ދަތިކުރުމުގެ ފިޔަވަޅުތައް ކާމިޔާބުވިނަމަ އަމިއްލަ ވެރިރަށުގައި ފިލާކަށް ނުޖެހުނީސް: އީރާން

އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ސްކޮޓް ބެސެންޓް، އޭނާގެ ފުރާނައަށް ނުރައްކަލެއް އޮތް ކަމަށް ބުނާ ރިޕޯޓުތަކަކާ ގުޅިގެން ވޮޝިންޓަން ޑީސީގައި ހުންނަ އަމިއްލަ ގެކޮޅު ދޫކުރައްވައި ސިފައިންގެ މަރުކަޒަކަށް ދިރިއުޅުން ބަދަލުކުރެއްވުމުން، އީރާން ސަރުކާރުގެ އިސް އޮފިޝަލަކު އެކަމަށް މަލާމާތްކޮށް ފާޑުވިދާޅުވެއްޖެއެވެ.

އީރާނުގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، އީރާނުގެ ފުރަތަމަ ނައިބު ރައީސްގެ އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓްގެ ނައިބު ވެރިޔާ ޢައްބާސް ބަޒޫކީ، މީސް މީޑިއާގެ "އެކްސް" ގައި ހުކުރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާގެ ޚަޒާނާ ވަޒީރު ސިފައިންގެ މަރުކަޒަކަށް ބަދަލުވާން ޖެހުމުން ދައްކުވައިދެނީ އީރާނާ ދެކޮޅަށް ވޮޝިންޓަނުން ހިންގާ އިޤްތިޞާދީ ފިއްތުންތަކުގެ ކެމްޕޭން ނާކާމިޔާބުވެފައިވާ މިންވަރު ކަމަށެވެ. ސިފައިންގެ މަރުކަޒެއްގައި ފިލާ ހުންނަވައިގެން އީރާނާ ދެކޮޅަށް އިޤްތިޞާދީ ޙިޞާރެއް ޤާއިމުކުރުމަށް ބެސެންޓް ގޮވާލައްވާތީ ބަޒޫކީ ވަނީ އެކަމަށް ވަރަށް ބޮޑަށް މަލާމާތް ކުރައްވާފައެވެ.

"ތިޔަބޭފުޅުންގެ ދަތިކުރުމުގެ ފިޔަވަޅުތައް ކާމިޔާބުވިނަމަ، ތިޔަބޭފުޅުންގެ އަމިއްލަ ވެރިރަށުގައި ތިބެގެން ފިލާކަށް ނުޖެހުނީސް،" ބަޒޫކީ ލިޔުއްވާފައިވެއެވެ. މީގެއިތުރުން، އެމެރިކާއިން ކުރިމަތިކުރާ އިޤްތިޞާދީ ފިއްތުންތަކުގެ ކުރިމަތީގައި އީރާން ސާބިތުވެ އޮންނާނެ ކަމަށާއި، ދުވަހަކުވެސް އަމާން ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސްކޮޓް ބެސެންޓް އޭނާގެ ގެކޮޅުން ސިފައިންގެ މަރުކަޒަކަށް ބަދަލުކޮށްފައިވަނީ އީރާނުން އޭނާއަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރުތަކެއް ލިބުމާ ގުޅިގެންނެވެ. ނަމަވެސް، އެމެރިކާގެ ބިމުގައި ތިބި އެމެރިކާގެ އޮފިޝަލުންނަށް ނުވަތަ ރައްޔިތުންނަށް އަމާޒުކޮށް ހަމަލާތަކެއް ދިނުމަށް ރާވާ ކަމަށް ބުނެ ކުރާ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ.

އަނެއްކޮޅުން، ހުކުރު ދުވަހު "ސީ.އެން.ބީ.ސީ" އަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ބެސެންޓް ވިދާޅުވީ، އީރާނުގެ ފަރާތުން އަންނަ މަރުގެ އިންޒާރުތަކަށް އޭނާ ބިރުނުގަންނަ ކަމަށެވެ.

"ގަލްފުގެ ސަރަޙައްދުގައި ތިބި އަޅުގަނޑުމެންގެ ހިތްވަރުގަދަ ސިފައިންނަށާއި، ރައީސް ޑޮނަލްޑް ޓްރަމްޕަށް މެދުނުކެނޑި މަރުގެ އިންޒާރުތައް ލިބެމުންދާއިރު، އަޅުގަނޑު ބިރުގަންނަންވީ ކީއްވެތޯ؟" ބެސެންޓް ސުވާލު އުފެއްދެވިއެވެ. އެކަމަކުވެސް އަމިއްލަ ރައްކާތެރި ވެރިރަށުގައި އޭނާ އޮތީ ބޮނދައިގެންނެވެ!

އީރާނުން ޢަމަލުކުރަމުންދަނީ "ކަނަކަށް ފިއްތިފައި އޮތް ނުރައްކާތެރި ޖަނަވާރެއް" ފަދައިން ކަމަށް ސިފަކުރައްވަމުން ބެސެންޓް ވިދާޅުވީ، ސިފައިންގެ މަރުކަޒަކަށް ދިރިއުޅުން ބަދަލުކުރެއްވީ ސީކްރެޓް ސަރވިސްގެ އިރުޝާދުގެ ދަށުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

އޭނާ ގެ  ދޫކުރައްވަން ޖެހުނު އެއް ސަބަބަކީ، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު "ދަ ވޯލް ސްޓްރީޓް ޖާނަލް" ނޫހުން ވޮޝިންޓަންގެ ޖޯޖް ޓައުން އަވަށުގައި ހުންނަ އޭނާގެ ގޭގެ މަތިން ނަގާފައިވާ ފޮޓޯއެއް ޝާއިޢުކުރުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ނުރައްކާތެރި ޢަމަލެއް ކަމަށާއި، އެފަދަ ކަންކަން ހުއްޓާލަން ޖެހޭ ކަމަށް ބެސެންޓް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!