އެމެރިކާގެ ސިޔާސީ މަސްރަހުގައި އުޅޭ އާ ކަނާތުފިޔައިގެ މީހުންގެ މެދުގައި، ހާއްސަކޮށް ޑިޖިޓަލް މީޑިއާ އާއި ސޯޝަލް މީޑިއާ މަންސަތަކުގައި ހަރަކާތްތެރިވާ ނުފޫޒުގަދަ ފަރާތްތަކުގެ މެދުގައި އިސްލާމްދީނާމެދު ދެކޭގޮތް ބަދަލުވާން ފަށައިފިއެވެ. މީގެ ކުރިން އެމެރިކާގެ ކޮންސަވޭޓިވް ފިކުރުގެ މީހުން، ހާއްސަކޮށް ނިއޯ-ކޮންސަވޭޓިވުން، އިސްލާމްދީނަކީ ހުޅަނގުގެ ތަހުޒީބަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ދެކެމުން އައި ނަމަވެސް، މިހާރުގެ އާ ވިސްނުމުގައި އިސްލާމްދީނަކީ ބާރާއި، ޑިސިޕްލިން) އަދި އާއިލީ އުސޫލުތަކުގެ ހަރުދާނާ ނަމޫނާއެއްގެ ގޮތުގައި ސިފަކުރަން ވަނީ ފަށާފައެވެ.
އިނގިރޭސިވިލާތުގެ "ނިއު ސްޓޭޓްސްމަން" މަޖައްލާގައި ލިޔުންތެރިޔާ ޓްރެވިސް އެލެކްސެންޑާ ޝާއިއުކުރެއްވި ތަހުލީލީ ލިޔުމެއްގައި ފާހަގަކުރައްވާފައިވާ ގޮތުގައި، މި ބަދަލަކީ ކޮންސަވޭޓިވް ފިކުރުގެ މީހުން އަގީދާގެ ގޮތުން އިސްލާމްދީން ގަބޫލުކުރުމަށްވުރެ ބޮޑަށް، ހުޅަނގުގެ މުޖުތަމައުތައް ބަލިކަށިވެ، އަޚުލާގީ ގޮތުން ފަސާދަވެފައިވާ ކަމަށް ގަބޫލުކުރެވުމުން އުފެދިގެން އުޅޭ އިހުސާސެކެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު ނޫސްވެރިޔާ ޓަކަރ ކާލްސަން، އިންޓަނެޓް އިންފްލުއެންސަރު އެންޑްރޫ ޓޭޓް، ސެނީކޯ އަދި "ބްރޮންޒް އޭޖް ޕާވާޓް" ފަދަ މީހުން ހިމެނެއެވެ.
މި ބަދަލުގެ އެންމެ ބޮޑު އެކަކީ ކުރިން އިސްލާމްދީނާ ދެކޮޅަށް ވަރުގަދައަށް ވަކާލާތުކުރި ނޫސްވެރިޔާ ޓަކަރ ކާލްސަންއެވެ. ކާލްސަން ވަނީ މީގެ ކުރިން އޭނާ އިސްލާމްދީނާއި މުސްލިމުންނާ މެދު ގެންގުޅުނު ހައްދުފަހަނައެޅި ނަފްރަތުގެ ވިސްނުމަކީ ކުށްހީއެއް ކަމަށާއި، އެއީ އޭނާއަށް ހެދުނު ބޮޑު ގޯހެއް ކަމަށް އާންމުކޮށް އިއުތިރާފު ވެފައެވެ. އަދި އެމެރިކާގެ މުސްލިމުންނަށް ފާޑުކިއުމަކީ ނަފްރަތުން އުފެދޭ ކަމެއްގެ ގޮތުގައި ސިފަކޮށް، އިސްލާމީ ޝަރީއަތަކީ ހުޅަނގުގެ އަޚުލާގީ ހީނަރުކަމުގެ ކުރިމަތީގައި ސަރީހަ އަޚުލާގީ މިންގަނޑެއް ފޯރުކޮށްދޭ ނިޒާމެއް ކަމަށް ބުނެ އޭނާ ވަނީ ތައުރީފުކޮށްފައެވެ.
އަދި އިސްލާމްދީން ގަބޫލުކޮށްފައިވާ އިންޓަނެޓް ޝަޚުސިއްޔަތު އެންޑްރޫ ޓޭޓް، އޭނާގެ އޮންލައިން ހަރަކާތްތަކުގައި އިސްލާމްދީން ސިފަކުރަނީ ހުޅަނގުގެ ލިބަރަލް މުޖުތަމައުގެ ގަޑުބަޑާ ދެކޮޅަށް އޮތް ވަރުގަދަ އައްޑަނައެއްގެ ގޮތުގައެވެ. ޓޭޓްގެ ވާހަކަތަކުގައި ބޮޑަށް އަލިއަޅުވާލަނީ ދީނީ އަގީދާއަށްވުރެ ބޮޑަށް، އިސްލާމްދީނުގައި އޮންނަ ހަމަޖެހިމާއި، ފިރިހެނުންނާއި އަންހެނުންގެ މިންތީގެ ދައުރުތަކުގެ ސަރީހަކަމާއި، އަދި އިސްލާމީ އުސޫލުތައް ދެމެހެއްޓުމުގައި އޮތް ސާބިތުކަމުގެ މައްޗަށެވެ.
ލިޔުންތެރިޔާ އެލެކްސެންޑާ ފާހަގަކުރައްވާ ގޮތުގައި، "ނިއު ރައިޓް" ގެ ފިކުރުގެ މި މީހުން އިސްލާމްދީނާމެދު މިފަދަ ޝައުގުވެރިކަމެއް ދައްކަނީ އިސްލާމީ ތައުލީމުތަކަށް ފުރިހަމައަށް ތަބާވުމުގެ ނިޔަތުގައެއް ނޫނެވެ.
މިއީ "އިސްލާމްދީނުގެ ހަގީގީ އަގީދާއާ ނުލައި އިސްލާމްދީން" ނުވަތަ އިސްލާމީ މުޖުތަމައުތަކުން ފެންނަ ބާރާއި ،ބަދަހިކަމާއި އާއިލީ ނިޒާމުގެ ސޫރަ، ހުޅަނގުގެ އިޖުތިމާއީ ބަލިކަށިކަމާ ދެކޮޅަށް ބޭނުންކުރުމުގެ އުކުޅެކެވެ.
މިކަމުން ދޭހަވަނީ އެމެރިކާގެ ކޮންސަވޭޓިވް ފިކުރުގެ މީހުން އިސްލާމްދީނަކީ ހުޅަނގުގެ ދުޝްމަނެއްގެ ގޮތުގައި ދެކުނު ގޮތް ބަދަލުވެ، ހުޅަނގުގެ މުޖުތަމައު އެތެރެއިން ރޫޅެމުންދާ ކަމަށް ބުނާ ބުނުމަށް ބާރުލިބައިގަތުމަށް އިސްލާމްދީން މޮޑެލްއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމެވެ.



