96 އަހަރު ފަހުން ތުރުކީގަިއ ހަށިވިއްކުން ހުއްދަ ކުރާ ގާނޫނު އުވާލައިފި

ދައުލަތުގެ ބެލުމުގެ ދަށުން ހަށިވިއްކާ ތަންތަން އިންތިޒާމުކޮށް ހިންގުމުގެ ބާރު ސަރުކާރަށް ލިބިދޭ، 96 އަހަރު ވެފައިވާ ޤާނޫނީ މާއްދާއެއް ތުރުކީގެ ދުސްތޫރީ ކޯޓުން ބާޠިލުކޮށްފިއެވެ. އަންގާރަ ދުވަހު އެ ޤައުމުގެ ރަސްމީ ގެޒެޓުގައި ޝާއިޢުކުރި މި ޙުކުމަކީ، އިންސާނީ ކަރާމާތް ރައްކާތެރިކުރުމާ ގުޅޭ ދުސްތޫރީ އުސޫލުތަކާ އެ މާއްދާ ފުށުއަރާކަމަށް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ނިންމުމާ ގުޅިގެން ނެރުނު ތާރީޚީ ނިންމުމެކެވެ.

މި ނިންމުމުގެ ދަށުން ބާޠިލުކޮށްފައިވަނީ 1930 ވަނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހު ފާސްކޮށްފައިވާ އާންމު ޞިއްޙަތާބެހޭ ޤާނޫނުގެ 128 ވަނަ މާއްދާގެ ފުރަތަމަ ޕެރެގްރާފެވެ. ކުރިން އަމަލުކުރަމުން އައި މި ޤާނޫނީ މާއްދާގެ ދަށުން، ހަށިވިއްކާ ތަންތަން ހިންގުމުގެ ގަވާއިދުތައް އެކުލަވާލައި، އެ ތަންތަނުގައި ޢަމަލުކުރާނެ ޝަރުޠުތައް ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ތުރުކީގެ ޞިއްޙަތާބެހޭ ވުޒާރާއަށާއި ދާޚިލީ ވުޒާރާއަށް ލިބިދީފައިވެއެވެ. މީގެ އިތުރުން، ޖިންސީ ގުޅުމުން ފެތުރޭ ބަލިތައް ކޮންޓްރޯލްކުރުމުގެ ނަމުގައި ޞިއްޙީ ފިޔަވަޅުތައް އެޅުމުގެ ބާރުވެސް މި މާއްދާއިން އެ ދެ ވުޒާރާއަށް ދީފައިވެއެވެ.

ނަމަވެސް، ތުރުކީގެ ދުސްތޫރީ ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަޤުޞަދުގައި ކަމަށް ވިޔަސް، ދައުލަތުގެ ބެލުމުގެ ދަށުން ހަށިވިއްކުމުގެ ޢަމަލު ހިންގުމަށް ހުއްދަދިނުމަކީ އިންސާނީ ކަރާމާތާ އެއްގޮތަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. އަދި މިފަދަ ކަމަކީ ވަޒީފާއެއްގެ ގޮތުގައި ބަލައިގަނެ، ރަސްމީ ނިޒާމެއްގެ ތެރެއިން އިންތިޒާމުކުރުމަކީ އިންސާނާގެ ހަށިގަނޑު، ޚާއްޞަކޮށް އަންހެނުންގެ ހަށިގަނޑަކީ ބާޒާރުގައި ވިއްކާ މުދަލަކަށް ބަދަލުކޮށްލުން ކަމަށް ކޯޓުން ދެކެއެވެ. މިއީ އިންސާނީ ޙައްޤުތަކުގެ އެންމެ އަސާސީ މިންގަނޑުތަކާ ކަނޑައެޅިގެން ޚިލާފު ކަމެއްކަން ޙުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ފަސްމަންޒަރަށް އަލިއަޅުވާލަމުން ކޯޓުން ބުނެފައިވަނީ، ފަޤީރުކަމާއި، ނާޖާއިޒު ފައިދާ ނެގުމާއި، އިންސާނުންގެ ވަގުފާރިކުރުން ފަދަ ޙާލަތްތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް މި މަގު އިޚްތިޔާރުކުރަން މަޖުބޫރުވާ ކަމަށެވެ. އެހެންކަމުން، މިފަދަ ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުން މި ޢަމަލަށް އެއްބަސްވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި މިނިވަންކަމާއެކު ކަމަށް ބުނުމަކީ ޝައްކު އުފެދޭ ކަމެއް ކަމަށް ފަނޑިޔާރުން ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ޒިންމާއަކީ ހަމައެކަނި މިފަދަ ކަންކަން ގަވާއިދުތަކެއްގެ ދަށުން ބެލެހެއްޓުން ނޫން ކަމަށާއި، މީހުން މިފަދަ ނޭދެވޭ ކަންކަމަށް ހުށަހެޅޭ ސަބަބުތައް ދެނެގަނެ އެ ކަންކަން ޙައްލުކުރުން ކަމަށް ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި ހަރުދަނާ އިޖުތިމާޢީ ސިޔާސަތުތަކެއް ތަންފީޒުކުރުމާއެކު، ނާޖާއިޒު ފައިދާ ނަގާ ފަރާތްތަކާއި މެދުވެރިންގެ ގޮތުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަކީ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއްކަމަށް ކޯޓުން ވަނީ ހަނދާންކޮށްދީފައެވެ.

ތުރުކީގެ ދުސްތޫރީ ކޯޓުން މި ނިންމުން ނިންމުމުގައި ރިޢާޔަތްކޮށްފައިވަނީ އެ ޤައުމުގެ ޤާނޫނުއަސާސީގެ ފަސްވަނަ މާއްދާއާއި 17 ވަނަ މާއްދާއަށެވެ. މި ދެ މާއްދާއިން ދައުލަތުގެ މައްޗަށް ލާޒިމުކުރަނީ އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި، ކޮންމެ ފަރުދަކަށްމެ އެ މީހެއްގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމާއި ކުރިއެރުވުމުގެ ޙައްޤު ކަށަވަރުކޮށްދިނުމަށެވެ. މި ޙުކުމާއެކު، ގާތްގަނޑަކަށް ޤަރުނެއްހާ ދުވަހު ތުރުކީގައި ހަށިވިއްކުން ހުއްދަކުރި ޤާނޫނީ އޮނިގަނޑަކަށް ވަނީ ނިމުމެއް އައިސްފައެވެ.

ހިއްސާ ކުރައްވާ!