data
data

އިންޑިއާގެ ސެމިކަންޑަކްޓާ ބޭނުންވާ މިންވަރު 110 ބިލިއަން ޑޮލަރަށް

އިންޑިއާގެ ސެމީކަންޑަކްޓަރ ސިނާއަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ 13.56 ބިލިއަން ޑޮލަރުގެ ބަޖެޓަކާއެކު "ސެމިކަން 2.0″ ޕްރޮގްރާމް ތައާރަފުކޮށްފައެވެ. މި އާ ޕްރޮގްރާމް އަމާޒުކޮށްފައިވަނީ ޗިޕް ފަރުމާކުރުމާއި، މެޝިނަރީއާއި، އާ ފެސިލިޓީތަކާއި، ރިސާޗް އެންޑް ޑިވެލޮޕްމަންޓް އަދި ޓެކްނޮލޮޖީގެ ދާއިރާއިން މީހުން ބިނާކުރުމަށެވެ.

ނިއުދިއްލީ ގައި ބޭއްވުނު 'ސެމިކަން އިންޑިއާ 2026′ ސަމިޓް ގައި، އެމެރިކާގެ ސެމިކަންޑަކްޓާ އިކުއިޕްމަންޓް ކުންފުންޏެއް ކަމަށްވާ އެޕްލައިޑް މެޓީރިއަލްސްއިން ވަނީ ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައި އިންޑިއާގައި 5 ބިލިއަން ޑޮލަރު އިންވެސްޓްކުރާނެ ކަމަށް އިއުލާނުކޮށްފައެވެ. ސެޕްޓެމްބަރު 17 އިން 19 އަށް ކުރިއަށްދިޔަ މި ތިން ދުވަހުގެ ސަމިޓުގައި 52 ގައުމަކުން 600 އަށްވުރެ ގިނަ ކުންފުނި ބައިވެރިވެފައިވެއެވެ.

ފުރަތަމަ މަރުހަލާގައި 8.09 ބިލިއަން ޑޮލަރުގެ ޚަރަދަކާއެކު ފެށި "ސެމިކަން އިންޑިއާ ޕްރޮގްރާމް" ގެ ދަށުން، 2026 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 12 މަޝްރޫއަކަށް ހުއްދަދީފައިވެއެވެ. މީގެ ތެރެއިން މައިކްރޯން ފަދަ ކުންފުނިތަކުގެ ފެސިލިޓީތަކުން މިހާރު ވަނީ ވިޔަފާރީގެ އުސޫލުން ޗިޕް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ. ގުޖުރާތުގެ ސަނަންދުގައި ހުންނަ މައިކްރޯންގެ ފެސިލިޓީން ޑީރެމް އަދި ނޭންޑް އުފެއްދުންތައް ނެރެމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ ސަންޖޭ މެހްރޯތުރާ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާގެ ސެމީކަންޑަކްޓަރ އުފެއްދުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަސްއޫލުވެރިުން ވިދާޅުވީ، އިންޑިއާގެ ޑިމާންޑް އިންތިހާއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި، ގައުމުގެ އެތެރޭގައި އުފެއްދުންތެރިކަން އިތުރުކުރުމަކީ އިގްތިސާދީ ކުރިއެރުމަށް ލިބޭނެ މުހިންމު ކުރިއެރުމެއް ކަމަށެވެ. 2030 ވަނަ އަހަރާ ހަމައަށް އިންޑިއާގެ ސެމިކަންޑަކްޓާ ބޭނުންވާ މިންވަރު 110 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ހިއްސާ ކުރައްވާ!