އުތުރު ކޮރެއާގެ ދިފާޢީ ވަޒީރު މަޤާމުން ދުރުކޮށްފި

އުތުރު ކޮރެއާގެ އަސްކަރީ އަދި ސިޔާސީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ދިފާޢީ ވަޒީރު ނޯ ކުއާންގް ޗުލް މަޤާމުން ދުރުކޮށްފިއެވެ. މި ބަދަލުތައް ގެނެސްފައިވަނީ އެ ޤައުމުގެޒައީމް ކިމް ޖޮންގް އުންގެ ރިޔާސަތުގައި ބޭއްވެވި ޚާއްޞަ ބައްދަލުވުމެއްގައެވެ.

އުތުރު ކޮރެއާގެ ރަސްމީ ޚަބަރު ފަތުރާ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ދިފާޢީ ވަޒީރުގެ މަޤާމުން ނޯ ކުއާންގް ޗުލް ވަކިކުރުމުގެ އިތުރުން ވެރިކަންކުރާ ޕާޓީގައި އޭނާގެ އިސް މަޤާމުގެ ދަރަޖަ ދަށްކޮށް، "މުހިންމު އެހެން މަޤާމަކަށް" ވަނީ ބަދަލުކޮށްފައެވެ.

މިހާރު އޭނާ ހަމަޖައްސާފައިވަނީ ވެރިކަންކުރާ ޕާޓީގެ ޞިނާޢަތާބެހޭ ބައިގެ އެންމެ އިސްވެރިޔާގެ ނައިބުގެ މަޤާމަށެވެ. މި މަޤާމުތަކަށް ބަދަލު ގެނެސްފައިވަނީ އެމެރިކާއާއި ދެކުނު ކޮރެއާ ގުޅިގެން ބޭއްވި އަސްކަރީ ތަމްރީނުތައް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ.

އުތުރު ކޮރެއާއިން އަބަދުވެސް ދެކެނީ އެމެރިކާއާއި ދެކުނު ކޮރެއާގެ ގުޅިފައިވާ އަސްކަރީ ފަރިތަކުރުންތަކަކީ އެ ޤައުމަށް އަރައިގަތުމަށް ކުރާ ތައްޔާރީއެއް ކަމަށެވެ. އަދި މިފަހަރުގެ ތަމްރީނުތަކާ ދިމާކޮށް އެ ޤައުމުން ވަނީ އަސްކަރީ އިސް ވެރިން ބަދަލުކޮށް އައު އޮނިގަނޑަކަށް މަސައްކަތް ފަށާފައެވެ. އެގޮތުން، ކޮރެއާގެ ސިފައިންގެ ސިޔާސީ އިދާރާގެ ވެރިޔާގެ މަޤާމުގައި ހުންނެވި ކިމް ސުންގް ގީ ވަނީ ދިފާޢީ ވަޒީރުގެ މަޤާމަށް އައްޔަންކޮށްފައެވެ.

މީގެ އިތުރުން، އަސްކަރީ މުހިންމު މަޤާމުތަކަށް އިތުރު ބޭފުޅުން ވަނީ ޢައްޔަންކޮށްފައެވެ. އެގޮތުން ދިފާޢީ މުޝީރު ޕާކް ޖޮންގް ޗޫން ވަނީ ވެރިކަންކުރާ ޕާޓީގެ މައި ސެންޓްރަލް މިލިޓަރީ ކޮމިޝަންގެ ނައިބު ރައީސްކަމަށް ހަމަޖައްސައި، ޕާޓީގެ ޕޮލިޓްބިއުރޯއަށް ވެސް އައްޔަންކޮށްފައެވެ. މި ބަދަލުތަކަކީ ޤައުމުގެ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށާއި އަސްކަރީ ލީޑަޝިޕް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އެ ޤައުމުން ބުނެއެވެ.

ހިއްސާ ކުރައްވާ!