އީރާނާ ދެކޮޅަށް ފަށާފައިވާ ޓްރަމްޕްގެ ސޮލީބީ ކެމްޕޭނާއެކު، އީރާނާއެކު އިގްތިސާދީ ގޮތުންމުއާމަލާތު ކުރާ އެހެން ގައުމުތަކާ ދެކޮޅަށް ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ދުނިޔޭގެ މާލީ ނިޒާމުން އެ ގައުމުތައް އެކަހެރިކޮށްލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދީފިއެވެ.
އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް "އީރާންގެ އިގްތިސާދީ ގިޔާމަތް ދުވަސް" ގެ ނަމުގައި ތައާރަފުކުރެއްވި މި އައު ސިޔާސަތުގެ ދަށުން، އީރާނުގެ ތެޔޮ ގަންނަ، ގައުމުތަކާއި އަދި އީރާންގެ ބޭންކުތަކާއެކު މުއާމަލާތްކުރާ ގައުމުތަކާއި ކުންފުނިތަކާއި، ނުވަތަ ވިޔަފާރި އުޅަނދުފަހަރު ރަޖިސްޓްރީކޮށްދޭ ތިންވަނަ ގައުމުތަކަށް ބޮޑެތި އިގްތިސާދީ ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ ކަމަށް ބުނެ ދުނިޔެއަށް އިންޒާރު ދީފައި ވެއެވެ. މިއީ އީރާނުގެ މާލީ އަދި ވިޔަފާރި ވިއުގަތައް މުޅިން ހުއްޓުވައިލުމަށްޓަކައި އީރާންގެ އިގްތިސާދު އިނދެ ޖައްސާލައި އެމެރިކާގެ ދެވަނަ ދަރަޖައިގެ ދަތިކުރުމުގެ ފިޔަވަޅުތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާނެ ފަހަރެވެ.
ޓްރަމްޕްގެ މި ސިޔާސަތަކީ ސީދާ އިންޑިއާ އާއި ޗައިނާ ރަޝިޔާފަދަ ބްރިކްސްގެ ޖަމާއަތުން އީރާނާއެކު މުއާމަލާތް ކުރާ ގައުމުތަކާއި ބްރިކްސް ޖަމާއަތް ރޫޅާލުމަށް ރާވފައިވާ ސިޔާސަތެކެވެ. ބްރިކްސްއަކީ އެމެރިކާ ޑޮލަރަށް ގޮންޖަހަމުން އައު ބައިނަލްއަގްވާމީ ޑޮލަރު ނޫން ޕޭމެންޓްގެ ނިޒާމަކަށް މަސައްކަތް ކުޜާ ޖަމާއަތެކެވެ.
މި ފިޔަވަޅުން އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަ ޗައިނާއާއި، އީރާނާއެކު ވިޔަފާރީގެ ގުޅުންތައް ބާއްވާ އިންޑިއާއަށް މިކަމުގެ ނޭދެވޭ އަސަރުތައް ފޯރުމުގެ ފުރުސަތު ބޮޑެވެ. އެމެރިކާއިން ބުނަމުންދަނީ ދުނިޔޭގެ ގައުމުތަކަށް އޮތީ ދެ އިޚުތިޔާރެއް ކަމަށެވެ. އެއީ އީރާނާއެކު ވިޔަފާރިކުރުން ނުވަތަ އެމެރިކާއިން ކޮންޓްރޯލްކުރާ ދުނިޔޭގެ މާލީ ނިޒާމުގެ ތެރޭގައި ދެމިއޮތުމެވެ.
އެމެރިކާގެ މި އިންޒާރުތަކާއެކު އީރާނުން ވެސް ވަނީ ވަރުގަދަ ރައްދުތަކެއް ދީފައެވެ. އީރާނުގެ ސުޕްރީމް ނެޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ މުހުސިން ރިޒާއީ ވިދާޅުވީ، އެމެރިކާއިން ފަށާފައިވާ "އިގްތިސާދީ ހަނގުރާމަ" ހުއްޓައިނުލައިފިނަމަ، ފާރިސީ ކަނޑުއޮޅިން އެންމެ ތެޔޮ ތިއްކެއް ވެސް ބޭރުކުރިޔަ ނުދޭނެ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.
ހުޅަނގުން ފިނިމޫސުމާ ކުރިމަތިލާއިރު އެމެރިކާގެ ފިޔަވަޅުތަކުން ކުރާނީ ފައިދާއެއް ބާވައެވެ؟
މި ނުވަތަނަވަސްކަމުގެ ސަބަބުން މެދުއިރުމަތީގެ ގައުމުތަކަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ. ޔޫއޭއީން މިހާރު ވެސް އީރާނާއެކު ކުރާ ވިޔަފާރީގެ ބޮޑު ބައެއް ހުއްޓާލާފައެވެ. ސައޫދީ އަރަބިއްޔާއާއި ގަތަރު ފަދަ ގައުމުތަކުގެ ހަކަތައިގެ ވަސީލަތްތަކަށާއި ވިޔަފާރި މަގުތަކަށް އީރާނުގެ ރައްދު ހަމަލާތައް އަމާޒުވެދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި މައްސަލައިގައި ޗައިނާއިން ވަނީ އެމެރިކާއިން އަމިއްލައަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ދެކޮޅުހަދައި، އެއީ މައްސަލައަށް އޮތް ހައްލެއް ނޫންކަމަށް ބުނެފައެވެ. ނަމަވެސް، އެމެރިކާއިން ޗައިނާއާއި އިންޑިއާގެ ބޭންކުތަކާއި ކުންފުނިތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފިނަމަ، މެދުއިރުމަތީގެ ހަނގުރާމައިގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ބޮޑު އިގްތިސާދީ ކާރިސާއެއް ފެށި، ތެލުގެ އަގުތައް އިންތިހާއަށް އުފުލި، ދުނިޔޭގެ މާލީ ނިޒާމަށް ބޮޑު ލޮޅުމެއް އައުމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.






