މައުލަވީ އާމިރު ޚާން މުއްތަޤީ: ތާލިބާންގެ ޚާރިޖީ ސިޔާސަތުގެ މޭސްތިރި

އަފްޣާނިސްތާނުގެ ސިޔާސީ މަސްރަހަށާއި ތާލިބާން ޙަރަކާތުގެ އެތެރޭގެ ހިންގުމަށް ބަލާއިރު، މައުލަވީ އާމިރު ޚާން މުއްތަޤީއަކީ އެ ޙަރަކާތުގެ އެންމެ ނުފޫޒުގަދަ އަދި ތަޖުރިބާކާރު ސިޔާސީ ޝަޚުޞިއްޔަތުތަކުގެ ތެރެއިން އެކަކެވެ. 2021 ވަނަ އަހަރުގެ އޯގަސްޓް މަހު ތާލިބާނުން އަލުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވި ފަހުން، އެ ޙަރަކާތުގެ ވަގުތީ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ މަޤާމު އަދާކުރައްވަމުން ގެންދަވަނީ މައުލަވީ މުއްތަޤީއެވެ. ބައިނަލްއަޤުވާމީ މުޖުތަމޢާއެކު ގުޅުން ބަދަހިކުރުމަށާއި، ދަތިކުރުމުގެ ފިޔަވަޅުތަކުން ސަލާމަތްވުމަށް ތާލިބާނުން ކުރާ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ އޭނާއެވެ.

މައުލަވީ އާމިރު ޚާން މުއްތަޤީ އުފަންވެވަޑައިގަތީ އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައެވެ. ނަމަވެސް އޭނާގެ އާއިލާއަކީ ޤަންދަހާރުގެ އަޞްލެއް އޮންނަ، އަދި ޕަޝްތޫން ނަސްލުގެ ބޮޑު ޤަބީލާއަކަށް ނިސްބަތްވާ ބަޔެކެވެ.

1970 ގެ އަހަރުތަކުގެ ފަހުކޮޅު ސޯވިއެޓް އިއްތިހާދުން އަފްޣާނިސްތާނަށް އަރައިގަތުމާ ގުޅިގެން، އޭނާގެ އާއިލާ ވަނީ ޕާކިސްތާނަށް ހިޖުރަކޮށްފައެވެ. މުއްތަޤީ ދީނީ ތަޢުލީމު ޙާޞިލުކުރައްވައިގެން މައުލަވީ ފާސް ނެންގެވީ ޕާކިސްތާނުގެ ހައިބަރު ޕަޚްތޫންޚްވާ ސަރަޙައްދުގައި ހުންނަ މަޝްހޫރު ދީނީ މަދްރަސާތަކުންނެވެ.

ތާލިބާން ޙަރަކާތް 1990 ގެ އަހަރުތަކުގެ މެދުތެރޭގައި އުފެދިގެން އައިއިރު، މުއްތަޤީ ވަނީ އެ ޙަރަކާތުގެ އިސް ސަފާ ގުޅިވަޑައިގަންނަވާފައެވެ.

1996 އިން 2001 އަށް ތާލިބާނުން ފުރަތަމަ ފަހަރަށް އަފްޣާނިސްތާނުގައި ވެރިކަން ކުރިއިރު، އޭނާ ވަނީ މަޢުލޫމާތާއި ޘަޤާފަތާ ބެހޭ ވަޒީރުކަމާއި، ސިވިލް އޭވިއޭޝަން ވަޒީރުކަން ފަދަ މުހިންމު މަޤާމުތައް ފުރައްވާފައެވެ. އެ ދުވަސްވަރުވެސް އޭނާ ފާހަގަކުރެވިފައިވަނީ ތާލިބާނުންގެ އުޞޫލުތަކާއި ނިންމުންތައް މީޑިއާތަކަށާއި އާންމުންނަށް ތަރުޖަމާކޮށްދެއްވި މައިގަނޑު ތަރުޖަމާނުގެ ގޮތުގައެވެ.

2001 ވަނަ އަހަރު އެމެރިކާ އިސްވެއޮތް އިއްތިހާދުން ތާލިބާނުންގެ ވެރިކަން ވައްޓާލުމަށްފަހު، މުއްތަޤީ ވަނީ ތާލިބާނުންގެ ނިންމުންތައް ނިންމާ އެންމެ މަތީ މަޖިލިސް ނުވަތަ "ރަހްބަރޭ ޝޫރާ" ގެ މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގަންނަވާފައެވެ. އަދި ޤަތަރުގެ  ދޯހާގައި ކުރިއަށްދިޔަ އެމެރިކާއާއި ތާލިބާނުންގެ ސުލްހައިގެ މަޝްވަރާތަކުގައި ސިޔާސީ މެންބަރެއްގެ ގޮތުގައި އޭނާ ވަނީ ނުހަނު މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭރުވުމުގެ މަގު ތަނަވަސްވެގެންދިޔައެވެ.

ޚާރިޖީ ވަޒީރުގެ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު، މުއްތަޤީއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތާލިބާން ސަރުކާރަށް ބައިނަލްއަޤުވާމީ ރަސްމީ ބަލައިގަތުން ހޯދުމެވެ.

އަންހެނުންގެ ތަޢުލީމާއި ވަޒީފާގެ ޙައްޤުތަކަށް ހުރަސްއެޅުމުގެ ސަބަބުން ހުޅަނގުގެ ޤައުމުތަކުން ތާލިބާން ސަރުކާރު ބަލައިގަތުމަށް ދެކޮޅުހަދަމުންދާއިރު، މުއްތަޤީ ގެންދަވަނޯ ސަރަޙައްދީ އެހެން ޤައުމުތަކާއެކު، ޚާއްޞަކޮށް ޗައިނާ، ރަޝިޔާ، އިރާން އަދި މެދުއިރުމަތީގެ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ދީނީ ތަޢުލީމާއި ސިޔާސީ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުއްތަޤީ މައިގަނޑު ގޮތެއްގައި ގިނަ ބަސްބަހުން ވާހަކަދައްކަވައި، ސަރަޙައްދީ ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުންތައް ބަދަހިކުރެއްވުމުގައި އެ ބަސްތަކުގެ ބޭނުން ހިއްޕަވައެވެ.

އަފްޣާނިސްތާނުގެ ރަސްމީ ދެ ބަސް ކަމަށްވާ ޕަޝްތޯ އާއި ދާރީ ބަހުން ފުރިހަމައަށް މުޢާމަލާތް ކުރެއްވުމުގެ އިތުރުން، އޭނާއަކީ ޢަރަބި ބަހާއި އުރުދޫ ބަސްވެސް ދަންނަ ބޭފުޅެކެވެ. މުއްތަޤީގެ މާދަރީ ބަހަކީ ޕަޝްތޯ ބަސް ކަމަށްވާއިރު، އަފްޣާނިސްތާނުގެ ސަރުކާރުގެ ރަސްމީ ކަންކަމާއި ޚިތާބުތަކުގައި އޭނާ މައިގަނޑުކޮށް ބޭނުންކުރައްވަނީ ޕަޝްތޯ އަދި ދާރީ ބަހެވެ. މީގެއިތުރުން، އަރަބި ބަހާއި އިނގިރޭސި ބަސްވެސް ދަނެ ވަޑައިގަންނަވައެވެ. ނަމަވެސް އޭނާ އިނގިރޭސިން ވާހަކަ ދައްކަވައި ނުހައްދަވައެވެ.

ސިޔާސީ އަދި ދިފާއީ މާހިރުން ފާހަގަކުރާ ގޮތުގައި، މުއްތަޤީއަކީ ހަރުކަށި ފިކުރުގެ މީހުންނާއި މުއާމަލާތްކުރުމުގެ ހުނަރު ހުރި، އަދި ހުޅަނގުގެ ދުނިޔެއާއެކުވެސް ވާހަކައްދެއްކުމުގެ ޤާބިލުކަން ހުރި ހިކުމަތްތެރި ސިޔާސީ ބޭފުޅެކެވެ. ތާލިބާންގެ އެތެރޭގެ ޚިޔާލުތަފާތުވުންތައް ހަމައަކަށް އަޅުވައި، ބައިނަލްއަޤުވާމީ މުޖުތަމޢުގެ ފިއްތުންތަކާއެކުވެސް ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކުރިއަށްގެންދިއުމުގައި އޭނާގެ ދައުރު ކުރިއަށް އޮތް ތަނުގައިވެސް ވަރަށް ބޮޑުވާނެއެވެ.

ހިއްސާ ކުރައްވާ!