ޕާކިސްތާނާއި އީރާނުން އަފްޣާނިސްތާނުގެ މިލިއަނެއްހާ ރެފިއުޖީން ފޮނުވާލުމުން ބޮޑު އިންސާނީ މުސީބާތެއްގެ ނުރައްކާ ބޮޑުވެއްޖެ

ޕާކިސްތާނާއި އީރާނުން ގަވާއިދާ ހިލާފަށް އުޅޭ އަފްޣާނިސްތާނުގެ ރެފިއުޖީން ގަދަކަމުން އަނބުރާ ގައުމަށް ފޮނުވާލުމުގެ ހަރުކަށި ފިޔަވަޅުތައް ވަރުގަދަކުރުމާ ގުޅިގެން، މިލިއަނެއްހާ އަފްޣާނުން ނޭނގުމެއްގެ ތެރޭގައި ތިބެ އަނބުރާ ގައުމަށް އެނބުރި އަންނަންޖެހި، ބޮޑު އިންސާނީ މުސީބާތަކާ ކުރިމަތިލާންޖެހިއްޖެއެވެ.

އދގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި ފާއިތުވި ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެކަނިވެސް 6 މިލިއަނަށްވުރެ ގިނަ އަފްޣާނުން ވަނީ ސަރަހައްދު ހުރަސްކޮށް އަފްޣާނިސްތާނަށް އެނބުރި ގޮސްފައެވެ. މިއީ ތާލިބާނުންގެ ވެރިކަމުގެ ދަށުގައި އޮތް އަފްޣާނިސްތާނުގެ އިގްތިސާދު އިތުރަށް ހީނަރުވެ ވަސީލަތްތަކަށް ނުހަނު ބޮޑަށް ބާރުބޮޑުވެގެން ގޮސްފައިވާ ކަމެކެވެ.

އިސްލާމްއާބާދާއި ތެހެރާނުން މި ނިންމުން ނިންމާފައިވަނީ ގައުމީ ސަލާމަތަށް ހުރި ނުރައްކާތަކާއި، އާންމު ޚިދުމަތްތަކަށް ބާރުބޮޑުވަމުންދާތީ ކަމަށް ބުނެއެވެ. ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން އަހަރުތަކެއް ވަންދެން ބޭރު ގައުމުތަކުގައި ދިރިއުޅެ، އެ ގައުމުތަކުގައި އާއިލާތައް ބިނާކޮށްފައިވާ ގިނަ ބަޔަކު ވަނީ ކުއްލިއަކަށް ހުރިހާ ވަސީލަތްތަކަކުން މަހްރޫމުވެފައެވެ.

ތޯރުޚަމް ސަރަހައްދު ފަދަ ބޯޑަރުތަކުން އަފްޣާނިސްތާނަށް އެތެރެވާ އާއިލާތަކަށް ބޭނުންވާ ސާފުބޯފެނާއި، ބޭސްފަރުވާއާއި، ވަގުތީ ހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެހީދޭ ޖަމްއިއްޔާތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. އދ. ގެ ރެފިއުޖީ އޭޖެންސީން ސިފަކުރާ ގޮތުގައި މިހާރު އެނބުރި އަންނަ މީހުންގެ އަދަދަކީ ކުޑަ ގައުމެއްގެ މުޅި އާބާދީއާ އެއްވަރުގެ އަދަދެކެވެ.

ތާލިބާނުންގެ ހާރިޖީ ވަޒީރު އާމިރު ޚާން މުއްތަގީ ވިދާޅުވެފައިވަނީ، ގިނަ އަދަދެއްގެ ރައްޔިތުން ކުއްލިއަކަށް އެނބުރި އައުމަކީ ގައުމީ ވަސީލަތްތަކަށް ބާރުބޮޑުވާ ކަމެއް ކަމަށްވީ ނަމަވެސް، ދުރު މުސްތަގުބަލުގައި މިއީ ގައުމުގެ މަސައްކަތްތެރިންގެ ބާރު ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. ނަމަވެސް، ތާލިބާނުން އަންހެނުންގެ ތައުލީމަށާއި ވަޒީފާ އަދާކުރުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، އެނބުރި އަންނަ މީހުންގެ ބޮޑު އިންސައްތައެއް ހިއްސާކުރާ އަންހެނުންނާއި ކުޑަކުދިންގެ ހާލަތު އިތުރަށް ގޯސްވެ، އަސާސީ ހައްގުތަކުން މަހްރޫމުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ހިއްސާ ކުރައްވާ!