Unsplash by Chris Karidis
Unsplash by Chris Karidis

ފަރަންސޭސިވިލާތުގައި ހިންގި ހަމަނުޖެހުންތަކުގައި ދެހާހަށްވުރެ ގިނަ ފިހާރަ ލޫޓުވާލައިފި

ފަރަންސޭސިވިލާތުގައި ހިނގަމުންދާ މުޒާހަރާތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުރި ދެހާހަށްވުރެ ގިނަ ފިހާރައާއި ވިޔަފާރި މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ފަރަންސޭސި ޗޭމްބަރ އޮފް ކޮމާސް އިން ހާމަކޮށްފިއެވެ. މި ހަމަނުޖެހުންތަކުގެ ސަބަބުން ލިބުނު މާލީ ގެއްލުންތަކުގެ އަދަދު އެތައް ސަތޭކަ މިލިއަން ޔޫރޯއަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ފަރަންސޭސި ޗޭމްބަރ އޮފް ކޮމާސްގެ ވެރިޔާ އާލެން ޑި ކްރެސިންޒޯ ވިދާޅުވި ގޮތުގައި، ހަފުތާ ބަންދުގައި ހިންގި ޖަރީމާތަކުގައި ފުރަތަމަ ލަފާކުރެވުނީ 1500 ފިހާރައަށް ގެއްލުން ލިބުނު ކަމަށެވެ. ނަމަވެސް ބައެއް ސަރަޙައްދުތަކުގެ މައުލުމާތު އަދިވެސް ލިބެމުންދާތީ، ގެއްލުން ލިބުނު ފިހާރަތަކުގެ ޢަދަދު 20ހާހަށްވުރެ މައްޗަށް ގޮސްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޕެރިސް، މަރްސޭ، ލިޔޯން، އަދި ނާންޓްސް ފަދަ ބޮޑެތި ސަރަޙައްދުތަކުގައި މި ހަމަނުޖެހުންތައް ރޭގަނޑުގެ ވަގުތުތަކުގައިވެސް މެދުކެނޑުމެއްނެތި ކުރިއަށްދިޔަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަމާ ގުޅިގެން ފަރަންސޭސި ބޮޑުވަޒީރު ސެބަސްޓިއަން ލެކޯރނޫ ވިދާޅުވީ، ޤައުމުގެ މަސްރަޙު ކޮންޓްރޯލު ކުރުމަށްޓަކައި ކުއްލި ޙާލަތު އިއުލާން ކުރާ ކަމަށެވެ. އަދި ޙާލަތު އޮތްގޮތުން ވިޔަފާރިތަކާއި ޢާންމުންގެ ސަލާމަތަށްޓަކައި ކާފިއު ހިންގުން ފަދަ ހަރުކަށި ފިޔަވަޅުތައް އެޅުމަކީ ހައްލެއްކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ފަރަންސޭސި ދާޚިލީ ވަޒީރު ލޮރަން ނޫނީޒް ވިދާޅުވީ، ސަލާމަތީ ބާރުތަކަށް ބައެއް ސަރަޙައްދުތަކުގެ ޙާލަތު ކޮންޓްރޯލް ކުރުމުގައި ދަތިތަކާ ކުރިމަތިވި ކަމަށާއި، ކަންކަން ކުރިއާލައި ރޭވުމުގައި ބައެއް މައްސަލަތައް ހުރިކަން ޤަބޫލުކުރައްވާ ކަމަށެވެ.

ފަރަންސޭސި ޖަސްޓިސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މި ހަފުތާ ބަންދުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 2331 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ވައްކަން ކޮށް ފިހާރަތައް ފޭރިގަނެ، ހުޅުޖެހުމުގެ ޖަރީމާތައް ހިންގި ފަރާތްތަކާ ދެކޮޅަށް ޝަރުޢީ މަރުޙަލާގެ މަސައްކަތްތައް ބާރުމުނެއްގައި ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ހިއްސާ ކުރައްވާ!