އެމެރިކާއިން ސީރިއާގެ މައްޗަށް 1979 ވަނަ އަހަރުން ފެށިގެން އަޅާފައިވާ ޓެރެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން އެ ގައުމު އުނިކޮށް، ސީރިއާއަށް ކުރިމަތި ކޮށްފައިވާ މާލީ އަދި އިގުތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފިއެވެ. 46 އަހަރުވީ މި ނިންމުމާއެކު އިންތިޚާބަކާ ނުލައި ސޫރިޔާގައި ވެރިކަން ކުރާ އާ ސަރުކާރާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ވަނީ އައު ދިމާއަކަށް މިސްރާބު ޖަހާފައެވެ.
އެމެރިކާގެ ކޮންގްރެސްގެ 45 ދުވަހުގެ މުރާޖައާ މަރުހަލާއަށްފަހު ނިންމި މި ނިންމުމަކީ ސީރިއާގެ މިހާރުގެ ޖައުލާނީ ރައީސްގެ ވެރިކަމުގައި އެ ގައުމުން ބައިނަލްއަގުވާމީ ޓެރެރިޒަމާ ދުރުހެލިވެ ބަސްއަހާފައިވާ ކަމަށް ބުނެ އެމެރިކާއިން ނިންމި ނިންމުމެއް ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން، ކުރިން ޖައުލާނީ ޓެރަރިސްޓެއްގެ ގޮތުގައި އުޅުނު އިރު އޭނާގެ ނުސްރާ ފްރަންޓްގެ ނަމުގައި ހަރަކާތްތެރިވި ހައިއަތު ތަހްރީރް އަލް-ޝާމް ވެސް ވަނީ މިހާރު ޓެރަރިސްޓުންގެ ލިސްޓުން އުނިކޮށްފައެވެ.
މި ބަދަލާއެކު އެމެރިކާގެ މާލީ އިދާރާތަކަށް ސީރިއާގެ ބޭންކުތަކާއެކު މުއާމަލާތްކުރުމުގެ ހުއްދަ ލިބިގެންދާނެއެވެ. މީގެ ކުރިން 2025 ގެ ޖުލައި މަހު އެމެރިކާއިން ސީރިއާއާ ދެކޮޅަށް އަޅާފައިވާ އާންމު ދަތިކުރުމުގެ ފިޔަވަޅުތައް އުވާލި ނަމަވެސް، ޓެރެރިޒަމް ލިސްޓުގައި ސީރިއާ އޮތުމުން ބައިނަލްއަގުވާމީ ބޭންކުތަކާއި ކުންފުނިތަކުން ސީރިއާގައި އިންވެސްޓްކުރުމަށް ވަނީ ޖެހިލުންވެފައެވެ.
ސީރިއާގެ ހާރިޖީ ވަޒީރު އަސްއަދު އައްޝީބާނީ ވަނީ އެމެރިކާގެ މި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި ޓެރެރިޒަމް ލިސްޓުގައި ސީރިއާ އޮތުމަކީ 14 އަހަރުވީ ހަނގުރާމައަށްފަހު ގައުމު އާރާސްތުކުރުމަށް އޮތް "އެންމެ ފަހުގެ ހުރަސް" ކަމަށާއި، މިހާރު އިގުތިސާދީ ގުޅުންތައް ގާއިމުކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އެމެރިކާއިން ސީރިއާ ޓެރެރިޒަމް ލިސްޓަށްލީ 1979 ވަނަ އަހަރު، ހާފިޒު އަލްއަސަދުގެ ވެރިކަމުގައި ސީރިއާއިން ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޖަމާއަތްތަކަށް އެހީތެރިވާ ކަމަށް ބުނެއެވެ. އެއަށްފަހު އޭނާގެ ދަރިކަލުން ބައްޝާރު އަލްއަސަދުގެ ވެރިކަމުގައިވެސް މި ފިޔަވަޅު ދެމިއޮތެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ބާޣީން އަސަދުގެ ވެރިކަން ވައްޓާލުމާ ގުޅިގެން، ކުރީގެ ޓެެރަރިސްެއް ކަމަށވާ ޖައުލާނީ ރައީސް ވަނީ އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ. އޭނާއަކީ ކުރިން އަލްގާއިދާ ގެ މެމްބަރެކެވެ.
މި ނިންމުމާއެކު، ސީރިއާގެ މާލީ ވުޒާރާއިން ދަނީ ބޭންކް އޮފް އެމެރިކާ އާއި މާސްޓަރކާޑު ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކާއެކު ސީރިއާގެ ބޭންކިންގ ނިޒާމު އަލުން ގުޅާލުމުގެ މަޝްވަރާތައް ކުރަމުންނެވެ.
ސީރިއާ ލިސްޓުން އުނިކުރުމުން، އެމެރިކާގެ "ޓެރެރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓު" ގައި މިހާރު ބާކީ ތިބީ އެމެރިކާގެ ބަސްއަހަން ދެކޮޅު ހަދާ ތިން ގައުމެވެ. އެއީ:
- ކިއުބާ
- އީރާން
- އުތުރު ކޮރެއާ
އެމެރިކާ ސަރުކާރުން ބުނެފައިވަނީ މޮސްކޯއާއި ތެހެރާންގެ ނުފޫޒުން ސީރިއާ ދުރުކޮށް، ބައިނަލްއަގުވާމީ އިގުތިސާދީ ނިޒާމުގެ ތެރެއަށް އެގައުމު އަލުން ގެނައުމަކީ އެމެރިކާއަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.






