އީރާނާ ދެކޮޅަށް އެމެރިކާއިން ހިންގި ސޮލީބީ ހަނގުރާމައިގެ ތެރޭގައި ރަޝިޔާއިން ގެންގުޅުނު ސިޔާސަތަށާއި ދެއްވި އެއްބާރުލުމަށްޓަކައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، ރަޝިޔާގެ ރައީސް ވްލަދިމީރު ޕޫޓިންއަށް ޝުކުރު އަދާކުރައްވައިފިއެވެ. ކިރްގިޒްސްތާނުގައި ބޭއްވި ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޭއްވެވި މި ބައްދަލުކުރުމަކީ ސޮލީބީ ސަހުޔޫނީ ހަނގުރާމަ ފެށި ފަހުން ދެ ރައީސުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުކުރުމުގައި އީރާނުގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތީ އާދައިގެ ގުޅުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ބަދަހި ގުޅުމެއް ކަން ފާހަގަކުރައްވާފައެވެ.
ޕެޒެޝްކިއަން ވިދާޅުވީ، އެމެރިކާއިން އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުންދިޔަ ވަގުތުތަކުގައާއި، އދ. އާއި ބައިނަލްއަޤްވާމީ ތަފާތު ފޯރަމްތަކުގައި ރަޝިޔާއިން ނަގާފައިވާ އިންޞާފުވެރި ހަމަތަކާއި ވިސްނުމަށް ސާބަސް ދެއްވާ ކަމަށެވެ. ޔުކްރޭން ހަނގުރާމަ ފެށި ފަހުން މޮސްކޯއާއި ތެހެރާނާ ދެމެދު އޮތް އިޤްތިޞާދީ އަދި ސިފައިންގެ ގުޅުން ވަނީ ކުރިއަށްވުރެ ބޮޑަށް ވަރުގަދަވެފައެވެ.
އީރާނުގެ ރައިސް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ބައްދަލުކުރުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ފުޅާކޮށް، ތަފާތު ދާއިރާތަކުން އެއްބާރުލުން ދިނުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮލީބީ ސަހުޔޫނީ ހަމަލާތަކުގައި އީރާނުގެ ލީޑަރު އާޔަތުއްލާ ޢަލީ ޚާމަނާއީ އަވަހާރަކޮށްލުމަށް ފަހު ފެށި މި ހަނގުރާމައިގައި، އީރާނުން ވަނީ ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
އެއާއެކު އެމެރިކާއިން ވަނީ އީރާނުގެ ބަނދަރުތައް ހިސާރުކޮށް، "އިޤްތިޞާދީ ގޮތުން ނޭވާހޮޅިއަށް އެޅުވުމުގެ" ޚާއްޞަ ކެމްޕޭނެއް ފަށާފައެވެ.
އޭޕްރީލް މަހު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމަކަށް އައި ނަމަވެސް، އެމެރިކާއިން ވަނީ އަމިއްލަ އެއްބަސްވުމާ ޚިލާފްވެ އީރާނަށް އުދުވާނީ ހަމަލަ ދީފައެވެ.





