އީރާނުގެ އިގްތިސާދު މުޅިން އިނަޖެހި، އިގްތިސާދީ ކާރިސާއެއްގެ ތެރެއަށް ވެއްޓެމުންދާ ކަމަށް ބުނެ ޓްރަމްޕް ފަތުރާ ޕްރޮޕެގެންޑާއަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ގައުމުގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ވިދާޅުވެއެވެ. ގަވަރުނަރު ވިދާޅުވި ގޮތުގައި، ބައިނަލްއަގުވާމީ މާރުކޭޓުތަކުން އީރާނަށް ލިބެންޖެހޭ ބޭރު ފައިސާގެ ރިޒާވްތައް ބަރާބަރަށް ލިބެމުންދާ ކަމަށާއި، ގައުމީ ބޭންކުގައި އެކަށީގެންވާ ވަރަށް ބޭރު ފައިސާގެ ރިޒާވް އެބަހުރި ކަމަށެވެ. އަދި އީރާނުގެ ފައިސާގެ އަގު ވެއްޓެމުންދަނީ އިގްތިސާދީ ހަގީގީ ހާލަތަށްވުރެ ބޮޑަށް، ހުޅަނގުން އުފައްދަމުންދާ ނަފްސާނީ ނުތަނަވަސްކަމުންނާއި ސިޔާސީ ފިއްތުންތަކުގެ ސަބަބުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމެރިކާއިން ދަނީ އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަމުންނެވެ. ނޯތު ކެރޮލައިނާގެ އެޝްވިލްގައި ބޭއްވި ޖީ-20 ގެ މާލީ ވަޒީރުންގެ ބައްދަލުވުމުގައި، އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހިންގާ އިގްތިސާދީ ހަނގުރާމައިގައި ބައިވެރިވުމަށް ޖީ-20 ގެ ގައުމުތަކަށް ގޮވާލާފައެވެ.
އެމެރިކާއިން ކޮންމެ ހަފުތާއަކު އާ ދަތިކުރުމުގެ ފިޔަވަޅުތަކެއް ކުރިމަތިކުރި ނަމަވެސް، އީރާނުގެ އިގްތިސާދީ ނިޒާމު ހުއްޓުމަކަށް ނުގޮސް ކުރިއަށްދާނެ ކަމުގެ ޔަގީންކަން އީރާނުގެ މަރުކަޒީ ބޭންކުން ދެއެވެ. ޖީ-20 ގެ ބައްދަލުވުމުގައި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމާއި، ދަރުނީގެ މައްސަލަތަކާއި، އަމިއްލަ އަދި ސަރުކާރު ހިއްސާވާ ޕާޓްނަޝިޕްތައް ވަރުގަދަކުރުމާ މެދު ވެސް މަޝްވަރާކުރެވުނެވެ.
އީރާނުގެ ރައީސް މައްސޫދު ޕެޒެކްޝިއަން ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއިން މުއާހަދާތަކަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށާއި، އެމެރިކާގެ ރައީސް ސޮއިކުރެއްވި ފަހުމުނާމާއަށް ވެސް އެމެރިކާއިން އަމަލުކުރީ އެންމެ ދެ ހަފުތާ ވަންދެން ކަމަށެވެ. ނަމަވެސް، އެމެރިކާއިން އަލުން އެއްބަސްވުންތަކަށް އަމަލުކުރަން ފަށައިފިނަމަ، އީރާނުން ވެސް ވަގުތުން އެ އެއްބަސްވުންތަކަށް ރުޖޫއަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބައިނަލްއަގުވާމީ އެއްބަސްވުންތަކަށް އަމަލުކުރުމުގައި އީރާނަކީ އިތުބާރު ހުރި ޝަރަފުވެރި ތާރީހެއް އޮތް ގައުމެއް ކަމަށާއި، މުއާހަދާތަކާ ޚިލާފް ވުމުގައި އެމެރިކާގެ ދިގު މާޒީއެއް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.






