އަފްޣާނިސްތާނުގައި ތާލިބާނުން 2021 ވަނަ އަހަރު އަލުން ވެރިކަމަށް އައީ، އެގައުމުގެ އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުން އެކަންޏެއް ނޫނެވެ. އެއީ ސަރަހައްދީ ގައުމުތަކުގެ އިންޓެލިޖެންސް ރޭވުންތަކާއި ޕްރޮކްސީ ސިޔާސަތުތަކުގެ ނަތީޖާ އެކެވެ.
ދޯހާ އެގްރީމަންޓުގެ ސިޔާސީ ފަސްމަންޒަރަށް ވުރެ ދުރަށް ބަލާއިރު، ތާލިބާނުންގެ އުފެދުން ގުޅިފައިވަނީ ސޯވިއެޓް ޔޫނިއަންގެ އިއްތިހާދު އަފްޣާނިސްތާނުން ފޭބި ހިސާބުން ނެވެ. އެހިސާބުން ސަރަހައްދީ ގައުމުތަކުން ކުޅެންފެށީ އަފްޣާނިސްތާނުގައި ރާޒުވާކުޅިބައެއްގެ ކުޅިގަނޑެކެވެ.
1992 ވަނަ އަހަރުގެ ޕޭޝާވަރު މުއާހަދާ އެކުލަވާ ލެވުނެވެ. މުޖާހިދީންގެ ގްރޫޕްތައް ކަމަށްވާ ހިޒްބޭ އިސްލާމީ އަދި ޖަމިއްޔަތޭ އިސްލާމީ ފަދަ ޖަމާއަތްތަކުން އެއް ބަޔަކު އަނެއް ބަޔަކާ އެކު އަހުލީ ހަނގުރާމއެއް ކުރިއެވެ. މި ހަނގުރާމައިގެ ތެރެއިން، ބައެއް ޖަމާއަތްތަކަށް ޕާކިސްތާނުގެ އަސްކަރީ ދާއިރާއިންވެސް އެހީތެރިވެ ދިނެވެ. އެ އެހީތެރިކަމުން އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ މަޝްހުރު ޖަމާއަތަކީ، ތާލިބާނުންގެ ޖަމާއަތެވެ. މިމިހުން ވެގެން ދިޔައީ ސިޔާސީ ހަރަކާތަކަށެވެ.
މުޖާހިދީންގެ ކޮމާންޑަރުން ކޮންޓްރޯލްކުރަން އުނދަގޫވެގެން ދިއުމާއެކު އުފެއްދި މި ޖަމާއަތަކީ ޕޭޝާވަރުގެ ހައްގާނިއްޔާ މަދަރްސާއިން އުފަންވި ބައެކެވެ. އެއީ، އަވަށްޓެރި ގައުމުގައި އިސްލާމްއާބާދުގެ މަސްލަހަތު ހިމާޔަތްކުރާނެ ޖަމާއަތެއް ކަމަށް ހަމަޖެއްސިއެވެ.
އަފްޣާނިސްތާނުގެ ދާޚިލީ ވަޒިރު ސިރާޖުއްދީން ހައްގާނީއާއި އޭނާގެ އާއިލާއަކީ، މިހާރުގެ ތާލިބާން ސަރުކާރުގެ އެންމެ ނުފޫޒު ގަދަ އާއިލާއެވެ.
މި ޖަމާއަތް އުފެއްދީ ކިޔަމަންތެރި ބައެއްގެ ގޮތުގައެވެ. އަދި މަގްބޫލުކަން ލިބޭނެ ގޮތަކަށް، ދީނީ ފްރޭމްވޯކެއްގެ ތެރޭގައި ތިބި ބަޔެއްގެ ގޮތުގައެވެ.
1996 ގައި މުއްލާ މުހައްމަދު އުމަރުގެ ލީޑަރޝިޕްގެ ދަށުން ވެރިކަމަށް އައި ތާލިބާނުންނަށް ޕާކިސްތާނާއި، ސައޫދީ އަރަބިއްޔާ އަދި ޔޫއޭއީއިން ސިޔާސީ ރަސްމީ ހިމާޔަތް ދިނެވެ.
2001 ވަނަ އަހަރު އެމެރިކާއިން ތާލިބާނުންގެ ސަރުކާރު ވައްޓާލި އެވެ. ނަމަވެސް، ތާލިބާނުންގެ ސީނިއާ ލީޑަރުންނާއި ހައްގާނީ އާއިލާއާއި ގާތް ފަރާތްތަކުގެ ވެރިކަމުގެ ވިއުގަ އޮތް ގޮތަށް އަލުން ޕާކިސްތާންގެ ޕޭޝާވަރަށް ބަދަލުވިއެވެ.
އެ ނެޓްވޯކް ސަލާމަތުން ދެމިއޮތީ ޕާކިސްތާނުގެ ބޯޑަރު ސަރަހައްދުތަކުން ލިބުނު ރައްކާތެރި ސަރަހައްދާއި ވާގިވެރިކަމުގެ ސަބަބުންނެވެ.
އަފްޣާނިސްތާނުގެ މިހާރުގެ ހާލަތަށް ބާލައިރު ބޭރުގެ ބާރުތަކުން އެގައުމަކީ އަމިއްލަ ސިޔާދަތީ ގައުމެއްގެ ގޮތުގައި ބަލައި ގަންނަ ގައުމެއް ނޫނެވެ. އެހެންވެ، ތާލިބާނުން ވެރިކަން ގާއިމް ކުރުމުންވެސް ގައުމުތަކުން ވަނީ އަފްޣާން އަމީރުލްމުއުމިނީން ހިބަތުالله އަޚުންދްޒާދާގެ ވެރިކަން ގަބޫލު ކުރުމަށް ދެކޮޅު ހަދާފައެވެ.
ފަސް އަހަރު ތާލިބާންގެ ދެވަނަ ވެރިކަމަށް ވެފައިވާއިރު އެގައުމަކ މިހާރު މިފަހުން ފެނިފައި ނުވާފަދަ އަމާން ކަމެއް ގާއިމް ވެފައިވާ ތަނެކެވެ. އިގްތިސާދު އިނދެޖެހިފައި އޮތް ނަމަވެސް އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތް ކުރާ ގައުމެކެވެ.







