މެޓާގެ ސީއީއޯ މާކް ޒެކަބާގްގެ އަންހެނުން ޑރ. ޕްރިސިލާ ޗާން، އެމެރިކާގެ ކެލިފޯނިއާގެ އީސްޓް ޕާލޯ އަލްޓޯގައި ކުޑަ އާމްދަނީއެއް ލިބޭ އާއިލާތަކަށް އަމާޒުކޮށްގެން ހިންގަން ފެށި ހިލޭ އުނގަންނައިދޭ ސުކޫލު "ދަ ޕްރައިމަރީ ސުކޫލް" 10 އަހަރުގެ ޚިދުމަތަށްފަހު ބަންދުކޮށްފިއެވެ.
2016 ވަނަ އަހަރު ހުޅުވި މި ސުކޫލަކީ ކުދިންގެ ތައުލީމުގެ އިތުރުން ސިއްހީ އަދި ނަފްސާނީ އެހީތެރިކަން އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް އުފެއްދި ޚާއްޞަ މޮޑެލްއެކެވެ. މި ސުކޫލު ހިންގުމަށްޓަކައި ޗާން ޒެކަބާގް އިނިޝިއަޓިވް (ސީޒެޑްއައި) އިން 10 އަހަރު ތެރޭގައި 125 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ނަމަވެސް، ސުކޫލުގެ ތައުލީމީ ފެންވަރު ސްޓޭޓްގެ މިންގަނޑުތަކަށްވުރެ ދަށްވުމާއި، މާލީ އެހީތެރިކަން ހުއްޓާލުމާ ގުޅިގެން ސުކޫލުގެ ބޯޑުން ވަނީ ސުކޫލު ބަންދުކުރުމަށް ނިންމާފައެވެ.
ސުކޫލުގެ ބޯޑުން 2025 ވަނަ އަހަރުގެ އެޕްރީލް މަހު ބޭއްވި ބައްދަލުވުމެއްގައި ސުކޫލު ބަންދުކުރުމަށް އުސޫލީ ގޮތުން ނިންމީ 2025-26 ތައުލީމީ އަހަރަށްފަހު ސީޒެޑްއައި އިން އިތުރަށް ފަންޑު ނުދޭނެކަން އެންގުމުންނެވެ. ސީޒެޑްއައިގެ ތަރުޖަމާނަކު ހާމަކުރި ގޮތުގައި، އެ މުއައްސަސާގެ ސަމާލުކަން މިހާރު ވަނީ އިޖުތިމާއީ ކަންކަމަށް ފަންޑުކުރުމުގެ ބަދަލުގައި ސައިންޓިފިކް ރިސާޗްތަކަށް ބަދަލުކޮށްފައެވެ.
ސްޓޭންފޯޑް ޔުނިވަސިޓީގެ ރިޕޯޓަކުން ދައްކާ ގޮތުގައި 2025 ވަނަ އަހަރުގެ ބަހާރު މޫސުމުގައި އެ ސަރަހައްދުގެ ތިންވަނަ ގްރޭޑުން މަތީގެ ދަރިވަރުންގެ ތެރެއިން ސްޓޭޓްގެ ލިޓަރަސީ މިންގަނޑަށް ވާސިލުވީ އެ ސުކޫލުގެ 26 އިންސައްތަ ދަރިވަރުންނެވެ. މިއީ އެ ސަރަހައްދުގެ އާންމު ސުކޫލުތަކުގެ 14 އިންސައްތައަށްވުރެ މަތީ އަދަދެއް ނަމަވެސް، މުޅި ސްޓޭޓްގެ އެވްރެޖް ކަމަށްވާ 47 އިންސައްތައަށްވުރެ ވަރަށް ދަށް އަދަދެކެވެ. ނަމަވެސް، ސުކޫލުގެ ނިންމާ މަރުހަލާގައި ތިބި އަށްވަނަ ގްރޭޑުގެ ދަރިވަރުންގެ ފެންވަރު 50 އިންސައްތައަށްވުރެ މަތިވިކަން ސުކޫލުން ފާހަގަކުރެއެވެ.
މި ސުކޫލު ބަންދުކުރުމާ ގުޅިގެން އެ ސުކޫލުގައި ތައުލީމު ހާސިލުކުރަމުންދިޔަ 540 އަށްވުރެ ގިނަ ދަރިވަރުންނާއި އެ ކުދިންގެ އާއިލާތަކަށް ވަނީ ނުތަނަވަސް ކަމާ ކުރިމަތިވެފައެވެ. ސުކޫލުގައި ކުދިން ބައިތިއްބާފައިވާ ބައެއް ބެލެނިވެރިން ބުނި ގޮތުގައި، ސުކޫލު ބަންދުކުރާ ޚަބަރު ލިބުނީ މީޑިއާއިން ކަމަށާއި މާލީ އެހީ ހުއްޓޭނެކަން މާ ކުރިން ބެލެނިވެރިންނަށް އަންގާފައި ނުވާތީ އެކަމުގެ ހިތްހަމަނުޖެހުން ވަނީ އުފެދިފައެވެ. ސުކޫލު ބަންދުވުމާއެކު މި ދަރިވަރުން ދެން ބަދަލުވާނީ ރޭވަންސްވުޑް ސިޓީ އެލިމެންޓްރީ ސުކޫލް ޑިސްޓްރިކްޓަށެވެ.
ސުކޫލު އުވާލުމުގެ މަރުހަލާގައި ސީޒެޑްއައި އިން ވަނީ 50 މިލިއަން ޑޮލަރުގެ އިތުރު އެހީއެއް އިއުލާންކޮށްފައެވެ. މީގެ ތެރޭގައި ސުކޫލުގެ އިމާރާތުގެ ކުއްޔާއި، ކުދިންގެ ސިއްހީ ޚިދުމަތްތައް ކުރިއަށްްގެންދިއުމަށް އެހީތެރިވުން ހިމެނެއެވެ. މީގެ އިތުރުން، އަސަރުކުރި އާއިލާތަކުގެ ތައުލީމީ ފަންޑަށް 3.6 މިލިއަން ޑޮލަރު ހަދިޔާކޮށްފައިވާއިރު، އޭގެ ތެރެއިން އެލިމެންޓްރީ ދަރިވަރަކަށް 10,000 ޑޮލަރު، ޕްރީސްކޫލް ކުއްޖަކަށް 2,500 ޑޮލަރު އަދި ތުއްތު ކުދިންގެ ޕްރޮގްރާމްތަކުގައިވާ ކުދިންނަށް 1,000 ޑޮލަރުގެ އެހީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޑރ. ޕްރިސިލާ ޗާން ވަނީ 2023 ވަނަ އަހަރާ ހަމައަށް 8 އަހަރު ވަންދެން ސުކޫލުގެ ބޯޑު ޗެއާގެ މަގާމު ފުރައްވާފައެވެ. ސީޒެޑްއައި އިން ބުނި ގޮތުގައި، މިއީ އެންމެ ފަންޑަރަކަށް ބަރޯސާވެގެން ދިގު މުއްދަތަކަށް ހިންގުމަށް ރޭވި މޮޑެލްއެއް ނޫނެވެ. މަގުސަދަކީ ދައުލަތުގެ އާންމު ސުކޫލުތަކެކޭ އެއްފަދައިން އަމިއްލައަށް ހިންގޭނެ ނިޒާމެއް ގާއިމުކުރުން ކަމަށްވީ ނަމަވެސް، މާކް ޒެކަބާގް ފަދަ މަހުޖަނެއްގެ އެހީ ލިބޭ ސުކޫލަކަށް ބޭރުގެ އިތުރު އެހީ ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި ކަމަށް ސުކޫލުގެ ބޯޑުން ހާމަކުރެއެވެ.


