ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގައި 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ، ރިޓަޔަރޑް މެޖިސްޓްރޭޓް އަލްއުސްތާޛު ޢަލީ ޝަފީޤް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، މަރުޙޫމުގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި، ޢަލީ ޝަފީޤު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، މަރުޙޫމުގެ ޢާއިލާއަށާއި، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޚިދުމަތްކުރައްވާ މުވައްޒަފުންނާއި ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ރައްދުކުރެއްވިއެވެ.
ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި، މަރުޙޫމް ޢަލީ ޝަފީޤަކީ ޝަރުޢީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ އިތުރުން، ދ. މީދޫގައާއި ހުޅުމާލޭގައި ކީރިތި ޤުރުއާން އުނގަންނައިދެއްވުމުގެ މަސައްކަތް ދިގު މުއްދަތެއްގައި ކުރެއްވި، ދީނީ ކަންކަމަށް އިސްކަންދެއްވި، ޚުލްޤު ހެޔޮ އަދި މުޖުތަމަޢުގެ ބޮޑު އިޙްތިރާމެއް ހޯއްދަވާފައިވާ ޤާރީއެއްގެ އިތުރުން އެދުރެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވަމުން، މާތްﷲގެ ތަނަވަސް ރަޙްމަތާއި ރުހިވޮޑިގަތުމުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރުޙޫމް ޢަލީ ޝަފީޤް ލެހެއްޓެވުން އެދި ދުޢާކުރައްވާފައިވެއެވެ.
މަރުޙޫމް ޢަލީ ޝަފީޤުގެ ބޭފުޅުންގެ ތެރޭގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ޞަފާ ޝަފީޤު ހިމެނިވަޑައިގަންނަވައެވެ.




