އެމެރިކާގައި ވަޒީފާ އަދާކުރާ ބޭރު ގައުމުތަކުގެ މާހިރުންނަށް ދޫކުރާ ދާއިމީ ދިރިއުޅުމުގެ ހުއްދަ ނުވަތަ "ގްރީން ކާޑު" ހޯދުމަށް އިންޑިއާގެ ރައްޔިތުން 179 އަހަރަށްވުރެ ދިގު އިންތިޒާރެއް ކުރަންޖެހިދާނެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. އެމެރިކާގެ ނޭޝަނަލް ފައުންޑޭޝަން ފޯ އެމެރިކަން ޕޮލިސީ (އެންއެފްއޭޕީ) އިން ޔޫއެސް ސިޓިޒަންޝިޕް އެންޑް އިމިގްރޭޝަން ސަރވިސަސްގެ މައުލޫމާތު ދިރާސާކުރުމަށްފަހު ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މިފަދަ ބޮޑު ކިއޫއެއް އުފެދެން މެދުވެރިވީ ގައުމުތަކަށް ވިސާ ދޫކުރުމުގައި ކަނޑައަޅާފައިވާ ގާނޫނީ އިމުގެ ސަބަބުންނެވެ.
މި ރިޕޯޓުގައިވާ ގޮތުން، އެމެރިކާގެ އިމިގްރޭޝަން ގާނޫނު ބައްޓަންވެފައިވާ ގޮތުން ވަޒީފާގެ ފުރަސަތުތަކަށް އަހަރަކު ދޫކުރެވެނީ 140,000 ގްރީން ކާޑެވެ. އަދި އެއްވެސް ވަކި ގައުމަކަށް އަހަރަކު ދޫކުރެވޭނީ ޖުމްލަ ވިސާގެ ހަތް އިންސައްތައަށްވުރެ އިތުރުނޫން މިންވަރެކެވެ. މީގެ ސަބަބުން 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އިންޑިއާއަށް ނިސްބަތްވާ މީހުން ވިސާ ކިއޫގައި އެކަނިވެސް މިލިއަނަށްވުރެ ގިނަ ވފައި ވެއެވެ.
އެންއެފްއޭޕީގެ ދިރާސާއިން ދައްކާގޮތުގައި، އެންމެ ގާބިލު މާހިރުންނަށް ހާއްސަ އިބީ-1، އިބީ-2 އަދި އިބީ-3 ކެޓަގަރީގެ ކިއޫ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ވަނީ 20.6 އިންސައްތަ އިތުރުވެފައެވެ. މީގެ ތެރެއިން އިންޑިއާގެ އާ ކެންޑިޑޭޓަކު އިބީ-2 ކެޓަގަރީގެ ދަށުން ކުރިމަތިލައިފިނަމަ، އިންތިޒާރު ކުރަންޖެހޭ މުއްދަތު 179 އަހަރަށް އަރާނެކަމަށް އަންދާޒާކުރެވެއެވެ. އަދި އިބީ-3 ކެޓަގަރީގައި 38 އަހަރުގެ އިންތިޒާރެއް ކުރަންޖެހޭއިރު، ޗައިނާގެ ރައްޔިތުންނަށް މި އިންތިޒާރުގެ މުއްދަތަކީ 25 އަހަރެވެ.
މިފަދަ ދިގު އިންތިޒާރުތަކުގެ ސަބަބުން އެމެރިކާގެ ކުންފުނިތަކަށް ބޭރު ގައުމުތަކުގެ ގާބިލު އިންޖިނިއަރުންނާއި ސައިންސްވެރިން ހޯދުމަށާއި، އެމީހުން ހިފެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ހާއްސަކޮށް އެޗް-1ބީ ވަގުތީ ވިސާގައި ތިބޭ މާހިރުންނާއި އެމީހުންގެ އާއިލާތަކަށް މިކަމުގެ ސަބަބުން ނަފްސާނީ އަދި އިޖުތިމާއީ ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހެއެވެ.
މި މައްސަލަ އިތުރަށް ގޯސްވެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށްފަހު އިމިގްރޭޝަން ސިޔާސަތުތައް ވަރުގަދަކުރެއްވުމާ ގުޅިގެންނެވެ. ޤައުމީ ސަލާމަތް ވަރުގަދަކުރުމުގެ ނަމުގައި ޓްރަމްޕްގެ ސަރުކާރުން ދަނީ ގަވާއިދާ ހިލާފަށް އުޅޭ މީހުން ޑީޕޯޓްކުރުމުގެ އިތުރުން، ސިޔާސީ ޚިޔާލުތަކާއި ޣައްޒާގައި އިސްރާއީލުން ހިންގާ ހަމަލާތަކާ ދެކޮޅަށް ހިންގާ ހަރަކާތްތަކާ ގުޅުވައި ގްރީން ކާޑާއި ވިސާ ބާތިލުކުރަމުންނެވެ.
އެމެރިކާގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ އާބާދީގެ ތެރެއިން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާގެ 3.2 މިލިއަން މީހުންނަށް މި ފިޔަވަޅުތަކުގެ އަސަރު ވަރަށް ބޮޑަށް ދަނީ ކުރަމުންނެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ވަނީ ޓްރަމްޕްގެ ސަރުކާރުގެ މި ނިންމުންތަކަކީ ނަސްލީ ތަފާތުކުރުން ބޮޑު، އަދި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާ ޚިލާފު ނިންމުންތަކެއްގެ ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން، ގާނޫނީ މަރުހަލާތައްވެސް އަގުބޮޑުކޮށް، ދަތިކުރުމުގެ ސަބަބުން ބޭރުގެ މާހިރުންނަށް އެމެރިކާގައި ދިރިއުޅުން ވަނީ ކުރިއަށްވުރެ ނުރައްކާތެރި އަދި ނުތަނަވަސް މާހައުލަކަށް ބަދަލުވެފައެވެ.





