އެމެރިކާގެ ކެލިފޯނިއާގެ ސެން ޑިއޭގޯގައި ހުންނަ އިސްލާމިކް ސެންޓަރަކަށް ބަޑިން ހަމަލާދީ 3 މީހުން މަރާލި ހާދިސާ، ސޯޝަލް މީޑިއާގައި ވަގުތުން ބްރޯޑްކާސްޓްކޮށް ލައިވްކުރުމުގައި ބައިވެރިވި 17 އަހަރުގެ އަންހެން ކުއްޖެއްގެ މައްޗަށް މީހުން މެރުމާއި ގުރޫޕް ހަދައިގެން ޖަރީމާ ހިންގުމުގެ ދައުވާ ނޯތު ކެރޮލައިނާގެ ގްރޭންޑް ޖޫރީއަކުން އުފުލައިފިއެވެ.
ކޯޓު ރެކޯޑްތަކުން އެނގޭ ގޮތުގައި، ސާރާ ލިންޑްސީ ސަންތިއާގޯ ނަމަކަށް ކިޔާ ޒުވާނާ ހައްޔަރުކޮށްފައިވަނީ ފާއިތުވި ހަފުތާގައެވެ. އޭނާގެ މައްޗަށް ވަނީ ހަމަލައަށް އެހީތެރިވެދިނުމުގެ ގޮތުން 3 މީހުން މެރުމުގެ ދައުވާއާއި، ބަޑީގެ ހަމަލާ ރޭވުމުގައި ބައިވެރިވިކަމުގެ ދައުވާ އުފުލާފައެވެ.
ފޯސިތު ކައުންޓީގެ ޕްރޮސެކިއުޓަރުން ހާމަކުރެއްވި ގޮތުގައި، މި އަންހެން ކުއްޖާ ވަނީ ހަމަލާދިނުމުގެ ކުރިން، ހަމަލާގެ ލައިވް ބްރޯޑްކާސްޓް ރެކޯޑްކޮށް އާންމުކުރުމަށް އެއްބަސްވެފައެވެ. އަދި ހަމަލާދިން ދެމީހުން ލިޔެފައިވާ ނަސްލީ ތަފާތުކުރުމުގެ ހައްދުފަހަނައެޅި މެނިފެސްޓޯ އިންޓަނެޓުގައި ފެތުރުމުގެ އިތުރުން، ހަމަލާދިން މީހަކު އަޅައިގެން ހުރި ނަސްލީ ތަފާތުކުރުން ރަމްޒުކޮށްދޭ ބެޖު ގަނެދީފައިވަނީ ވެސް މި ކުއްޖާއެވެ.
ގާނޫނީގޮތުން ބަލާއިރު، ޖަރީމާއެއް ހިންގުމަށް އެހީތެރިވެދީ ބައިވެރިވާ ފަރާތްތަކަށް ވެސް އަމަލީގޮތުން ހުމްލާދިން މީހުންނެކޭ އެއްފަދައިން ބޮޑެތި އަދަބުތައް ކަނޑައެޅޭނެއެވެ.
މިއަހަރުގެ މެއި 18 ގައި ހިންގި މި ނުރައްކާތެރި ހާދިސާގައި، އުމުރުން 17 އަހަރުގެ ކޭން ކްލާކް އާއި 18 އަހަރުގެ ކޭލެބް ވަސްކުއޭޒް ވަނީ އިސްލާމިކް ސެންޓަރަށް ވަދެ ބަޑިން ހަމަލާދީފައެވެ. ނަމަވެސް، އެ ސެންޓަރުގެ ސެކިއުރިޓީ ގާޑު އަމީން އަބްދުالله ވަނީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޓެރަރިސްޓުންނާ ކުރިމަތިލައި، އެވަގުތު އެތަނުގެ ކައިރީގައި ތިބި 140 އަށްވުރެ ގިނަ ކުޑަކުދިން ސަލާމަތް ކޮށްފައެވެ.






