ރާއްޖޭގެ އިގްތިސާދީ މައިގަނޑު ސިނާއަތްތައް ހަލާކުކޮށް، އާންމު ރައްޔިތުން އިގްތިސާދީ ގޮތުން ނިކަމެތިކުރަމުން ދަނީ ސަރުކާރުން އެނގިތިބެ ރޭވުންތެރިކަމާއެކު ކަމަށް ތުހުމަތުކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްތިއުފާ ދެއްވަންދެން ސިލްސިލާ އިހުތިޖާޖުތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ބޭއްވި ހާއްސަ ބައްދަލުވުމެއްގައެވެ. އެ ޕާޓީގެ ޗެއާޕާސަން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މި ގަރާރުގައިވަނީ، ބޭންކިން ނިޒާމަށާއި ޑޮލަރުގެ މައްސަލައަށް ސަރުކާރުން ގެންގުޅޭ ދޯހަޅި ކަމަށް ސިފަ ކުރާ ސިޔާސަތުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އަރަމުންދާތީއާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުއްލި ގޮތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާތީ އެކަމާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން ސަރުކާރާ ދެކޮޅު ހަރަކާތްތައް ވަރުގަދަކުރުމަށެވެ.
ގަރާރަށް ބަހުސްކުރައްވަމުން ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރުގެ މި އަމަލުތަކުގެ އަސާސީ މަގުސަދަކީ ރައްޔިތުން ނިކަމެތިކޮށް، ސަރުކާރަށް ބަރޯސާވާންޖެހޭ ހާލަތަކަށް ގައުމު ވައްޓާލައިގެން އިންތިހާބުތައް ކާމިޔާބުކުރުން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށްފަހު، ދައުލަތުގެ ތިން ބާރު ވަކިވެފައި އޮތް އޮތުން ނައްތާލައި، މަޖިލީހާއި ސުޕްރީމް ކޯޓުގެ މިނިވަންކަން ނަގާލާފައިވާ ކަމަށްވެސް އޭނާ ތުހުމަތުކުރެއްވިއެވެ.
"ދިވެހި ރައްޔިތުންނަށް މިއަދު އިހުތިޖާޖުކުރުން ނޫން އެހެން ގޮތެއް ނެތް. މަޖިލީހާއި ޝަރުއީ ދާއިރާގެ އިތުބާރު ވަނީ އެއްކޮށް ގެއްލުވާލާފައި،" މާރިޔާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުކޮށް، ޓޫރިޒަމް ދާއިރާއިން ޑޮލަރު މާރުކުރުމަށް މަޖުބޫރުކުރާ އުސޫލުތަކުގެ ސަބަބުން ވިޔަފާރިތައް ބަނގުރޫޓުވުމުގެ މަގުމަތީގައިވާ ކަމަށެވެ.
މި ބައްދަލުވުމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ތިމާވެށި ގަސްތުގައި ހަލާކުކުރުމުން "އީކޯސައިޑް" އޭ ކިޔާ ފަދައިން، މި ސަރުކާރުން ހިންގަނީ ގަސްތުގައި އިގްތިސާދު ހަލާކުކުރުމުގެ "އިކޮނޮސައިޑް" އެކް ކަމަށް ފައްޔާޒް ސިފަކުރެއްވިއެވެ.
ފައްޔާޒް ފާހަގަކުރެއްވި ގޮތުގައި، ޑޮލަރު މާރުކުރުމުގެ އުސޫލަށް ގެނެސްފައިވާ ބަދަލުތަކާއެކު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އުފުލިފައެވެ. އަދި ވިޔަފާރިވެރިންނަށް ބޭންކުތައް މެދުވެރިކޮށް ޓީޓީ ދޫކުރާ ކަމަށް ސަރުކާރުން ބުނާ ބުނުމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ބޭރުގައި ކާޑުތައް ބޭނުންނުކުރެވިގެން އާންމުން ބޮޑެތި ތަކުލީފުތަކެއް އުފުލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރިން ކުރިއަށްގެންދިޔަ މުޒާހަރާތަކަށް އެކަށީގެންވާ ތަރުހީބެއް ނުލިބި މަޑުޖެހިފައި އޮތް ނަމަވެސް، ފާއިތުވި ތިން ރޭ އެމްޑީޕީ ހަރުގެ ކައިރީގައި ވަނީ ސިލްސިލާ އިހުތިޖާޖުތަކެއް ބާއްވާފައެވެ. އަދި ރޭގެ އިހުތިޖާޖުގެ ތެރެއިން ބައެއް އާންމުން ވަނީ ރައީސް މުއިއްޒުގެ އަމިއްލަފުޅު ގެކޮޅު "ދިމްޔާތު" ކައިރިއަށް އެއްވެ، ސަރުކާރާ ދެކޮޅަށް އަޑުއުފުލާފައެވެ. އެމްޑީޕީން ބުނީ މި އިހުތިޖާޖުތައް މުޅި ރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.







