ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި ހައްދުފަހަނައަޅާފައިވާ ޔަހޫދީ ޓެރަރިސްޓް ސެޓްލަރުންގެ އުދުވާނުތަކާއި، އިސްރާއީލުގެ ސިފައިންގެ ނުފޫޒު ގަދަ ޙަމަލާތައް އިތުރުވެ، ސަރަޙައްދުގެ މަސްރަޙު ނުރައްކާތެރި މިންގަނޑަކަށް ގޯސްވަމުންދާތާ 22 ދުވަސް ވެއްޖެއެވެ. ޤުޞްރާ އަވަށުގެ އިމާރާތްތަކާއި ޚާއްޞަކޮށް އެ ސަރަޙައްދުގެ ތަންތަން ހިޞާރަކޮށްފައި އޮންނަތާ ބާވީސް ދުވަސް ވެފައިވާއިރު، ޔަހޫދީ ފުލުހުން މިހާތަނަށް އެކަމުގައި އެއްވެސް ޔަހޫދީ ޓެރަރިސްޓަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. އަދި މިކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އިސްރާއީލުގައި ހުންނަވާ އެމެރިކާގެ ސޮލީބީ ސަހުޔޫނީ ސަފީރު މައިކް ހަކަބީ، ވިދާޅުވެފައިވާ ގޮތުގައި ހުޅަނގު އައްސޭރީގައި ހިންގާ ހަރުކަށި ޢަމަލުތަކާ މެދު އިސްރާއީލުގެ މުޖުތަމަޢުގެ އެތެރޭގައި އާންމުންގެ އެއްބަސްވުމެއް އޮތް ކަމަށެވެ. އަދި ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަސްލައްކައެއްހާ އިސްރާއީލަށް ނިސްބަތްވާ ޔަހޫދީން ތިބި ކަމަށާއި އެއިން ބަޔަކު އަނިޔާވެ އަމަލުތައް ހިންގާ ކަމަށެވެ. އޭނާ ބުނީ އެއީ މަދު ބައެއް ކަމަށެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ޔަދީޢޯތު އަޙްރޯނޫތު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޒަޔަނިސްޓުންގެ އަސްކަރީ އިސް އޮފިޝަލުން ވަނީ ސިޔާސީ ބޭނުންތަކެއް ހާޞިލުކުރުމަށްޓަކައި ސަރުކާރުގެ ބައެއް ފަރާތްތަކުން ހުޅަނގު އައްސޭރީގެ މަސްރަޙު އިތުރަށް ގޯސްކުރަން އުޅޭކަމުގެ ބިރު އެބަ އޮތް ކަމަށް ބުނެފައެވެ. އަދި ސިޔާސީ މަޤުޞަދެއްގައި ހިންގާ އެއްވެސް ޢަމަލަކަށް ސިފައިން ތާޢީދުނުކުރާނެ ކަމަށް އަސްކަރީ މަސްދަރުތަކުން ބުނެފައިވެއެވެ.







