މިސްރު މީހުން ގަބޫލުކުރަނީ މިސްރުގެ ފިރުއައުނަކީ ދޮން މީހެއް ކަމަށް

މިސްރުގައި ވެރިކަން ކުރި ފިރުއައުނާއި މިސްރުގެ އަސްލު މީހުންނަކީ ކަޅު ނަސްލަށް ނިސްބަތްވާ އެފްރިކާ ބައެކެވެ. ނަމަވެސް މިހާރު މިސްރު މީހުން ބޭނުން ވަނީ ފިރުއައުންނަކީ ދޮން ބައެއް ކަމަށް ދައްކަން މަސައްކަތް ފަށާފައެވެ.

މިޞްރުގެ ވެރިރަށް ޤާހިރާގެ މަޝްހޫރު ތަހްރީރު މައިދާނުގައި، އެ ޤައުމުގެ ޤައުމީ މިއުޒިއަމް ކައިރީގައިވާ ފާރެއްގައި ކުރަހާފައިވާ އެކި ޒަމާންތަކުގައި ވެރިކަން ކުރި ފިރުއައުނު އެއީ ކަޅު ބައެއް ކަމަށް ދައްކައި ކުރެހުމުން މިސްރު މީހުން ރުޅި ގަދަ ވެއްޖެއެވެ.

މި ކުރެހުންތަކަށް އާންމުންގެ ރުޅިވެރިކަން އަމާޒު ވުމުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެ ކުރެހުންތައް ފޮހެލައިފިއެވެ.

މި މައްސަލަ ބޮޑުވެގެން ދިޔައީ، އެ ކުރެހުންތަކުގައި މިސްރުގެ އަންހެން ފިރުއައުނު ނެފަރްތީތީ އާއި ބައްޗާ ފިރުއައުނު ތުތުއަންގްއާމޫން ކަޅު ބައެއްގެ ގޮތުގައި ހަނގަނޑު އަދިރިކޮށް ކުރެހުމުންނެވެ.

ސޯޝަލް މީޑިއާގައި މި ކުރެހުންތަކުގެ ފޮޓޯތައް އާންމުވުމާއެކު، އެތައް ހާސް މިޞްރު ރައްޔިތުންނެއް ވަނީ ފިރުއައު އެއީ އެމީހުންގެ ކާބަފައިން ކަމަށާއި އެއީ ދޮން ބައެއް ކަމަށް ބުނެ އެ ކުރެހުންތަކާ ދެކޮޅަށް އަޑުއުފުލައި، އެއީ މިޞްރުގެ ތާރީޚާއި ސަގާފީ ޝަޚުސިއްޔަތަށް ދެވުނު ޙަމަލާއެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އާންމުންގެ ފާޑުކިއުންތައް އަމާޒުވި މައިގަނޑު ސަބަބަކީ، މި ކުރެހުންތަކަކީ އެފްރިކާއަށް ޚާއްސަ ސަމާލުކަމެއް ދޭ ނަޒަރިއްޔާތަށް ހިތްވަރުދޭ ކުރެހުންތަކެއް ކަމަށް ފާހަގަ ވުމުންނެވެ. އަފްރޯސެންޓްރިޒަމް ނުވަތަ އެފްރިކާއަށް އިސްކަން ދިނުމުގެ ފިކުރަކީ، ޤަދީމީ މިޞްރުގެ ޙަޟާރަތަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންގެ އުފެއްދުމެއް ކަމަށާއި، މިހާރު މިޞްރުގައި އުޅޭ ރައްޔިތުންނަކީ އެ ޙަޟާރަތުގެ އަސްލު ވާރުތަވެރިންނެއް ނޫން ކަމަށް ދައުވާކުރާ ނަޒަރިއްޔާއެކެވެ. މި ފިކުރަކީ ފަހަކަށް އައިސް ބައިނަލްއަޤްވާމީ ފެންވަރުގައި ފެތުރެމުންދާ، އަދި މިޞްރުގެ ރައްޔިތުން އެކަމަށް އިންތިހާއަށް ކަންބޮޑުވާ މައްސަލައެކެވެ.

ފާޑުކިޔުންތެރިން ފާހަގަކުރި ގޮތުގައި، ޤައުމުގެ އެންމެ މުހިންމު ސަރަޙައްދުގައި އަދި ތާރީޚީ މިއުޒިއަމާ އެންމެ ކައިރީގައި މިފަދަ ކުރެހުންތަކެއް ކުރެހުމުގެ ކުރިން، ތާރީޚާއި އާސާރީ ކަންކަމާ ބެހޭ މާހިރުންގެ ލަފާ ހޯދާފައި ނުވާކަމީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އަދި ޤައުމުގެ ތާރީޚު ރަނގަޅު ގޮތުގައި ސިފަކޮށްދިނުމަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން އަންނަ ފަތުރުވެރިންނާއި ކުރިއަށް އޮތް ޖީލުތަކަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށްވެސް އާންމުން ބުނެފައިވެއެވެ.

އާންމުންގެ ނުރުހުމާއި ފާޑުކިއުންތައް ބޮޑުވުމާ ގުޅިގެން، ޤާހިރާގެ މުނިސިޕަލްޓީ އޮތޯރިޓީން ވަނީ ވަގުތުން ފިޔަވަޅު އަޅައި، އެ ފާރުގައި ހުރި ކުރެހުންތައް ފޮހެލާފައެވެ. ސަރުކާރުން ނިންމާފައިވަނީ، ތާރީޚީ އަދި ފަންނީ ގޮތުން ސައްޙަ މަޢުލޫމާތާއި ސޫރަތައް އެކުލެވޭ ގޮތަށް އާންމު ރުހޭ ގޮތަށް ފިރުއައުނު ދޮން މީހެއްކަމަށް ދައްކައި އެ ފާރުގައި އަލުން ކުރެހުންތައް ކުރަހައި ފުރިހަމަކުރުމަށެވެ.

ސަރުކާރުން އެ ކުރެހުންތައް ފޮހެލުމާ ގުޅިގެން، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ނިންމުމަށް މަރުޙަބާ ކިޔައިފައެވެ.

ހިއްސާ ކުރައްވާ!