ޣައްޒާގައި ހަމާސްގެ ދާޚިލީ ސަލާމަތީ ކަންކަމާ ބެހޭ އިސް ވެރިޔާ ވަގަށް ނަގައިފި

ޣައްޒާ ސިޓީގެ ހުޅަނގު ސަރަޙައްދުގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ހަމާސްގެ ދާޚިލީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ އިސް ވެރިޔާ މުޢީން އަލްޢަރަބީދު ޔަހޫދީ ޖެނޮސައިޑް ސިފައިން ހައްޔަރުކޮށްފި އެވެ. އަދި ޔަހޫދީން ވަނީ، އޭނާގެ އަނބިކަނބަލުން ޝހީދު ކޮށްލާފައެވެ.

ފަލަސްޠީނުގެ ސަލާމަތީ މަޞްދަރަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ޔަހޫދީންގެ ޖެނޮސައިޑް ސިފައިންގެ ޚާއްޞަ ބަޔަކު ވަދެގަނެ ހިންގި މި އޮޕަރޭޝަނަށްފަހު އެ މީހުން އެ ސަރަޙައްދުން ބޭރުވުމަށް މަގުފަހިކުރުމުގެ ގޮތުން ވަނީ ވަރުގަދައަށް ބޮމުން ހަމަލަ ދީފަފައެވެ. މި ހަމަލާތަކުގެ ސަބަބުން އާންމުންގެ އެތައް ބަޔަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އަލްޢަރަބީދަކީ 2023 ވަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަނގުރާމަ ފެށުނީއްސުރެ ހަމާސްގެ ދާޚިލީ ސަލާމަތީ ކަންކަމާ ހަވާލުވެވަޑައިގެން ހުންނެވި އިސް މަސްއޫލުވެރިޔާއެވެ.

ޔަހޫދީންގެ ދިފާޢީ ވަޒީރު އިސްރާއީލް ކާޓްޒް ވަނީ ހަމާސްގެ އިސް ވެރިއަކު ޣައްޒާއިން ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި ހަމާސްގެ ހަތިޔާރުތައް އަތުލައި، އެ ޖަމާޢަތުގެ ބިންގަރާސްތައް ހަލާކުކޮށްލުމަށްފަހުވެސް އިސްރާއީލުގެ ސިފައިން ޣައްޒާގައި ދެމިތިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ހަމާސްއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޞިއްޙީ މަޞްދަރުތަކުން ރިޕޯޓުކުރާ ގޮތުގައި ޖެނޮސައިޑް ސިފައިންގެ ޚާއްޞަ ޓީމު އަލްކަތީބާ ސަރަޙައްދަށް ވަދެގަތް ވަގުތު ދިން ވައިގެ ހަމަލާތަކުގައި ދެ ކުޑަކުދިންނާއި އަންހެނަކު ވެސް ވަނީ ޝަހީދު ކޮށްލާފައެވެ.

2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޙަމަލާތައް ހުއްޓާލުމަށް އިއުލާނުކުރި ފަހުންވެސް ޔަހޫދީން ދެމުންދާ ހަމަލާތަކުގައި ފަލަސްޠީނުގެ 1,326 މީހުން މަރުވެ، 4,398 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ހިއްސާ ކުރައްވާ!