ތުރުކީގައި 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާގެ ޚިދުމަތްދިނުން މަނާކޮށްފި

ތުރުކީގައި 15 އަހަރުން ދަށުގެ ކުޑަކުދިންނަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ޚިދުމަތްދިނުން މަނާކޮށް، އާ ގަވާއިދުތަކެއް އިއުލާނުކޮށްފި އެވެ. ސައިބާ ސެކިއުރިޓީ ޑިރެކްޓަރޭޓުން އެކުލަވާލައި، ހޮނިހިރު ދުވަހު ސަރުކާރުގެ ރަސްމީ ގެޒެޓުގައި ޝާއިއުކޮށްފައިވާ އާ ގަވާއިދުތަކާ ގުޅިގެން، ޓެކްނޮލޮޖީ ކުންފުނިތަކަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅަންޖެހިފައެވެ.

އާ ގަވާއިދުގައިވާ ގޮތުން، ސޯޝަލް މީޑިއާ ޚިދުމަތްދޭ ފަރާތްތަކަށް "އުމުރުން 15 އަހަރު ހަމަނުވާ ކުދިންނަށް އެއްވެސް ޚިދުމަތެއް ނުދެވޭނެ އެވެ." މީގެއިތުރުން، އުމުރުން 15 އަހަރާއި އެއަށްވުރެ މަތީ މީހުންނަށް ޚިދުމަތްދޭއިރު، އެ ކުދިންގެ ޖިސްމާނީ، ނަފްސާނީ، އިޖުތިމާއީ އަދި އަދަބީ ކުރިއެރުމަށާއި އެންމެ މަތީ މަސްލަހަތަށް ރިއާޔަތްކޮށް، ތަފާތުކުރެވިފައިވާ ޚިދުމަތްތަކާއި ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އުމުރު ކަށަވަރުކުރުމުގެ ނިޒާމުތައް އެކުލަވާލުމުގައި، ފަރުދުންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް އިސްކަންދޭންޖެހޭނެ ކަމަށް ގަވާއިދުގައި އަންގާފައިވެއެވެ. އެގޮތުން މީހެއްގެ ފުރިހަމަ ވަނަވަރު ހާމަނުކޮށް، ހަމައެކަނި ކަނޑައެޅިފައިވާ އުމުރުގެ ޝަރުތު ހަމަވޭތޯ ބެލޭނެ އުސޫލުތައް ގެންގުޅެންޖެހޭނެ ކަމަށް ވަނީ ބުނެފެވެ. އަދި ވެރިފައިކުރުމަށް ބޭނުންކުރާ އުސޫލުތަކާއި، އަލްގޮރިދަމްގެ އޮނިގަނޑުތަކާއި އަދި ކުޑަކުދިންނަށް އަމާޒުކޮށްފައިވާ ސިޔާސަތުތަކަކީ ބެލެނިވެރިންނަށާއި، ޑިރެކްޓަރޭޓަށް ސާފުކޮށް ފެންނަ، އޮޑިޓްކުރެވޭ އަދި ޓެސްޓުކުރެވޭ ފަދަ ނިޒާމުތަކަކަށް ހަދަންޖެހޭނެ ކަމަށްވެސް އެ ޑިރެކްޓަރޭޓުން ފާހަގަކޮށްފައިވެއެވެ.

މި އާ ގަވާއިދުތަކަކީ މިދިޔަ އޭޕްރީލް މަހު ތުރުކީގެ ގާނޫނުހަދާ މަޖިލީހުން ސޯޝަލް މީޑިއާއާ ގުޅޭ ގޮތުން ފާސްކުރި އާ ގާނޫނުގެ ދަށުން އެކުލަވާލި ގަވާއިދުތަކެކެވެ. މިއާއެކު ސޯޝަލް މީޑިއާ ކުންފުނިތަކުން ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ބެލެނިވެރިންނަށް ފަސޭހައިން ބޭނުންކުރެވޭ ފަދަ ކޮންޓްރޯލް ޓޫލްތައް ގާއިމުކުރަންޖެހޭނެއެވެ.

ހިއްސާ ކުރައްވާ!