އެމެރިކާގެ ޚާރިޖީ ވަޒީރުގެ އަމިއްލަ ދަތުރުފުޅުތަކަށް 1.2 މިލިއަން ޑޮލަރު ޚަރަދުކުރެއްވުން މައްސަލައަކަށްވެއްޖެ

އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން، އަމިއްލަފުޅު އެކި ދަތުރުފުޅުތަކަށް ދައުލަތުގެ ފައިސާއިން 1.2 މިލިއަން ޑޮލަރު ޚަރަދުކުރައްވާފައިވާކަން ހާމަވެއްޖެއެވެ. "ދަ ވޮޝިންޓަން ޕޯސްޓް" ގައި ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، މި ގިނަ ޚަރަދުތައް ކުރައްވާފައިވަނީ ދަރިން ޔުނިވަރސިޓީ އޮފް ފްލޮރިޑާގައި ކުޅޭ ކޮލެޖް ފުޓުބޯޅަ މެޗުތައް ބެއްލެވުމަށް ކުރެއްވި ދަތުރުފުޅުތަކަށެވެ.

ދަތުރުފުޅުތަކުގެ ރެކޯޑުތަކަށް ބިނާކޮށް އެ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، ރޫބިއޯ ވަނީ މިދިޔަ އަހަރު މަޤާމާ ހަވާލުވެވަޑައިގެންނެވި ފަހުން ފްލޮރިޑާ ގޭޓަރސް ކުޅުނު 10 މެޗަށް ވަޑައިގެންފައެވެ. އަދި ސަރުކާރުގެ ޚާއްޞަ އުޅަނދުފަހަރު ބޭނުންކުރައްވައިގެން ފްލޮރިޑާގެ ގޭންޒްވިލްއަށް 23 ފަހަރަށްވުރެ ގިނައިން ވަޑައިގެންފައިވާކަން ޚާރިޖީ ވުޒާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އޭގެ ތެރެއިން 15 ދަތުރަކީ އެއްވެސް ސިޔާސީ ނުވަތަ ރަސްމީ ބޭނުމެއް ނެތި، މުޅިން އަމިއްލަ ބޭނުންތަކަށް ކުރައްވާފައިވާ ދަތުރުތައް ކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

އެމެރިކާގެ ސަލާމަތީ ކަންކަން ހުންނަ ގޮތުން، ވައިގެ ދަތުރުފަތުރުގައި އާންމު މަތިންދާބޯޓު ބޭނުންކުރުން މަނާކޮށްފައިވާ މަދު އިސްވެރިންގެ ތަްރޭގައި ރޫބިއޯ ހިމެނިވަޑައިގަންނަވައެވެ.

ޤާނޫނީ ގޮތުން އަމިއްލަ ދަތުރުފުޅުތައް ކުރެއްވުމަށް ފަހު ދައުލަތަށް ފައިސާ އަނބުރާ ދައްކަވަންޖެހުނު ނަމަވެސް، ޤާނޫނު އޮންނަގޮތުން އެނާ ދައްކަވަންޖެހެނީ އިކޮނޮމިކް ކްލާހެއްގެ ޓިކެޓަކަށްވާވަރުގެ ކުޑަ މިންވަރެކެވެ. ކުރީގެ ޚާރިޖީ ވަޒީރުން މިފަދަ އަމިއްލަ ދަތުރުފުޅުތައް ކުރެއްވި ނަމަވެސް، މިހާ ފުޅާދާއިރާއެއްގައި ދައުލަތުގެ ވަސީލަތްތައް އަމިއްލަ ކަންކަމަށް ބޭނުންކުރައްވާފައި ނުވާކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.

މި މައްސަލައާ ގުޅިގެން ސިޔާސީ ފަރާތްތަކާއި ޒިންމާދާރު ޖަމުޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ވޮޝިންޓަންގެ އަޚްލާޤީ ކަންކަމަށް ފާރަވެރިވާ ޖަމުޢިއްޔާއެއްގެ އިސް ޤާނޫނީ މުޝީރު ސިންތިއާ ބްރައުން ވިދާޅުވި ގޮތުގައި، މިއީ ޤާނޫނީ މައްސަލައަކަށްވުރެ ބޮޑަށް އަޚުލާގީ މައްސަލައެކެވެ. އަދި ދައުލަތުގެ ފައިސާ  ގެންގުޅުއްވުމުގައި ޒިންމާދާރުކަން ކުޑަވުމަކީ އިދާރާގެ އަގު ވެއްޓިގެންދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ޚާރިޖީ ވުޒާރާގެ އެސިސްޓަންޓް ސެކްރެޓަރީ ޑިލަން ޖޮންސަން ވަނީ މި ދަތުރުތައް ދިފާޢުކުރައްވާފައެވެ.

ހިއްސާ ކުރައްވާ!