azhar
azhar

އަލްއަޒްހަރުގެ އިމާމުގެ އެޑްވައިޒަރ ޑރ. ނަހްލާގެ ހާއްސަ ސެޝަންތަކެއް އައިޔޫއެމްގައި

މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ އިމާމް، ޝައިޚުލް އަޒްހަރު ޑރ. އަޙްމަދު ޠައްޔިބުގެ އެޑްވައިޒަރ ޑރ. ނަހްލާ އައްޞަޢީދީގެ ހާއްސަ ސެޝަންތަކެއް އިސްލާމީ ޔުނިވަރސިޓީ (އައިޔޫއެމް) އިން ބޭއްވުމަށް ތާވަލުކޮށްފިއެވެ. އައިޔޫއެމްގެ ދައުވަތަކަށް ޑރ. ނަހްލާ ރާއްޖެއަށް ކުރައްވާ މި ޒިޔާރަތުގައި މުޖުތަމައުގެ އެކި ދާއިރާތަކަށް އަމާޒުކޮށްގެން ސެޝަންތައް އިންތިޒާމުކުރަނީ އެ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައިންސަސް އިންނެވެ.

ޑރ. ނަހްލާ އައްޞަޢީދީއަކީ އަޒްހަރުގެ ދިގު ތާރީހުގައި ޝައިޚުލް އަޒްހަރުގެ އެޑްވައިޒަރެއްގެ މަޤާމަށް އައްޔަނުކުރެވުނު އެންމެ ފުރަތަމަ އަންހެން ބޭފުޅާއެވެ. މި ޒިޔާރަތުގައި އައިޔޫއެމްއިން ބާއްވާ އަހަރީ ބައިނަލްއަޤްވާމީ ކޮންފަރެންސް (އައިސީއައިއޭ) ގައި ޑރ. ނަހްލާ ހާއްސަ ކީނޯޓް ސްޕީޗެއް ދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އައިޔޫއެމްއިން މައުލޫމާތު ދޭ ގޮތުގައި، މި ސެޝަންތަކަކީ އިސްލާމީ އަގުތަކުގެ މައްޗަށް ބިނާކޮށް މުޖުތަމައުގެ އެކި ފަންތިތަކުގެ މީހުން ހޭލުންތެރިކުރުވުމަށާއި، އިލްމީ ގޮތުންނާއި ފިކުރީ ގޮތުން މީހުން ބިނާކުރުމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ވަރަށް މުހިންމު ސެޝަންތަކެކެވެ.

ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކުގެ ތަފްޞީލު:

  • ޒުވާނުންނާއި ދަރިވަރުންނަށް އަމާޒުކުރެވޭ ސެޝަން: 26 އޮގަސްޓްވާ ހޯމަ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ބާއްވާ މި ސެޝަންގެ މައުޟޫއަކީ "ޝަޚްޞިއްޔަތާއި އިޖްތިމާއީ މަގާމް ހާސިލްކުރުމުގައި އިސްލާމް ދީން ޒުވާނުން ބާރުވެރިކުރާ ގޮތް" އެވެ. މިއީ ސެކަންޑަރީ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ ސެޝަނެކެވެ.

  • ދީނީ ޢިލްމުވެރިންނާއި ވާޢިޡުންނަށް އަމާޒުކުރެވޭ ސެޝަން: 26 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް "އިސްލާމީ ދައުވަތުގެ މައިދާނުގައި އަންހެނުން: ނުފޫޒުވެރިކަމާއި އަދާކުރާ މުހިންމު ދައުރު" މި މައުޟޫއަށް ބާއްވާ ސެޝަނަކީ ދީނީ ދައުވަތު ފެތުރުއްވުމުގައި ހަރަކާތްތެރިވާ މުސްލިހުންނާއި، އިލްމުވެރިން އަދި ވާޢިޡުންނަށް ހާއްސަ ސެޝަނެކެވެ.

  • މުދައްރިސުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް "ދަރިވަރުންގެ ޝަޚުސިއްޔަތު ބައްޓަންކުރުމާއި، އިސްލާމީ ރަނގަޅު އުސޫލުތަކަށް ލޯބިކުރާ ހޭލުންތެރި ޖީލެއް ބިނާކުރުމުގައި މުދައްރިސުންގެ ދައުރު" މި މައުޟޫއަށް ސްކޫލްތަކުގެ މުދައްރިސުންނަށް ސެޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

  • ޔުނިވަރސިޓީ އަދި ކޮލެޖްތަކުގެ ދަރިވަރުންގެ ލީޑަރުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްގެ މެންދުރުފަސް 13:00 އިން 15:00 އަށް ސްޓޫޑެންޓް ޔޫނިއަންތަކުގެ އިސް ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވަނީ "އިސްލާމީ ވަންތަކަމުގެ މައްޗަށް ބިނާވެފައިވާ، ނަތީޖާނެރެވޭފަދަ އިސްނެގުމުގެ ދައުރުތަކެއް އަދާކުރުމުގައި ދަރިވަރުން ބާރުވެރިކުރުވުން" މި މައުޟޫއުގެ ސެޝަނެވެ.

  • ތަޢުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް އަމާޒުކުރެވޭ ސެޝަން: 27 އޮގަސްޓްގެ ރޭގަނޑު 20:00 އިން 22:00 އަށް ޔުނިވަރސިޓީތަކާއި ތައުލީމީ މުއައްސަސާތަކުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން "ތައުލީމީ މުއައްސަސާތަކުގައި މަސައްކަތުގެ އުފެއްދުންތެރިކަމާއި، އިސްލާމީ އަގުތަކާ ދެމެދު ވަޒަން ހަމަކުރުން" މި މައުޟޫއަށް ސެޝަނެއް ކުރިއަށްދާނެއެވެ.

ހިއްސާ ކުރައްވާ!