ސެޕްޓެމްބަރު 11 ގެ ޙަމަލާތަކުގެ މޭސްތިރި ކަމަށް ބުނާ ޚާލިދު ޝައިޚް މުޙައްމަދުގެ އިޢުތިރާފު ބާޠިލުކުރި އެމެރިކާގެ އަސްކަރީ ކޯޓުގެ ގާޒީ ލެފްޓިނެންޓް ކާނަލް މައިކަލް ޝްރާމާ، އށް އެމެރިކާ ސިފައިންނާއި ސަލާމަތީ ފަރާތްތަކުން ފާޑު ކިޔަން ފަށައިފިއެވެ.
އެމެރިކާގެ ސިފައިންގެ ތެރޭގައި "ކޮންސަވޭޓިވް" ނުވަތަ ކަނާތުފިޔޭގެ ފިކުރުތައް އިތުރުވުމަކީ ސިފައިންގެ އެތެރޭގެ ހައްދުފަހަނައެޅުމަށް މަގުފަހިވާ ކަމެއް ކަމަށް އޭނާ ކުރިން ލިޔުއްވި މަޒުމޫނަކާ ގުޅިގެން މި ފާޑު ކިޔުން އިތުރު ވެފައި ވެއެވެ.
ވައިގެ ސިފައިންގެ ޓްރައިބިއުނަލްގެ ޤާޟީއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ޝްރާމާ ވަނީ، ސީއައިއޭއިން ލާއިންސާނީ ގޮތުން މީހުންނަށް އަނިޔާކޮށްގެން ހޯދާފައިވާ އިއުތިުރާފް ބަޔާންތަކަކީ އަމިއްލަ އިޚްތިޔާރުގައި ދީފައިވާ ބަޔާންތަކެއް ނޫން ކަމަށް ނިންމަވައި، ޚާލިދު ޝައިޚްގެ 2007 ވަނަ އަހަރު ދީފައިވާ ކަމަށް ބުނާ އިޢުތިރާފު ޝަރީޢަތަށް ބަލައިނުގަނެވޭނެ ކަމަށް ޙުކުމް ކުރައްވާފައެވެ.
ގާޒީގެ މި ނިންމެވުމާއެކު، ޝްރާމާ 2023 ވަނަ އަހަރު "ވާ އޮން ދަ ރޮކްސް" މަޖައްލާގައި ޝާޢިޢުކުރެއްވި މަޒުމޫނެއްގެ މައްސަލަ ވަނީ އަލުން ފެންމަތިވެފައެވެ. އެ މަޒްމޫނުގައި އޭނާ ވަކާލާތު ކުރައްވާފައިވަނީ ސިފައިންގެ އިދާރާތަކަކީ އާންމު މުޖުތަމަޢާ އެކަހެރިވެ، ކޮންސަވޭޓިވް ފިކުރަށް ލެނބޭ ތަންތަން ކަމަށާއި، މީގެ ސަބަބުން ޒުވާން ސިފައިން ކަނާތުފިޔޭގެ ހައްދުފަހަނައެޅި ޖަމާޢަތްތަކުގެ މަޅީގައި ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމަށެވެ. އަދި ސިފައިންގެ ތެރޭގައި ހައްދުފަހަނައެޅުން އިތުރުވުމަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ވިދާޅުވެ، ސިފައިންގެ ޤާނޫނަށް ޚާއްޞަ މާއްދާއެއް އިތުރުކުރަން އޭނާ ގޮވާލެއްވިއެވެ.
މި މައްސަލައިގައި ވައިޓް ހައުސްގެ އިސް މުޝީރު އަދި ތްރަމްޕްގެ އުދުވާނީ ސިޔާސަތަށް ލަފާދޭ ސްޓީވަން މިލާ ވަނީ އެމެރިކާގެ ޢަދުލު އިންޞާފުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ޝަރުޢީ ނިޒާމު ވަނީ މުޅިން ހަލާކުވެފައި ކަމަށާއި، ކޮންމެ ފަހަރަކުވެސް ނިޒާމުން ޙިމާޔަތް ދެނީ ނިރުބަވެރިންނާއި ކުށްވެރިންނަށް ކަމަށެވެ. ޝްރާމާގެ މި ނިންމެވުމާއެކު، ސެޕްޓެމްބަރު 11 ގެ ޙަމަލާއަށް 25 އަހަރު ފުރޭއިރުވެސް އެމެރިކާއިން ވަގަށް ނަގާފައިވާ މީޙުންނަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެ، ޝަރީޢަތް ފެށުން ވަނީ 2028 ވަނަ އަހަރުގެ ޖޫން މަހަށް ފަސްވެފައެވެ.
ގުއަންޓަނާމޯގައި އެމެރިކާ ސިފައިންނާ ދެކޮޅަށް މުސްލިމުން ބޭނުންކުރި "ނިއުކްލިއާ ހަތިޔާރު"





