ބޮޑުތަކުރުފާނު މަގުން ހިއްކި ސަރަހައްދުގައި ތާރު އަޅައި ނިންމައިފި

މާލޭގެ ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ފުޅާކުރުމުގެ ބިޔަ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް 97 ޕަސެންޓު ނިމިއްޖެއެވެ. ތިން ސެގްމެންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން، މަގުން ހިއްކި ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ވަނީ އެއްކޮށް ނިންމާލާފައެވެ.

މި ސެގްމެންޓުގެ ބާކީ އޮތް މަސައްކަތަކީ މަގުގެ މާކިންތައް ކުރެހުމާއި، ޓްރެފިކް ސައިން ބޯޑުތައް ހަރުކުރުމެވެ. ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން، ޖުމްލަ 830 މީޓަރުގެ ސަރަހައްދުގައި ތާރު އަޅާނެއެވެ. މީގެ ތެރޭގައި 737 މީޓަރު ސަރަހައްދުގައި ޝީޓް ޕައިލް ކުރުން ހިމެނެއެވެ. މީގެ އިތުރުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި، ފެންހިންދާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުމަށްޓަކައި، އެމްޓީސީސީން ވަނީ އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައެވެ. ދެވަނަ ފިޔަވަހީގައި ތަރައްގީކުރާނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދާ ހިސާބެވެ. މި މަސައްކަތަކީ އެކި ބައި ބަޔަށް ބަހާލައިގެން ކުރިއަށް ގެންދާ މަސައްކަތަކަށްވުމުން، މިދިޔަ އޮގަސްޓް މަހުގެ މެދަކާ ހިސާބުން ފެށިގެން މާރުކޭޓު މަގުގެ އެއްބައި ވަނީ ބަންދުކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަގު ފުޅާކުރުމަށްޓަކައި ފަޅުން ހަތް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައި ހިއްކާނެއެވެ. އަދި ބަނދަރު ކީވޯލް އަލުން ހެދުމާއި، މަގު އެއްވަރުކޮށް ތާރު އެޅުމާއި، މަގުގައި ފެންބޮޑުވުން ހައްލުކުރުމަށް ފެން ހިންދާ ނިޒާމެއް ގާއިމުކުރުން ވެސް ހިމެނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ، މި މަޝްރޫޢު އާންމުންގެ ޚިޔާލަށް ހުޅުވާލީ، އާންމުންގެ އުންމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭގޮތަށް މަސައްކަތް ކުރިއަށްގެންދެވޭނެކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށެވެ. ސާވޭގައި ހިމެނޭ ސުވާލުތަކުގެ ތެރޭގައި މި މަސައްކަތުން ލިބޭނެ ފައިދާތަކާއި، މަގު ބަންދުކުރުމުން ދިމާވާ ދަތިތައް ކުޑަކުރެވޭނެ ގޮތްތަކާއި، މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ސަރަހައްދު ބޭނުންކުރަނީ ކޮން ބޭނުމެއްގައިތޯ ވެސް ހިމެނެއެވެ. މި ސާވޭގައި ބައިވެރިވުމަށް އެމްޓީސީސީގެ އެކްސް އެކައުންޓުގައި ހިއްސާކޮށްފައިވާ ކިއުއާރް ކޯޑް ބޭނުންކުރެވޭނެއެވެ.

ބޮޑުތަކުރުފާނު މަގު ހަތަރު ލޭނަށް ތަރައްގީކުރުމުން، މި ސަރަހައްދުގައި ދިމާވާ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅެކެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، މާލޭގެ އެހެން މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ހިއްސާ ކުރައްވާ!