ޓެކްސީ ދަތުރުތަކަށް ބޮޑު ލުޔެއް: "މާލެ ޓެކްސީ" އެޕްލިކޭޝަން ބޭނުންކުރަން ފަށައިފި

މާލޭ ސަރަހައްދުގައި ޓެކްސީގެ ހިދުމަތް ހޯދާ އާންމުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ހާއްސަ މޯބައިލް އެޕްލިކޭޝަނެއް ތައާރަފުކޮށްފިއެވެ. "މާލެ ޓެކްސީ" ގެ ނަމުގައި ނެރުނު މި އެޕްލިކޭޝަނާއެކު، ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާއެކު ދަތުރުތައް ހޯދައި، ދުރާލާ ތާވަލުކުރުމުގެ ފުރުސަތު ލިބޭނެއެވެ.

އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ދަތުރުތައް ކުރިއާލާ ތާވަލުކުރެވޭނީ ދަތުރު ފެށުމުގެ މަދުވެގެން ތިން ގަޑިއިރު ކުރިންނެވެ. މީގެ އިތުރުން، އާންމުން ކުރާ ދަތުރުތަކާއި ތާވަލުކޮށްފައިވާ ދަތުރުތަކުގެ ހުރިހާ ތަފްސީލެއްވެސް އެޕުން ފެންނަން ހުންނާނެއެވެ.

ފައިސާ ދެއްކުމުގެ ނިޒާމަށްވެސް މި އެޕްލިކޭޝަނުން ވަނީ ބޮޑެތި ލުއިތަކެއް ގެނެސްދީފައެވެ. އެގޮތުން އެޕްގައި ހިމެނޭ "ވޮލެޓް" އަށް ފައިސާ ޖަމާކޮށްގެންނާއި، ބޭންކް ގޭޓްވޭ މެދުވެރިކޮށް ކާޑުން ފައިސާ ދެއްކުމުގެ އިތުރުން، ކިއުއާރް ކޯޑް ސްކޭންކޮށްގެން ފައިސާ ދެއްކޭ "ސްކޭން އެންޑް ޕޭ" ގެ ހިދުމަތްވެސް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެއެވެ.

ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ "އިމަޖެންސީ ފީޗަރ" އެއްވެސް މި އެޕްލިކޭޝަނަށް ވަނީ އިތުރުކޮށްފައެވެ. ހަމައެއާއެކު، އެޕް މެދުވެރިކޮށް ޑްރައިވަރަށް ސީދާ ގުޅުމާއި މެސެޖުކުރުމުގެ ފުރުސަތު އޮންނާނެއެވެ. އަދި ޓެކްސީ ތެރޭގައި އެއްޗެއް ބޭއްވިފައި އޮއްވާ ހަނދާންވެއްޖެނަމަ، އެޕްލިކޭޝަން މެދުވެރިކޮށް އެކަން ރިޕޯޓްކުރުމުގެ އިންތިޒާމުވެސް އެމްޓީސީސީން ވަނީ ހަމަޖައްސާފައެވެ.

"މާލެ ޓެކްސީ ލައިން" އަކީ ގްރޭޓާ މާލޭ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިދިޔަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

އެމްޓީސީސީން ބުނި ގޮތުގައި، އާ އެޕްލިކޭޝަން ތައާރަފުކުރި ނަމަވެސް، ކުރިއެކޭވެސް އެއްފަދައިން ވެބްސައިޓް މެދުވެރިކޮށާއި "މާލެ ޓެކްސީ" ގެ ހޮޓްލައިން ނަންބަރު 1655 އަށް ގުޅައިގެންވެސް ކަސްޓަމަރުންނަށް ޓެކްސީ ބުކް ކުރެވޭނެއެވެ.

ހިއްސާ ކުރައްވާ!