ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމު ހުއްޓުވުމަށް ބައިނަލްއަޤްވާމީ ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ނެރެފައިވާ އަމުރުތަކަށް އިސްރާއީލުން ޙުރުމަތްތެރިކޮށް ނުހިތާކަން ސާބިތުކޮށްދިނުމަށް، ދެކުނު އެފްރިކާއިން އެ ކޯޓަށް އިތުރު ފުރިހަމަ ފައިލެއް ހުށަހަޅައިފިއެވެ.
ދެކުނު އެފްރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، މި ފައިލު ކޯޓަށް ހުށަހަޅާފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އައިސީޖޭއިން ނެރެފައިވާ ތިން އަމުރަކާ އިސްރާއީލުން ޚިލާފުވެފައިވާތީ، އެކަމާ މެދު ފިޔަވަޅު އެޅުމަށް އެދެމުންނެވެ.
އިސްރާއީލުން އައިސީޖޭގެ އަމުރުތަކަށް ގޮންޖަހައި ހަމަލާތައް ކުރިއަށްގެންދާއިރު، 2023 އޮކްޓޫބަރު 7 އިން ފެށިގެން ދިން ޖެނޮސައިޑް ހަމަލާތަކުގައި ފަލަސްޠީނުން މަރުވި މީހުންގެ އަދަދު ވަނީ 73,454 އަށް އަރާފައެވެ. އަދި 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ހަމަލާތައް ހުއްޓާލުމަށް އިއުލާނުކުރި ފަހުންވެސް އިސްރާއީލުގެ ސިފައިން ދެމުންދާ ހަމަލާތަކުގައި 1,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.
ސާފު ބޯފެނާއި، ބޭހާއި، ކާބޯތަކެތި ޣައްޒާއަށް ވަންނަ މަގުތައް ބަންދުކޮށްގެން އިސްރާއީލުން ގެންގުޅޭ ނުރައްކާތެރި އުޞޫލުތަކުގެ ސަބަބުން އިންސާނީ ބޮޑު ކާރިސާއެއް ވަނީ އުފެދިފައެވެ.
އދ. ގެ މިނިވަން ތަޙުޤީޤީ ކޮމިޝަނުންނާއި، އެމްނެސްޓީ އިންޓަރނޭޝަނަލް، ހިއުމަން ރައިޓްސް ވޮޗް އަދި އިސްރާއީލުގެ ބައިތުސަލާމް ފަދަ ޖަމްޢިއްޔާތަކުން ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަނީ ޤަތުލުޢާއްމެއް ކަމަށް ނިންމާފައެވެ.
މި މައްސަލައިގައި ދެކުނު އެފްރިކާއަށް ތާއީދުކޮށް ދިވެހިރާއްޖެއާއި، ތުރުކީ، މިޞްރު، ބްރެޒިލް، އަދި ނެދަލޭންޑްސް އާއެކު 18 ޤައުމަކުން ވަނީ އައިސީޖޭއަށް ބަޔާންތައް ހުށަހަޅާފައެވެ. ކޯޓުގެ އަމުރުތަކަށް އިސްރާއީލުން އިންކާރުކުރަމުންދާއިރު، އައިސީޖޭއިން މިއާމެދު އަޅާނެ ފިޔަވަޅަކަށް މުޅި ދުނިޔެ މިހާރު ދަނީ އިންތިޒާރުކުރަމުންނެވެ.







