އިންޖިނިއަރިން ދާއިރާއިން މީހުން ބިނާކޮށް ދިރާސާކުރުމަށް ޚާއްޞަ މަތީ ފަންތީގެ އިމާރާތެއް އަޅަނީ

އިންޖިނިއަރިންގެ އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމާއި، އެ ދާއިރާތަކުން ދިރާސާކުރުމަށް ޚާއްޞަ "ސްޓޭޓް އޮފް ދަ އާޓް" ފެންވަރުގެ ލެބޯޓްރީ ފެސިލިޓީއެއް ހިމެނޭ އިމާރާތެއް އެޅުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ޤައުމީ ފެންވަރުގައި ފާހަގަކުރާ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބާގައި ދެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިންޖިނިއަރިންގެ އެކިއެކި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންގެ ޢަދަދު އިތުރުކުރަންޖެހޭ ކަމަށާއި، ސަރުކާރުން އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

"މިގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އިރާދަކުރެއްވިއްޔާ އިންޖިނިއަރުންގެ އެކިއެކި ދާއިރާތަކުން ތަޙުލީލުތައް ކުރެވޭ، އެކި ކަހަލަ ރިސާޗްތައް ކުރެވޭ، ސްޓޭޓް އޮފް ދަ އާޓް، އެންމެ މަތީ ފެންވަރުގެ ލެބޯޓްރީ ފެސިލީޓީއެއް ހިމެނޭ ގޮތަށް އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ޤަސްތުކުރަން،" ރައީސް ވިދާޅުވިއެވެ.

މި އިމާރާތުގައި ކިޔަވައިދީ ތަޙުލީލުތައް ހިންގާނެ މައިގަނޑު ދާއިރާތަކުގެ ތެރޭގައި ސިވިލް އިންޖިނިއަރިން، މެކޭނިކަލް އިންޖިނިއަރިން، އެއާކްރާފްޓް އެންޑް އެރޮނޯޓިކަލް އިންޖިނިއަރިންގެ އިތުރުން ރޮބޮޓިކްސް، އޭ.އައި އަދި ޑިޖިޓަލް އިންޖިނިއަރިން ހިމެނެއެވެ. އަދި މިތަނުން ރާއްޖޭގެ ދަރިވަރުންނަށާއި ރާއްޖެއިން ބޭރުން އަންނަ ދަރިވަރުންނަށް ވެސް ޢަމަލީ ތަޖުރިބާ ހޯދައި، އެކްސްޕެރިމެންޓްތައް ހެދުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢަށް ބޭނުންވާ ފަންނީ މަސައްކަތްތަކާއި އިންވެސްޓްމަންޓްގެ ކަންކަން ކުރިއަށް ގެންދާނީ ދައުލަތުގެ ބަޖެޓަށް މާބޮޑު ބުރައެއް ނުވާނެހެން، ދެމެހެއްޓެނިވި ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. މިފަދަ ފެސިލީޓީއެއް ޤާއިމުކުރެވުމުން އިންޖިނިއަރިން ދާއިރާއިން ކިޔަވަން ބޭނުންވާ ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ތަނަވަސްވެ، ދިވެހިރާއްޖެ މި ދާއިރާއިން މަތީ ފަންތިއަކަށް ވާޞިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!