ޓްރަމްޕް އާސިމް މުނީރާއެކު ކުރީ ކޮން ސައްލާއެއްބާ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރަށް ފޯނުން ގުޅުއްވައި އީރާނުގެ މަސްރަހާ ގުޅޭގޮތުން މުހިންމު މަޝްވަރާތަކެއް ކުރައްވައިފިއެވެ. އަލްޖަޒީރާއަށް މައުލޫމާތު ދިން މުއުތަބަރު މަސްދަރަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ފޯން ކޯލު ކޮށްފައިވަނީ ވޭތުވެދިޔަ ހަފުތާގެ ތެރޭގައެވެ.

މި ފޯން ކޯލުގައި ރައީސް ޓްރަމްޕް ވަނީ އީރާނުގެ މައްސަލައިގައި ޕާކިސްތާނުން އަދާކުރެވިދާނެ ދައުރާ މެދު އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެމެރިކާއާއި އީރާނާ ދެމެދު ހުއްޓިފައިވާ ސިޔާސީ މަޝްވަރާތައް އަލުން ފެށުމަށްޓަކައި، އިސްލާމީ އުންމަތާއި ސަރަހައްދީ ސިޔާސަތުގައި ޕާކިސްތާނަށް އޮތް ނުފޫޒާއި ގުޅުންތަކުގެ ބޭނުން ހިފުމަށް ރައީސް ޓްރަމްޕް، ފީލްޑް މާޝަލް އާސިމް މުނީރުގެ އަރިހުން އެދިވަޑައިގެންނެވި ކަމަށް މަސްދަރުން ހާމަކުރެއެވެ.

އީރާނާއި ޕާކިސްތާނަކީ އެކުވެރި ދެ ގައުމަށްވެފައި، ދެ ގައުމުގެ ދެމެދުގައި އޮތް ބޯޑަރުގެ ސަބަބުންނާއި ސަރަހައްދީ ސެކިއުރިޓީގެ ގޮތުން ދެ ގައުމުގެ އަސްކަރީ އިސްވެރިންގެ މެދުގައި ގާތް ގުޅުމެއް އޮންނަކަން ފާހަގަކުރެވެއެވެ. މިއީ އެމެރިކާއިން އީރާނާއެކު އޮތް ނުތަނަވަސްކަން ކުޑަކުރުމަށްޓަކައި މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ޕާކިސްތާނަށް ދިން މުހިންމު ފުރުސަތެއްގެ ގޮތުގައި ދެކެއެވެ.

މި ފޯން ކޯލާ ގުޅޭގޮތުން އެމެރިކާގެ ވައިޓް ހައުސްއިން ނުވަތަ ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގް (އައިއެސްޕީއާރު) އިން ރަސްމީކޮށް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!