ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއު މިއަހަރު ފަށަނީ: އަމާޒަކީ 2028 އަށް ނިންމުން

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ހާއްސަ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގުޅިފަޅުގައި 4,000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މަޝްރޫއަށް ބޭނުންވާ މާލީ އެހީތެރިކަން ހަމަޖެއްސުމުގެ ފަހުގެ މަޝްވަރާތައް އިންޑިއާގެ އެގްޒިމް ބޭންކާއެކު މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އިސް އަމާޒަކީ މިއަހަރުގެ ތެރޭގައި މަޝްރޫއުގެ އަމަލީ މަސައްކަތް ސައިޓުގައި ފެށިގެން ދިއުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ކުރިއަށްގެންދާ 3,460 ހައުސިން ޔުނިޓުގެ މަޝްރޫއުގެ އަދާހަމަ ހިއްސާކުރައްވަމުން، މަސައްކަތްތައް ލަސްވާކަމަށް އާންމުން ކުރާ ޝަކުވާތަކަށް ސްޓޭޓް މިނިސްޓަރު ވަނީ އަލިއެޅުއްވާފައެވެ. ނާޒިމް ވިދާޅުވި ގޮތުގައި، އަމަލީ ގޮތުން އިމާރާތްކުރުމުގެ މަސައްކަތް ސައިޓުގައި ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ގާނޫނީ އަދި އިދާރީ ގިނަ މަރުހަލާތަކެއް ހުރެއެވެ.

"މަސައްކަތް ދާތަން ނުފެނެއޭ ބައެއް މީހުން ބުނޭ. އެކަމަކު އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އެބަ އޭގެ ކުރިން ކުރިއަށްދޭ. ޑިޒައިން އެޕްރޫވްކުރުން، ސައިޓް ހޭންޑްއޯވަރ، ޤަނޫނާއި ގަވާއިދުތަކުގެ މަރުޚަލާތައް ފުރިހަމަކުރުން އަދި ހުއްދަތައް ހޯދުމާއި ފަންނީ މަރުޚަލާތައް ހިމެނޭ،" އިދާރީ އިޖުރާއަތްތަކުގެ މުހިންމުކަން ފާހަގަކުރައްވަމުން ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް މައުލޫމާތު ދެއްވި ގޮތުގައި، އެ މަރުހަލާތައް ނިންމައި ހުޅުމާލެ ފޭސް 1 ގައި އަޅާ ޓަވަރުތަކުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި ހުޅުމާލެ ފޭސް 2 ގައި ބިނާކުރާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް ފާސްކޮށް، އަމަލީ މަސައްކަތް ފެށުމުގެ އެންމެ ފަހުގެ މަރުހަލާގެ ތައްޔާރީތައް ދަނީ ވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް، މި ދައުރުގެ ތެރޭގައި މި މަޝްރޫއުތައް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބިއޮތް ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. ސަރުކާރުގެ މައިގަނޑު އަމާޒަކީ 2028 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ހައުސިން ޔުނިޓްތަކުގެ މަސައްކަތް އެއްކޮށް ނިންމައި، ހައްގުވެރިންނާ ހަވާލުކުރުމެވެ.

މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، އަލަށް 5,000 ހައުސިން ޔުނިޓް ތަރައްގީކުރުމުގެ އިތުރު ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްވެސް އެ ވުޒާރާއިން އަންނަނީ ކުރަމުންނެވެ. މިއާއެކު، މިހާރު ހިނގަމުންދާ އަދި ފެށުމަށް ތައްޔާރުވަމުންދާ މަޝްރޫއުތައް ހިމެނޭހެން، ޖުމްލަ 13,000 ހައުސިން ޔުނިޓުގެ މަސައްކަތް މާލެ ސަރަހައްދަށް އަމާޒުކޮށްގެން ވަނީ ރޭވިފައެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު މާލެ ސަރަހައްދުގައި ގޭދޮރުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ސަރުކާރުން ހުޅުވާލި ފްލެޓާއި ގޯތި ދޫކުރުމުގެ މަޝްރޫއުތަކަށް 50,000 އަށްވުރެ ގިނަ ރައްޔިތުން ކުރިމަތިލާފައިވުމަކީ މި މައްސަލައިގެ ނާޒުކުކަން ހާމަކޮށްދޭ ކަމެކެވެ.

ހިއްސާ ކުރައްވާ!