ތިޔަ ގެންގުޅޭ އައި ފޯނާއި ޖެނޮސައިޑާ ގުޅުމެއް ހުރިކަން އެނގޭތަ؟

އައިފޯނުގެ 17އީ ސިލްސިލާގެ ފޯނުތަކަކީ އިސްރާއީލުގައި އުފައްދާފައިވާ ސާމާނުތައް އޭގައި ހިމެނޭ ފޯނެއް ކަމުން ފަލަސްޠީނުގެ ޖެނޮސައިޑަށް ހައްސާސްވާ ފަރާތްތަކުން ދަނީ އެކަން ބޭޒާރުކޮށް ފަލަސްޠީނަށް ސަޕޯޓު ކުރާ ކަމަށް ހެދިގެން ތިބޭ ޖެނޮސައިޑަށް ވާގިވެރިވާ މީހުން ބޭޒާރު ކުރަމުންނެވެ.

އެތައް ބިލިއަން ޑޮލަރުގެ ކޮންސިއުމަރ ޓެކްނޮލޮޖީއާއި، ޖެނޮސައިޑް ފަދަ ލާއިންސާނީ ޖަރީމާތަކާ ދެމެދު އޮތް ގުޅުން އެންމެ ބޮޑަށް ހާމަވެގެންދަނީ އެޕަލްގެ އައިފޯން 17 ސީރީޒްއިންނެވެ. ވަކިން ޚާއްސަކޮށް، މި ސީރީޒްގެ މެދުތެރެއިން ނެރުނު އެންޓްރީ ލެވެލް 'އައިފޯން 17އީ' އިންނެވެ.

މިޒަމާނުގެ ޖިއޯޕޮލިޓިކަލް މަސްރަހުގައި، ދުނިޔޭގެ ބޮޑެތި ޓެކް ކުންފުނިތަކުން މަސައްކަތް ކުރަނީ އެކުންފުނިތަކަކީ ވަކި ފަރާތަކަށް ނުޖެހޭ، ޖެނޮސައިޑާ ގުޅުމެއް ނުވާ ކުރިއަރާފައިވާ ބައެއްގެ ގޮތުގައި ދެއްކުމަށެވެ. ނަމަވެސް، އައިފޯން 17އީ ގެ އުފެއްދުމުގެ މަރުހަލާއިން ފެށިގެން، ޖެނޮސައިޑް ހިންގާ މައިދާންތަކުގައި އެ ފޯނު އުފެއްދުމާއި ބޭނުންކުރަމުންދާ ގޮތަށް ބަލާއިރު، މި ފޯނަކީ އިސްރާއީލުގެ ސިފައިންނާއި އެމީހުންގެ ރިސާޗް މަރުކަޒުތަކާ ފަލަސްތީނުގެ ނަސްލު ނައްތާލުމުގެ ބިރުވެރި ހަގީގަތްތަކާ ގުޅިފަިއވާ އެއްޗެއް ކަން ހާމަވެއެވެ.

ތިބާ ތިޔަ ބޭނުން ކުރާ އައިފޯނާއި ނިޒާމީ ސިފައެއްގައި ނަސްލެއް ނައްްތާލުމުގެ އަނިޔާވެރިކަމާ ހުރި ގުޅުން ދެނެގަތުމަށްޓަކައި، އެ ފޯނުގެ ބޭރު ކަވަރުގެ ދަށުގައިވާ ހާޑްވެއާ އުފެދިގެން އައި ގޮތަށް ބަލާލާށެވެ!

އެޕަލްގެ އުފެއްދުންތައް އިސްރާއީލުގައި އުފައްދަނީ ޔަހޫދީން ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައެވެ. ވަކިން، ޚާއްސަކޮށް ހައިފާ އަދި ހަރްޒްލިޔާގައެވެ. މިއީ، އެޕަލް ކުންފުނީގެ މުހިންމު ރިސާޗް އެންޑް ޑިވެލޮޕްމަންޓް މަރުކަޒުތަކެއް ހުންނަ ތަންތަނެވެ. މިއީ ހަމައެކަނި އިދާރީ އޮފީސްތަކެއް ނޫނެވެ؛ މިއީ އެޕަލްގެ އަމިއްލަ 'ސިލިކަން' ޗިޕްތައް ފަރުމާކުރާ މައި މަރުކަޒުތަކެވެ.

އައިފޯން 17 ސީރީޒްއަކީ ކުއަލްކޮމް ފަދަ ތިންވަނަ ފަރާތްތަކަށް ބަރޯސާނުވެ، ޓެކްނޮލޮޖީގެ ގޮތުން އެޕަލް ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވުމަށް އެޕަލްއިން ކުރާ މަސައްކަތުގެ ފެށުމެވެ. މި ކާމިޔާބީ ހޯދާފައިވަނީ ސީދާ އިޒްރޭލުގެ އިންޖިނިއަރުންގެ އެހީގައެވެ.

އައިފޯން 17 ގެ ފޯނުގައި ހިމެނޭ ގިނަ ސާމާނުތައް އުފައްދާފައި ވަނީ ޖެނޮސައިދް ރެޖީމްގައެވެ. ވަކިން ޚާއްސަކޮށް މުހިންމު ދެ ބައެއް ފަރުމާކޮށް ފުރިހަމަކޮށްފައިވަނީ އިޒްރޭލުގެ މި މަރުކަޒުތަކުގައެވެ: އެއީ

  •  C1X ސެލިއުލަރ މޮޑެމް:  އައިފޯން 17އީ އަދި އައިފޯން އެއަރގައި ހިމެނޭ މި 5ޖީ ސަބްސިސްޓަމަކީ ޑޭޓާ ޕްރޮސެސްކުރުމުގައި އައި އިންގިލާބީ ކުރިއެރުމެކެވެ.
    މީގެ ސަބަބުން ފޯނުގެ ދުވެލި އަވަސްވެ، ހަކަތަ ބޭނުންކުރާ މިންވަރު 30 އިންސައްތަ ދަށްކޮށްދެއެވެ.
  • N1 ވަޔަރލެސް ޗިޕް: މިއީ ވައިފައި 7 އަދި ބްލޫޓޫތު ޕްރޮޓޮކޯލްތައް ބެލެހެއްޓުމަށް ޚާއްސަކޮށް ފަރުމާކޮށްފައިވާ ޗިޕެކެވެ.

މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް އަދި އޯޑިއޯ މެޝިން/ލާނިންއަށް ޅާއްސަ އިސްރާއީލުގެ ކުންފުންޏެއް ކަމަށްވާ 'Q.ai' ކުންފުނި އެޕަލްއިން ވަނީ ގަނެފައެވެ. އިސްރާއީލުގެ ޓެކްނޮލޮޖީ މާހިރުންގެ މައްޗަށް އެޕަލްއިން ބަރޯސާ ކުރާ މިންވަރު ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިސްރާއީލުގެ ޓެކްނޮލޮޖީ ދާއިރާއާއި، އިޒްރޭލުގެ ޖެނޮސައިޑް ހިންގާ ސިފައިންނާއި އަދި ޖާސޫސީ މައުލޫމާތު އެއްކުރާ 'ޔުނިޓް 8200′ ފަދަ ޖާސޫސީ އިދާރާތަކަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައިވާ ބަޔެކެވެ.

އެޕަލްއަށް ވަޔަރލެސް ޗިޕްތަކާއި މެޝިން-ލާނިން އެލްގޮރިދަމްތައް ހަދައިދޭ އިންޖިނިއަރުންނަކީ އިސްރާއީލުގެ ސިފައިންގެ ތެރޭގައި އުޅޭ އަދި އެމީހުންގެ އަސްކަރީ ޚިދުމަތުން ދުރުވާ ހިނދު އެޕަލްގެ ލެބްތަކާއި ދައުލަތުގެ އަސްކަރީ ޓެކްނޮލޮޖީ އުފައްދާ ތަންތަނާ ދެމެދު މަސައްކަތް ބަހައި ބަދަލުވަމުންދާ ބައެކެވެ. މިފަދަ މަރުކަޒުތަކުގެ މައްޗަށް އެޕަލްގެ މުޅި ސްޓްރެޓެޖީ ބިނާކުރުމަކީ، އެތައް އަހަރެއްގެ އިސްތިއުމާރާއި އަސްކަރީ ބާރުވެރިކަމުގެ މައްޗަށް ބިނާވެފައިވާ އިގްތިސާދީ ނިޒާމަކަށް އެޕަލްއިން ސީދާގޮތުން އެހީތެރިވެ، އެ ނިޒާމުގެ ބައެއްގެ ގޮތުގައި ހިމެނުން ނޫން ދެވަނަ ކަމެއް ނޫނެވެ.

އިޒްރޭލުގެ ލެބްތަކުން ތިބާގެ އައި ފޯނުގެ 'ސިކުނޑި' ފަރުމާކުރާއިރު، ޖެނޮސައިޑެއް ހިންގައި ނަސްލު ނައްތާލުމުގެ މައްސަކަތުގެ މެދު ތެރޭގައި އުޅޭ ބަނޑަށް ޖެހިފައިވާ ފަލަސްޠީނުގެ ޣައްޒާގެ އާބާދީގައި މި އައި ފޯނުތައް ތިޔާގިކޮށް ފެންނަން ހުރުމަކީ އިންސާނީ ގޮތުން ބަލާއިރު ބޮޑު ފުށުއެރުމެކެވެ.

ޣައްޒާއަށް ސާފު ބޯފެނާއި، ކޮތަނބިރި ފަތާއި، ކޮފީއާއި، ހަކުރާއި ޗޮކްލެޓާއި އަސާސީ ބޭސްފަރުވާގެ ސާމާނާއި، ތުއްތު ކުދިންގެ ކާނާއާއި، ފޭލިގެ އަދި ތެޔޮ ފަދަ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެއްޗަކީ ވެއްދުން މަނާ ތަކެތި ކަމަށް އިސްރާއީލުން ކަނޑައަޅާފައިވާ ލިސްޓްގައި ހިމެނޭ ތަކެއްޗެވެ. އެކަމަކު ޣައްޒާއަށް ކުއްލިއަކަށް އެތައް ހާސް 'އައިފޯން 17′ ގެ ފޯނުތަކެއް ޖެނޮސައިޑްގެ މެދުތެރޭން ކާނާއަށް ވުރެން ބޮޑަށް ތިޔާގި ވެފައެވެ.

ޣައްޒާގެ ހިސާރަ ކުރުމުގައި ޣައްޒާއަށް ވައްދާ ސާމާނުގެ ލިސްޓް ބަހައްޓާ އިސްރާއީލުގެ ދިފާއީ ވުޒާރާގެ ދަށުން ހިންގާ COGAT އިދާރާ އަކީ އެ ސަރަހައްދަށް ވައްދާ ތަކެއްޗަށް ހުއްދަ ދޭ އިދާރާއެވެ. އެ އިދާރާއިން ވަނީ އައިފޯނު 17އަށް ހުއްދަ ދީފައެވެ. ކިތަންމެ ގިނައިން ވެއްދިއަސް ހެޔޮ ކަމަށް ނިންމާފައި ވެއެވެ.

މި ތަކެތި ޖެނޮސައިޑް ހަނގުރާމައިގެ އިގްތިސާދުގެ ތެރޭގައި ވިއްކަމުންދަނީ އިންތިހާއަށް ބޮޑު އަގުގައެވެ. އެގޮތުން އާދައިގެ ފޯނެއް 7،000 ޝެކެލް (2،200 ޑޮލަރު) އަށް ވުރެ ބޮޑު އަގުގައި ވިއްކާއިރު، ރަނުން ޖަރީކޮށްފައިވާ ޚާއްސަ ފޯނުތައް 30،000 ޝެކެލް (9،100 ޑޮލަރު) އާ ހަމައަށް އަގު އުފުލިފައިވެއެވެ. މިއިން ބައެއް ފޯނުތައް ފޮށި ފޮށިގަނޑުގައި ހިލޭ ބެހުމަށްވެސް ވެއްދިއެވެ. މަގްސަދަކީ މީހުން އުޅޭނޫޅޭ ގޮތްއ ބެލުމާއި މީހުންނަށް ފާރަވެރިވެ ޓްރެކް ކުރުމެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކާއި ބައިނަލްއަގުވާމީ ދިރާސާވެރިން ދެކޭގޮތުގައި، ބޯޑަރުގެ ކޮންޓްރޯލަށް ޔަހޫދީ ރެޖީމުން މި ގެނައި ލުޔަކީ އޯގާތެރިކަމުން ކުރި ކަމެއް ނޫނެވެ.

އެއީ ޑިޖިޓަލް ހަނގުރާމައާއި ޖާސޫސީ ރޭވުމެއްގެ ދަށުން ހިންގާ ޖަރީމާއެކެވެ. ފަލަސްތީނުގެ ޑިޖިޓަލް އިންފްރާސްޓްރަކްޗާގެ މައްޗަށް އިސްރާއީލުން އޮތީ ފުރިހަމަ ކޮންޓްރޯލް ނަގާފައެވެ. އާންމުންގެ އަތަށް ޒަމާނީ ޖީޕީއެސް ހިމެނޭ އައިފޯން 17 ފޯނުތައް ދިންކަމުގައިވިއަސް، ޣައްޒާއަށް 3ޖީ، 4ޖީ ނުވަތަ 5ޖީ ގެ ޚިދުމަތް ދިނުން އޮންނަނީ މަނާ ކޮށްފައެވެ.

މީގެ ނަތީޖާއަކީ ޣައްޒާގެ ރައްޔިތުން ލިބޭނީ ކޮންޓްރޯލު ކޮށްފައިވާ ލަސް 2ޖީ ނެޓްވޯކުގެ ޚިދުމަތެވެ.

މި ތަފާތުކުރުމުގެ ސަބަބުން، ސްމާޓްފޯނަކީ މިނިވަންކަމަށް މަގުފަހިކޮށްދޭ އެއްޗެއްގެ ބަދަލުގައި، އިސްރާއީލުން ވަނީ މީހުން ޓެކްނޮލޮޖީން ކޮންޓްރޯލު ކޮށްފައެވެ. ޓެކްނޮލޮޖީއަކީ އިސްރާއީލަށް ޖާސޫސްކޮށްދޭ އިސްރާއީލުން ބޭނުންވާ މީހާ ހޯދައި ގަނެ ބިލަތް ހުނި ޖެހުމަށް އެހީތެރިވެދޭ ވަސީލަތެކެވެ.

މާނއަކީ، ކެމެރާގެ ފެންވަރު ރަނގަޅު އެތައް ހާސް ފޯނެއް އެތެރެކުރުމުގެ ހުއްދަ ދިނުމުން، އިސްރާއީލުގެ އަސްކަރީ ސާވަރުތަކުން ހުރިހާ މުއާމަލާތެއް ފުރާނައި ބެލުމުގެ ފުރުސަތު ފުޅާވެގެންދެއެވެ. އެ ފޯނުތައް ބޭނުންކޮށްގެން ނަގާ ކޮންމެ ފޮޓޯއެއް، ފޮނުވާ ކޮންމެ މެސެޖެއް އަދި މީހާގެ މޫނު އަންގައިދޭ ފޭޝަލް ރިކޮގްނިޝަންގެ ކޮންމެ ސްކޭނަކީ އޭއައި ބޭނުންކޮށްގެން ހަމަލާދޭނެ މީހުންގެ ލިސްޓު ތައްޔާރުކުރުމަށް ޔަހޫދީ ރެޖީމުން ބޭނުންކުރާ މައުލޫމާތަށް ވެގެންދެއެވެ.

އައިފޯން 17އީ އަކީ އަނިޔާވެރި ދައުލަތެއްގެ ޖެނޮސައިޑް ނިޒާމުތަކާ ގުޅިފައިވާ، އަދި ހިސާރުކޮށްފައިވާ ޣައްޒާގެ ތެރޭގައި ބާރު ދައްކުވައިދޭ އުފެއްދުމެކެވެ.

ބޯފެނާއި ހޭނައްތާ ބޭސް އެތެރެކުރުން މަނާކޮށް، ބަނޑަށް ޖައްސާފައިވާ ރަށްވެހިކަން ގެއްލުވާލުމާ ކުރިމަތިލާންޖެހިފައިވާ އާބާދީއަކަށް އައިފޯނު އެތެރެކުރަން ހުއްދަދޭ ހިނދު، އެއީ ހަމައެކަނި މުދާގަނޑެއް ނޫނެވެ. އެއީ ޒަމާނީ، ހައި ޓެކް އަނިޔާވެރިކަމުގެ ރަމްޒެކެވެ. މި ފޯނުގެ ވިޔަފާރިއަކީ ޖެނޮސައިޑް އިގްތިސާދަށް ވާގިވެރިވުމުގެ ރަމްޒެކެވެ! ޖެނޮސައިޑް ނިޒާމަށް ވާގިވެރިވުމެއް ބާވައެވެ؟ ނޫނީ ފަލަސްޠީނަށް ވާގިވެރިވާކަމަށް ސްޓިކާއާއި ދިދައިން ކަން ދައްކަމުން އަމިއްލަ އެދުމާ ހެދި ދައްކާ މުނާފިގު ކަމެއް ހެއްޔެވެ؟

ހިއްސާ ކުރައްވާ!