އިސްރާއީލުގެ ސިޔާސީ ތާރީޚުގައި ވެސް ނުފެންނަފަދަ އާދަޔާ ޚިލާފް ނިންމުމެއްގައި، އިސްރާއީލުގެ ފުލުހުންގެ ތަހުގީގީ އިދާރާގެ ކުރީގެ ވެރިޔާ އަދި ކުރީގެ ނައިބު ވަޒީރު ޔޯއާވް ސިގާލޯވިޗް، އަރަބި ސިޔާސީ ޕާޓީއެއް ކަމަށްވާ "ޔުނައިޓެޑް އަރަބް ލިސްޓް" (ރާޢަމް) މެދުވެރިކޮށް ޔަހޫދީ ގައުމުގައި ބާއްވާ އާންމު އިންތިޚާބުގައި ވާދަ ކުރުމަށް ނިންމައިފިއެވެ.
ޔަހޫދީ ޖެނޮސައިޑް މޭސްތިރި ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނައުމުގެ މަގުސަދުގައި އެޅި މި ފިޔަވަޅަކީ، އިސްރާއީލުގެ ސިޔާސީ މައިދާނުގައި ޔަހޫދީ އަދި އަރަބި ސިޔާސީ ބާރުތަކުގެ މެދުގައި އޮންނަ އިންތައް ފަހަނައަލައި ދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މީޑިއާއިން ސިފަކުރެއެވެ.
ނަޒާރަތު ސިޓީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރާޢަމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސްއާއެކު ނޫސްވެރިންނާ ބވާހަކަ ދައްކަމުން ސިގާލޯވިޗް ބުނީ، އިސްރާއީލުގައި އުޅޭ އަރަބިންނާއި ޔަހޫދީންގެ މެދުގައިނުތަނަވަސްކަމާއި ނަފްރަތު އޮފެއްދމުގެ ތާރީޚެއް އޮތް ނަމަވެސް، ދެބައިމީހުންގެ މުސްތަގުބަލު އޮތީ ގުޅިފައި ކަމަށެވެ. މަންސޫރު އައްބާސް ހާމަކުރެއްވި ގޮތުގައި ސިގާލޯވިޗް އިންތިޚާބުގައި ވާދަކުރާނީ އެ ޕާޓީގެ ކެންޑިޑޭޓުންގެ ލިސްޓުގެ ދެވަނަ ނަންބަރުގެ ގޮތުގައެވެ. ނަމަވެސް އޭނާ އެ ޕާޓީގެ ރަސްމީ މެންބަރަކަށް ނުވާނެއެވެ.
އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީ ގައުމުގެ އިންތިޚާބަށް އަމާޒުކޮށްގެން ނިންމި މި ނިންމުމަކީ، އިސްރާއީލުގެ އިދިކޮޅު ކޮއެލިޝަނަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އިސްރާއީލުގެ ގާތްގަނޑަކަށް ހުރިހާ ޔަހޫދީ ސިޔާސީ ޕާޓީތަކަކުން އަރަބި ޕާޓީތަކާއެކު ކޮއިލިޝަން ހެދުމަކީ ރަތް ރޮނގެއް ކަމަށް ދެކެމުން އައި އާދަކާދަ ބަދަލުކޮށްލުމަށް މި ނިންމުން މަގުފަހިކުރާނެ ކަމަށް ބެލެވެއެވެ.
ސިގާލޯވިޗް އަކީ އިސްރާއީލުގެ ފުލުހުންގެ ޚިދުމަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރުމަށްފަހު، 2019 ގައި ސިޔާސީ މައިދާނަށް ނުކުތް މީހެކެވެ. އޭނާ ކުރިން ހުރީ އިދިކޮޅު ލީޑަރު ޔާއިރު ލަޕީޑްގެ "ޔޭޝް އަތީދު" ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ. އަދި ކުރީގެ ކޮއެލިޝަން ސަރުކާރުގައި ނައިބު ވަޒީރުކަން ކުރި އިރު، އަރަބި މުޖުތަމައުގައި ހިނގާ ކުށްތަކާއި އަނިޔާވެރިކަން ހުއްޓުވުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން އަރަބި އާންމުންގެ އިތުބާރު އޭނާއަށް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި އިއްތިހާދާ ގުޅިގެން ނަތަންޔާހޫގެ "ލިކުޑް" ޕާޓީން ނެރުނު ބަޔާނެއްގައި ވަނީ އަރަބި ސިޔާސީ ލީޑަރުންނާއެކު ގުޅުން ގާއިމުކުރުމަށް ފާޑުކިޔާފައެވެ. ލިކުޑް ޕާޓީން ބުނެފައިވަނީ، ސިގާލޯވިޗް އެ ޕާޓީއާ ގުޅުނު ނަމަވެސް، މަންސޫރު އައްބާސްއަކީ ހަމާސް އަދި ހިޒްބުﷲ ފަދަ ޖަމާއަތްތަކަކީ ނިރުބަވެރި ޖަމާއަތްތަކެއް ކަމަށް ބަލައިގަތުމަށް ދެކޮޅުހައްދަވާ ބޭފުޅެއްކަން ފޮރުވޭނެ ގޮތެއް ނެތް ކަމަށެވެ.
ޚިޔާލު ހޯދުމުގެ ފަހުގެ ސާވޭތަކުން ދައްކާ ގޮތުގައި، 120 ގޮނޑި ހިމެނޭ ޔަހޫދީ ޕަލަމެންޓް ކެނެސެޓްގައި ރާޢަމް ޕާޓީއަށް 5 އާއި 6 އާ ދެމެދުގެ ގޮނޑިއެއް ލިބޭނެއެވެ. ނަތަންޔާހޫގެ ކޭމްޕަށާއި އިދިކޮޅު ކޭމްޕަށް ވެސް ސާފު އަޣުލަބިއްޔަތެއް ލިބޭނެ ކަމަށް ނުދައްކާތީ، ކުރިއަށް އޮތް ސަރުކާރެއް އެކުލަވާލުމުގައި ރާޢަމް ޕާޓީއަކީ ނަތީޖާ ބަދަލުކޮށްލުމުގެ ބާރު ލިބިގެންވާ ފަރާތެއް ކަމުގައި ބެލެވެއެވެ.







