އެޕަލްގެ އައު ސީއީއޯގެ މަގާމާ ޖޯން ތާނަސް ހަވާލުވެވަޑައިގެންފި

އެމެރިކާގެ ޓެކްނޮލޮޖީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ ސީއީއޯގެ މަގާމުގައި 15 އަހަރު ދުވަހު ހުންނެވި ޓިމް ކުކްގެ ދައުރު ނިމުމަކަށް އައުމާއެކު، އެ ކުންފުނީގެ އައު ސީއީއޯގެ މަގާމާ ޖޯން ތާނަސް ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

ޓިމް ކުކްގެ ކާމިޔާބު ދައުރުގައި އެޕަލްގެ މާކެޓް އަގު ވަނީ 4.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އުފުލިގެން ގޮސްފައެވެ. ތާނަސް މަގާމާ ހަވާލުވެވަޑައިގަންނަވަނީ 2007 ވަނަ އަހަރު އައިފޯން ތައާރަފްކުރި ފަހުން ޓެކްނޮލޮޖީގެ ދާއިރާއަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ސަބަބުން އެންމެ ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ހައްސާސް ދަނޑިވަޅެއްގައެވެ.

އާޓިފިޝަލް އިންޓެލިޖެންސްގެ ރޭހުގައި އެޕަލްއަށް ފެށުން ގޯސްވެ، ވާދަވެރި ކުންފުނިތަކުގެ ފަހަތުގައި އުޅެންޖެހުމަކީ އައު ސީއީއޯއަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ދުވަހުން ދުވަހަށް ބޭނުންކުރެވޭނެ އޭއައި ފީޗާތަކާއި ސިރީގެ އައު އަޕްގްރޭޑްތައް ތައާރަފްކުރި ނަމަވެސް، ހާޑްވެއާ އިންޖިނިއަރިންގ ދާއިރާގެ ތަޖުރިބާކާރެއްގެ ގޮތުގައި ފާހަގަކުރެވޭ ތާނަސްއަށް ޖެހޭނީ އޭއައިގެ މައިދާނުގައި އެޕަލްގެ ވަރުގަދަކަން ސާބިތުކޮށްދިނުމަށެވެ.

މީގެ އިތުރުން، އުފެއްދުންތެރިކަމުގެ ސަޕްލައި ޗެއިންގެ މައްސަލަތަކާއި ސިޔާސީ މަސްރަހުގައި ހުރި ނުތަނަވަސްކަން ހައްލުކުރުމަކީވެސް އޭނާއަށް ކުރިމަތިވާނެ އިމްތިހާނެކެވެ.

އެޕަލްގެ ކުރީގެ ސީއީއޯ ޓިމް ކުކް ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ގާތް ގުޅުމެއް އުފައްދަވައި، އެޝިއާގެ ގައުމުތަކުގައިވާ އެޕަލްގެ ސަޕްލައި ޗެއިންތަކަށް ޓެރިފްގެ ސަބަބުން ކުރި އަސަރުތައް ކުޑަކުރުމުގައި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. ކުކް ސީއީއޯގެ މަގާމުން ދުރުވި ނަމަވެސް، އެގްޒެކެޓިވް ޗެއާމަންގެ މަގާމަށް ބަދަލުވެ، ޓްރަމްޕްގެ ސަރުކާރާއެކު އޮތް ގުޅުން ދަމަހައްޓަން ތާނަސްއަށް އެހީތެރިވެދެއްވާނެ ކަމަށް ބެލެވެއެވެ.

އެޕަލް ވޮޗާއި، އެއާޕޮޑްސް އަދި އެޕަލް ވިޜަން ޕްރޯ ފަދަ އުފެއްދުންތަކުގައި އިސްކޮށް މަސައްކަތް ކުރެއްވި ތާނަސް އެންމެ އަވަހަށް ފެނިގެންދާނީ ކުރިއަށް އޮތް ހަފުތާގައި އޮންނަ އައު އައިފޯން ތައާރަފްކުރުމުގެ ހަފްލާއިންނެވެ.

ހިއްސާ ކުރައްވާ!