އެމެރިކާގައި ފަލަސްޠީނަށް ތާއީދުކޮށް އިސްރާއީލުގެ ޖެނޮސައިޑަށް ފާޑުކިޔާ ބޭރު ޤައުމުތަކުގެ ދަރިވަރުންގެ ވިސާ ބާތިލުކޮށް ފޮނުވާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފެށި މަސައްކަތަކީ ޤާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް އެމެރިކާގެ ފަނޑިޔާރަކު ކަނޑައަޅުއްވައިފިއެވެ.
ކެލިފޯނިއާގެ ސަންހޫޒޭގެ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ނޮއެލް ވައިޒް ނެރުއްވި ޤަޟާއީ ނިންމުމުގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅުމަށްޓަކައި އިމިގްރޭޝަން ޤާނޫނުގެ މާއްދާތައް ނަހަމަ ގޮތުގައި ބޭނުންކުރުމާ ދެކޮޅަށް ފާޑުވިދާޅުވެފައިވެއެވެ.
މި މައްސަލައަކީ ފަލަސްޠީނަށް ތާއީދުކޮށް ޚިޔާލު ފާޅުކުރި ބޭރު ޤައުމުތަކުގެ ދަރިވަރުންތަކެއްގެ ވިސާ 2025 ވަނަ އަހަރުގެ މާޗް މަހު އެމެރިކާގެ އިމިގްރޭޝަން އިދާރާތަކުން، ބާތިލުކޮށް އެމީހުން ބޭރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމާ ގުޅިގެން ކޮށްފައިވާ ދައުވާ އެކެވެ. މި ފިޔަވަޅުތަކާ ގުޅިގެން ސްޓެންފޯޑް ޔުނިވާސިޓީގެ ދަރިވަރުންގެ ނޫސް ކަމަށްވާ "ސްޓެންފޯޑް ޑެއިލީ" އިން ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ކޯޓުގައި ދަޢުވާ ހުށަހަޅާފައެވެ. އެ ނޫހުން ބުނެފައިވާ ގޮތުގައި، ވިސާ ބާތިލުކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ސަބަބުން ބައިނަލްއަޤްވާމީ ބައެއް ދަރިވަރުން ވަނީ މެދުއިރުމަތީގެ މަސްރަޙާ ގުޅޭގޮތުން ޚިޔާލުފާޅުކުރުމުން ހުއްޓާލާފައެވެ.
ފަނޑިޔާރު ވައިޒް، ވިދާޅުވީ ޤައުމެއްގެ ބާރު ދައްކުވައިދޭ އެންމެ މުހިންމު އެއް ކަމަކީ ސަރުކާރަށާއި ވެރިންނަށް ފާޑުކިޔުމުގެ މިނިވަންކަން ރައްޔިތުންނަށް ލިބިދީފައި އޮތުން ކަމަށެވެ.
"މުޖުތަމަޢުގެ ފަރުދުން، އެއީ ރައްޔިތުން ކަމުގައި ވިޔަސް އަދި ބޭރު ޤައުމުތަކުގެ މީހުން ކަމުގައި ވިޔަސް، ސަރުކާރުގެ ބިރުދެއްކުމުގެ ސަބަބުން އަމިއްލަ ނަފުސު ސެންސަރުކުރަންޖެހޭ ހިސާބަށް ކަންކަން ދިއުމަކީ ޤައުމުގެ ބާރު ކުޑަވެގެންދާ ސަބަބެއް،" ފަނޑިޔާރު ވިދާޅުވިއެވެ.
މިއީ މިފަދަ މައްސަލައެއްގައި ފަނޑިޔާރަކު ނިންމެވި ފުރަތަމަ ނިންމުމެއް ނޫނެވެ. މީގެ ކުރިން ބޮސްޓަންގެ ފަނޑިޔާރަކު ވެސް ވަނީ ޓްރަމްޕް ބޭރު ޤައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ހިންގި މިފަދަ ޢަމަލުތަކަކީ ޤާނޫނުއަސާސީއާ ޚިލާފް ކަންކަން ކަމަށް ކަނޑައަޅުއްވާފައެވެ. މި ނިންމުމާއެކު، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ މި ޙުކުމަށް މަރުޙަބާ ކިޔާފައެވެ.







