އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑިއަށް ވާދަކުރައްވާ ޑިމޮކްރެޓިކް ކެންޑިޑޭޓް އަބްދުލް ސައްޔިދު (ޢަބްދުުއްރަޙްމާން ސައްޔިދު) ގެ ކެމްޕޭނަށް އެހީތެރިވަމުންދާ މަޝްހޫރު ސިޔާސީ މުޙައްލިލު ހަސަން ޕައިކަރ ޔަހޫދީންނާއި އިސްރާއީލުގެ ޗާލާކު ރޭވުންތަކާ ގުޅުވައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން ބޮޑު ބަހުސެއް އުފެދި، އެ ވާހަކަތަކާ އަބްދުލް ސައްޔިދު ގެކެމްޕޭނާ ގުޅުމެއް ނެތް ކަމަށް ބުނެފިއެވެ.
މި މައްސަލަ އުފެދުނީ ސޯޝަލް މީޑިއާގެ ލައިވް ސްޓްރީމެއްގައި ވާހަކަދައްކަވަމުން، އެމެރިކާގައި ދިރިއުޅޭ ޔަހޫދީންނާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން އެމީހުންނަށް އަމާޒުކޮށްގެން ދެވޭ ހަމަލާތަކާއި ނުފޫޒުތައް އިތުރުވެގެންދާނެ ކަމަށް ޕައިކަރ ވިދާޅުވުމާ ގުޅިގެންނެވެ. މިއާއެކު އިސްލާމޯފޯބިއާ ފަތުރާ މުސްލިމުންގެ އަދުއްވުން ވަނީ އެއީ ޔަހޫދީންނާ ދެކޮޅު ވިސްނުން އަބްދުލްގެ ކެމްޕޭންގައި އަށަގެންފައިވާ ކަމަށް ބުނެ ވާހަކަ ފަތުރާފައެވެ.
މި ޚިލާފުތަކާ ގުޅިގެން މިސްރުގެ ދަރިކޮޅަށް ނިސްބަތްވާ އަބްދުލް ސައްޔިދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ޔަހޫދީންނާ ދެކޮޅު ހުރިހާ ވިސްނުމަކާއި ވާހަކަތަކަކީ "އެއާ ދުރުވާން ޖެހޭ މުސީބާތެއް" ކަމަށެވެ. އަދި ކެމްޕޭންގެ ނަމުގައި ވާހަކަދެއްކުމުގެ ހައްގު އޮތީ ހަމައެކަނި އޭނާއަށާއި ކެމްޕޭންގެ ރަސްމީ ތަރުޖަމާނުންނަށް ކަމަށާއި، ޕައިކަރ ދެއްކެވި ވާހަކަތަކަކީ ކެމްޕޭންގެ ރަސްމީ ވިސްނުމެއް ނޫން ކަމަށެވެ.
ޓްރަމްޕްގެ އައުވާނުން ދަނީ މި މައްސަލަ އަބްދުލް ސައްޔިދުގެ ކެމްޕޭނާ ގުޅުވައިގެން އޭނާއަށް ގެންލުން ދިނުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް، ސައްޔިދު މަސައްކަތް ކުރައްވަނީ ކެމްޕޭންގެ މިސްރާބު އާންމު ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަށްވާ ތެލުގެ އަގާއި، ކާބޯތަކެތީގެ އަގުތަކާއި، ސިއްހީ ޚިދުމަތްތަކުގެ ފެންވަރު އިތުރުކުރުން ފަދަ އިގްތިސާދީ އަދި އިޖުތިމާއީ މައްސަލަތަކަށް އަނބުރާލެއްވުމަށެވެ.
އަންނަ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި މިޝިގަންގެ ސެނެޓް ގޮނޑިއަކީ ދެ ޕާޓީގެ ދެމެދުގައި ވާދަވެރިކަން ބޮޑުވާނެ ގޮނޑިއެކެވެ. މި ގޮނޑި އަބްދުލް ސައްޔިދު ކާމިޔާބު ކޮށްފިނަމަ މިއީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތާރިޚުގައި މުސްލިމަކު އެ މަޖިލިހަށް އިންތިޚާބުވާ ފުރަތަމަ ފަހަރު ކަމުގައިވާނެއެވެ.





