އެމެރިކާގެ ނިއު ޖާޒީގެ ސުކޫލެއްގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދެމުންދިޔަ މުދައްރިސާއަކު، އުމުރުން 15 އަހަރުގެ ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާކުރިކަމަށް އަމިއްލައަށް އިއުތިރާފްވުމާ ގުޅިގެން 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. ފްރީހޯލްޑް މިޑްލް ސުކޫލުގައި މަސައްކަތްކުރި އުމުރުން 45 އަހަރުގެ ހެވިމަން-ނީޑްރެކް ނަމަކަށް ކިޔާ އަންހެން މީހާ، 2024 ވަނަ އަހަރުގެ ތެރޭގައި 6 މަސްދުވަހުގެ މުއްދަތަށް އެ ދަރިވަރަށް ޖިންސީ ގޯނާކޮށްފައިވާކަން ތަހުގީގަށް ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގެ ތަހުގީގު ފަށާފައިވަނީ، ސުކޫލުގެ އެހެން މުދައްރިސަކަށް ހެވިމަން-ނީޑްރެކް އެ ދަރިވަރާއެކު ޝައްކުކުރެވޭފަދަ ހަރާމް ގުޅުމެއް ބާއްވަނިކޮށް ފެނިގެން ސުކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. މީގެއިތުރުން، އެ ދަރިވަރުގެ މަންމައަށްވެސް އޭނާގެ ދަރިފުޅު މުދައްރިސްގެ ކާރު ތެރޭގައި އިނުމާއި، ދެމީހުންގެ ދެމެދުގައި 25,000 އަށްވުރެ ގިނަ މެސެޖު ބަދަލުކޮށްފައިވާކަން އެނގުމުން ފުލުހުންނަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.
ކޯޓުގައި ދަރިވަރު ބުނެފައިވަނީ މި ހާދިސާއަކީ އޭނާގެ ހަޔާތުގައި ކުރިމަތިވި ނާމާން ބިރުވެރިކަމެއް ކަމަށާއި، މިއީ އޭނާގެ ކުށެއް ކަމަށް އަހަރުތަކެއް ވަންދެން ހީވެފައި އޮތް ކަމެއް ކަމަށެވެ.
ޝަރީއަތުގެ މަޖިލީހުގައި މުދައްރިސު ކުށަށް އިއުތިރާފް ވުމުން ޕްރޮސެކިއުޓަރު ވަނީ ހެވިމަން-ނީޑްރެކްގެ އަމަލުތަކުގެ ސަބަބުން ކުއްޖާގެ ނަފްސާނީ ހަމަޖެހުން ގެއްލި އަމިއްލައަށް މަރުވުމަށްވެސް ވިސްނާފައިވާކަން ފާހަގަކުރައްވާފައެވެ.
ހުކުމް އިއްވަވަމުން ގާޟީ ވަނީ މުދައްރިސާގެ ޖަލު ހުކުމުގެ އެންމެ ކުޑަމިނުން 85 އިންސައްތަ ތަންފީޒުކުރަންޖެހޭނެ ކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ ކިޔަވައިދިނުމުގެ ސެޓިފިކެޓުތައް ބާތިލުކޮށް، ޖިންސީ ކުށްވެރިންގެ ދަފްތަރުގައި ނަން ހިމެނުމުގެ އިތުރުން، އަނިޔާލިބުނު ދަރިވަރާއި އޭނާގެ އާއިލާއާ އެއްވެސް މުއާމަލާތެއް ކުރުން ވަނީ މަނާކޮށްފައެވެ.






