެދުގައި އުފެދޭ މައްސަލަތައް ހައްލުކުރުމަށް މުހިންމު ދައުރެއް އަދާކުރި ތަނެކެވެ.

މިސްކިތް ބަންދުކުރުމުގެ މައްސަލައިގައި އާންމުން އެދެނީ މި ނިންމުން އިންސާފުވެރި ޝަރުއީ މަރުހަލާއަކުން އަލުން މުރާޖާއާކޮށް، ވަކިފަރާތަކަށް ނުޖެހޭ އަދި ހަގީގަތުގެ މައްޗަށް ބިނާވެފައިވާ ނިންމުމެއް ނެރުމަށެވެ.

މުސްލިމުން ފާހަގަކުރާ ގޮތުގައި ފްރާންސްގެ ލާދީނީ އިލްމާނީ އުސޫލުތަކުގެ ދަށުން އެހެން ރައްޔިތުންނެކޭ އެއްފަދައިން މުސްލިމުންނަށްވެސް ދީނީ މިނިވަންކަމާއި އިހުތިރާމް ލިބެންޖެހޭނެއެވެ.

ހިއްސާ ކުރައްވާ!