އެމެރިކާގެ އިންޒާރުތަކަކީ ބަކުވާސް ވާހަކަތަކެއް! ބޯލަނބާނެ ބަޔަކު ނެތް: އީރާން

އީރާނުގެ މާލީ އަދި އިގުތިސާދީ ވަސީލަތްތައް އިނދެޖައްސާލައި އެ ގައުމު އެކެހެރިކުރުމަށް އެމެރިކާއިން އާ ފިޔަވަޅުތަކެއް އަޅަން ފެށުމާ ގުޅިގެން، އީރާނުގެ އިސް މަސްއޫލުވެރިން އެމެރިކާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. އީރާނުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ، އެހެން ގައުމުތަކާއެކު އީރާނުން ބާއްވާ އިގުތިސާދީ ގުޅުންތައް ހުއްޓުވުމުގެ ގާބިލުކަމެއް އެމެރިކާއަށް މިހާރަކު ނެތް ކަމަށެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް "އޮޕަރޭޝަން އިކޮނޮމިކް އައުޓްކާސްޓް" ގެ ނަމުގައި އީރާނާ ދެކޮޅަށް ޚާއްސަ އިގުތިސާދީ ކެމްޕޭނެއް ފައްޓަވާފައިވާ ކަން އިއުލާނު ކުރެއްވުމާ ގުޅިގެން، ގާލީބާފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ މިފަދަ ބިރުދެއްކުންތަކަށް ސަމާލުކަންދޭނެ ބަޔަކު މިހާރު ނޫޅޭ ކަމަށެވެ. އަދި އީރާނާއެކު ވިޔަފާރިކުރާ ގައުމުތަކުންވެސް އެމެރިކާގެ މި އިންޒާރުތަކަށް ބޯ ނުލަނބާނެކަން ސާފުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ހާމަކުރެއްވި ގޮތުގައި، މި އާ ކެމްޕޭނުގެ މައިގަނޑު ބޭނުމަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އާއި އީރާނު ސަރުކާރަށް ލިބޭ މާލީ އެހީތަކާއި ތެލުގެ އާމްދަނީ އެއްކޮށް ހުއްޓުވުމެވެ.

ބެސެންޓް ވިދާޅުވި ގޮތުގައި އީރާނަށް މިހާރު އޮތީ ދެ މަގެކެވެ. އެއީ ދުނިޔޭގެ އިގުތިސާދުން އެއްކޮށް އެކެހެރިވެގެން އުޅުން ނުވަތަ ބައިނަލްއަގުވާމީ އުސޫލުތަކަށް ރުޖޫއަވުމެވެ. ޒަޔަނިސްޓުން ޖެނޮސައިޑް ހިންގި އިރު އެމެރިކާއަށް މިފަދަ ފިޔަވަޅެއް ނޭޅި އައްސިވެފައި ތިބެވުނީ ކީއްވެގެން ހެއްޔެވެ؟

މީގެއިތުރުން، އެމެރިކާއިން ވަނީ އީރާނުގެ އަސްކަރީ އަދި ތެލުގެ ވިޔަފާރިއާ ގުޅުންހުރި 60 އަށްވުރެ ގިނަ ފަރުދުންނާއި ކުންފުނިތަކުގެ އިތުރުން ތެޔޮ އުފުލާ ބޯޓުފަހަރާ ދެކޮޅަށް އާ ދަތިކުރުމުގެ ފިޔަވަޅުތަކެއްވެސް އަޅާފައެވެ.

ހިއްސާ ކުރައްވާ!