އެމެރިކާއަށް ވިޔަފާރިއާއި ފަތުރުވެރިކަމުގެ ވިސާގައި އެތެރެވުމަށްފަހު، އެ ގައުމުގައި ދެމިތިބުމަށް އެދި ހިމާޔަތް ހޯދުމަށް ހުށަހަޅާފައިވާ 2 ލައްކަ ބިދޭސީންގެ ވިސާ ބާތިލުކުރުމުގެ ބޮޑު މަޝްރޫއެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށައިފިއެވެ. މިއީ އެމެރިކާގެ ތާރީޚުގައިވެސް އެއްފަހަރާ މިހާ ގިނަ އަދަދެއްގެ ވިސާ ބާތިލުކުރުމަށް ނިންމާ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން އެކުލަވާލާފައިވާ ލިޔެކިޔުންތަކާ ހަވާލާދީ އޭއެސްޕީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ނިންމުމުގެ ދަށުން ބާތިލުކުރުމަށް ހަމަޖެހިފައިވަނީ 2016 އާއި 2026 އާ ދެމެދު ދޫކޮށްފައިވާ "ބީ-1″ (ވިޔަފާރި) އަދި "ބީ-2″ (ފަތުރުވެރިކަން) ގެ ވިސާތަކެވެ. މި ފިޔަވަޅު އަމާޒުކުރެވެނީ އާންމުކޮށް ހިމާޔަތަށް އެދޭ އެންމެންނަކަށް ނޫނެވެ. ނަމަވެސް، ވަގުތީ ގޮތުން އެތެރެވުމަށްފަހު، އެމެރިކާގައި ދާއިމީކޮށް ތިބުމަށް ހިމާޔަތަށް އެދިފައިވާ ފަރާތްތަކަށެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތޯމަސް ބިގޮޓް ވިދާޅުވީ، ވަގުތީ ޒިޔާރަތްތެރިންގެ ގޮތުގައި އެމެރިކާއަށް އެތެރެވުމަށްފަހު ދާއިމީކޮށް ތިބުމަށް ހިމާޔަތަށް އެދޭ މީހުންގެ ވިސާ ފާހަގަކޮށް ބާތިލުކުރުމުގެ މަސައްކަތް ހޯމްލޭންޑް ސެކިއުރިޓީއާ ގުޅިގެން ކުރިއަށްދާ ކަމަށެވެ. އަދި މިއީ އެންމެ ފަހުގެ އަދަދު ނޫން ކަމަށާއި، މުރާޖައާކުރުމުގެ މަރުހަލާ ކުރިއަށްދާ ވަރަކަށް ބާތިލުކުރެވޭ ވިސާގެ އަދަދު އިތުރުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ނިންމުމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ޑެޕިއުޓީ ސެކްރެޓަރީ ކްރިސްޓޮފަރ ލަންޑޯ ވިދާޅުވީ، އެމެރިކާގެ އިމިގްރޭޝަން ނިޒާމު އޮތީ ބާރުބޮޑުވެ، ހިމާޔަތަށް އެދޭ މީހުންގެ ހުށަހެޅުންތަކުން ފުރިފައި ކަމަށެވެ. އަދި ހިމާޔަތް ހޯދުމަކީ އިމިގްރޭޝަން ގާނޫނުތަކަށް މަކަރުހަދައި، އެހެން މަގަކުން ގައުމުގައި ތިބުމަށް އޮތް ފުރުސަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޓްރަމްޕް އަލުން ވެރިކަމާ ހަވާލުވިފަހުން ދުނިޔޭގެ މީހުންނަށް ނުހޮރޮއްޕާން ކުރާ ފަދައިން އެމެރިކާގައި އުޅޭ ހިޖުރަ ވެރިންނަށް ވެސް ނުހޮރޮއްޕާން ކުރަން ފަށާފައި ވެއެވެ. ވޭތުވެދިޔަ 18 މަސްދުވަހުގެ ތެރޭގައި އެކަނިވެސް 2 ލައްކައެއްހައި މީހުންގެ ވިސާ ވަނީ ބާތިލުކޮށްފައެވެ.





