ރައިސް ޝީ ޖިންޕިންގް މިސްރަށް ވަޑައިގެންފި

މިޞްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް މިސްރަށް ވަޑަިގެންފިއެވެ. މި ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރު ހަރުފަތަކަށް ގެންދެވުމަށް މަޝްވަރާކުރައްވާނެ އެވެ.

މި ބައްދަލުކުރެއްވުމަކީ 2014 ވަނަ އަހަރު ދެގައުމުގެ ދެމެދުގައި ސޮއި ކޮށްފައިވާ "ކޮމްޕްރެހެންސިވް ސްޓްރެޓީޖިކް ޕާޓްނަރޝިޕް" އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރު ވަޒަންކޮށް، ދެގައުމުގެ މަސްލަހަތު ހިމެނޭ ސަރަހައްދީ އަދި ބައިނަލްއަގުވާމީ މުހިންމު މައްސަލަތަކަށް އަލިއަޅުވާލެއްވުމަށް ދެ ލީޑަރުން ބާއްވާ ސަމިޓް ބައްދަލުވުމެކެވެ.

މިޞްރުގެ ރިއާސަތުގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ސިޔާސީ، އިގްތިސާދީ އަދި ތަރައްގީގެ ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމެވެ. ޚާއްޞަކޮށް، ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިތާ 70 އަހަރު ފުރުން ފާހަގަކުރާ އިރު، އިގްތިސާދީ، ސިނާއީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ބޮޑެތި މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް ދެގައުމުގެ ވެރިން މަޝްވަރާ ކުރައްވާނެއެވެ.

މީގެ އިތުރުން، މިޞްރުގެ ސުއޭޒް ކެނަލް އިގްތިސާދީ ސަރަހައްދުގައި ޗައިނާގެ އިންވެސްޓްމަންޓްތައް އިތުރުކުރުމާއި، ފަލަސްތީނުގެ މައްސަލަ ފަދަ މެދުއިރުމަތީގެ ސުލްހައާ ގުޅޭ މުހިންމު މައްސަލަތަކުގައި އެއްގޮތް ސިޔާސަތުތަކެއް ގެންގުޅުމަށް ދެގައުމުން އިސްކަންދޭނެއެވެ.

މި ދަތުރުފުޅަކީ ޗައިނާއިން މެދުއިރުމައްޗާއި އެފްރިކާގެ ސަރަހައްދުގައި އޮތް އިގްތިސާދީ އަދި ސިޔާސީ ނުފޫޒު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅޭ މުހިންމު ފިޔަވަޅެކެވެ. ޚާއްޞަކޮށް، ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ މެދުގައި ބަދަހި ގުޅުން އުފެއްދުމަށާއި، ބްރިކްސް ޖަމާއަތުގެ ތެރެއިން ދެގައުމުގެ އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް މި ދަތުރުފުޅުގެ ސަބަބުން މަގުފަހިވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!