އެމްޓީސީސީގެ "މާލޭ ޓެކްސީ" އެޕްލިކޭޝަން ހެކްކުރީތަ؟ ކުންފުނި ހިމޭނުން! ޖަވާބެއް ނެތް!

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން 13 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއްކޮށްގެން ތަރައްގީކޮށް ޚިދުމަތް ދެމުންދާ "މާލޭ ޓެކްސީ" އެޕްލިކޭޝަންގެ ސެކިއުރިޓީ ބްރީޗްވެ، އެ އެޕްލިކޭޝަން ބޭނުންކުރާ އާންމު ކަސްޓަމަރުންގެ ޒާތީ ގިނަ މައުލޫމާތުތަކެއް އިންޓަނެޓަށް ލީކުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ކުންފުނީގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދިވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި އާންމުވި މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެޕްލިކޭޝަންގެ ނިޒާމަށް ބަޔަކު ވަދެގަނެފައިވާކަން ފުރަތަމަ ފާހަގަކުރެވުނީ އެޕް ތެރޭގައި ހިމެނޭ ޓެކްސީ ޑްރައިވަރުންގެ މައުލޫމާތަށް ބަދަލުތަކެއް އައުމުންނެވެ. އެގޮތުން، ބައެއް ޑްރައިވަރުންގެ ނަންތައް "ހަސަންކުރުސީ" ގެ ނަމަށް ބަދަލުކޮށްފައިވާ މަންޒަރު ފެންނަ ސްކްރީންޝޮޓްތައް ސޯޝަލް މީޑިއާގެ ތަފާތު މަންސަތަކުގައި ވަނީ އާންމުވެފައެވެ.

ނަމަވެސް، މި ސެކިއުރިޓީ ބްރީޗްގެ ނުރައްކާތެރިކަން ބޮޑުވެގެންދިޔައީ ހިދުމަތް ހޯދާ އާންމު ކަސްޓަމަރުންގެ އެކައުންޓްު މައުލޫމާތުތަކެއް އާންމުވުމާ ގުޅިގެންނެވެ. ލީކުވެފައިވާ މައުލޫމާތުތަކުގެ ތެރޭގައި، އެޕްލިކޭޝަން ބޭނުންކުރި ކަސްޓަމަރުންގެ ފުރިހަމަ ނަމާއި، ފޯނު ނަންބަރާއި، އީމެއިލް އެޑްރެހުގެ އިތުރުން ޑިޖިޓަލް ވޮލެޓް އައިޑީތައް ހިމެނެއެވެ. މީގެ އިތުރުން، ކަސްޓަމަރުން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލީ ހިސްޓްރީއާއި، ދަތުރުގެ ތެރޭގައި ޑްރައިވަރުންނާއި ކަސްޓަމަރުންނާ ދެމެދު ބަދަލުކޮށްފައިވާ އަމިއްލަ މެސެޖުތައްވެސް ވަނީ އާންމުވެފައެވެ.

މި މައްސަލައާ ގުޅިގެން މައުލޫމާތު ހޯދުމަށް އެމްޓީސީސީގެ މީޑިއާއަށް މެސެޖު ކުރުމުން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ.

"މާލޭ ޓެކްސީ" އެޕްލިކޭޝަނަކީ ސަރުކާރުގެ މައި ދަތުރުފަތުރުގެ ކުންފުނި، އެމްޓީސީސީން ބޭރުގެ ބަޔަކާ ހަވާލުކޮށްގެން 13 މިލިއަން ރުފިޔާގެ ބޮޑު ހަރަދެއްކޮށްގެން އުފެއްދި އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ތަރައްގީކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކުރި ދުވަސްވަރު، އެ ކަންތައް ހިންގާފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ގިނަ ތުހުމަތުތަކެއް އަމާޒުވިއެވެ.

އެހެން ނަމަވެސް، އެ ތުހުމަތުތަކާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުހޯދައި، އެމްޓީސީސީން ވަނީ އެޕްލިކޭޝަން ލޯންޗުކޮށް އާންމުންނަށް ހިދުމަތް ދޭން ފަށައިފައެވެ. ސައިބާ ސެކިއުރިޓީގެ ދާއިރާގެ ޚަބީރުން ފާހަގަކުރައްވާ ގޮތުގައި، އާންމުންގެ ޒާތީ މައުލޫމާތު ހިމެނޭ ސިސްޓމްތައް ގާއިމް ކުރާ އިރު ކަމާ ބެހޭ ޚާއްސަ ކުންފުނިތަކުން ސިސްޓަމްގެ ހަރުދަނާކަން ކަށަވަރު ކުރަން ޖެހެއެވެ.

އެމްޓީސީސީއިން އެކަން ކޮށްފައިވޭތޯ އެހުމަށް ބޭނުންވާތީ ސުއާލުތަކަށް އިޖާބަ ނުދޭތީ އެކަން ސާފު ކުރެވޭ ގޮތެއެް ވެފައި ނުވެއެވެ.

ހިއްސާ ކުރައްވާ!