ސިނަމާލެ ބުރިޖަށް 8 އަހަރު: ދެ ޤައުމުގެ އެކުވެރިކަމުގެ އެންމެ ވަރުގަދަ ރަމްޒު

ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖު (ސިނަމާލެ ބުރިޖު) ބޭނުންކުރަން ފެށިތާ 8 އަހަރު ފުރިއްޖެއެވެ. މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެ ސަރަހައްދަށް ޒިޔާރަތްކުރައްވައި، އެ މަޝްރޫޢުގެ ތާރީޚީ ހަނދާންތައް އާކުރައްވާފައެވެ.

ސިނަމާލެ ބުރިޖު ރަސްމީކޮށް އާންމުންނަށް ހުޅުވައިލީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ހިންގިއިރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުންނެވީ ހައުސިންގ މިނިސްޓަރުގެ މަޤާމުގައެވެ. މި ބުރިޖަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ހިންގުނު އުމްރާނީ ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށްވާއިރު، މިއީ ވެރިރަށް މާލެއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮންނަ ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅުވައިދިން މުހިންމު ބިނާއެކެވެ. 1.38 ކިލޯމީޓަރުގެ ދިގުމިނާއި 20.3 މީޓަރުގެ ފުޅާމިން ހުންނަ މި ބުރިޖުގައި އުޅަނދުތަކަށް ޚާއްޞަ 4 ލޭނެއް ހިމެނެއެވެ.

ބުރިޖަށް 8 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި، ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގެ ތެރެއިން އެ ބޭފުޅުން ވަނީ ބުރިޖު އިމާރާތުކުރުމުގެ މަސައްކަތް ކުރިއަށްދިޔަ ގޮތާއި ރަސްމީކޮށް ހުޅުވުމުގެ ތާރީޚީ މަންޒަރުތައް ދައްކުވައިދޭ ފޮޓޯތައް ބައްލަވާލައްވާފައެވެ.

މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢަކީ ހަމައެކަނި އުމްރާނީ ތަރައްޤީގެ ބިނާއެއް ނޫން ކަމަށާއި، އެއީ ދެ ޤައުމުގެ ދެމެދުގައިވާ އިތުބާރާއި، އެއްބައިވަންތަކަމާއި، ގުޅިފައިވާ އުންމީދުތައް ދައްކުވައިދޭ ހެއްކެއް ކަމަށެވެ. އަދި ޗައިނާގެ ރައީސް ޝީޖިންޕިންގެ ވެރިކަމުގެ ދަށުން ދެ ޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ، ކުރިމަގުގައި ރައްޔިތުންނަށް ގިނަ ފުރުޞަތުތަކެއް ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިއްސާ ކުރައްވާ!