ރާއްޖެއަށް ކާށި އެތެރެކުރި މިންވަރު ހަތަރު ގުނައަށް އިތުރުވެ، ބޭރަށް ބަރޯސާވާންޖެހޭ މިންވަރު ބޮޑުވެއްޖެ

ގައުމީ ގަސް، ދިވެހި ރުކުގެ އުފެއްދުންތެރިކަން ދަށަށްގޮސް، ރާއްޖެއަށް ކާށި އިމްޕޯޓުކުރަންޖެހޭ މިންވަރު ނިމުނު އަހަރު ހަތަރު ގުނައަށް އިތުރުވެއްޖެއެވެ. މޯލްޑިވްސް ކަސްޓަމްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު ރާއްޖެއަށް އެތެރެކުރި ކާށީގެ މިންވަރު ވަނީ ވަރަށް މައްޗަށް ގޮސްފައެވެ.

އެގޮތުން 2024 ވަނަ އަހަރު މުޅި ޖުމްލަ 273,840 ކިލޯގެ ކާށި ރާއްޖެއަށް އެތެރެކޮށްފައި ވެއެވެ. ނަމަވެސް، 2025 ވަނަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 1.1 މިލިއަން ކިލޯ (1,107,804 ކިލޯ) އަށް އުފުލިފައެވެ.

އިމްޕޯޓުކުރި ކާށީގެ ހަގީގީ އަދަދު މައްޗަށް ދިއުމާއެކު، އެކަމަށް ދައުލަތުންނާއި އަމިއްލަ ވިޔަފާރިވެރިން ކުރަންޖެހުނު ޚަރަދުވެސް ވަނީ އިތުރުވެފައެވެ.

  • ސީއައިއެފް އުސޫލުން 2024 ވަނަ އަހަރު ކާށި އެތެރެކުރުމަށް 3 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.
  • 2025 ވަނަ އަހަރު އެ އަދަދު ވަނީ 14 މިލިއަން ރުފިޔާއަށް އަރާފައެވެ.
  • އިމްޕޯޓް ޑިއުޓީއާއި އެހެނިހެން ފީތަކުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ 23,562 ރުފިޔާއިން 120,723 ރުފިޔާއަށް ވަނީ އިތުރުވެފައެވެ.

ރާއްޖެއަށް އެންމެ ގިނައިން ކާށި އެތެރެކުރާ ގައުމުގެ ގޮތުގައި އަދިވެސް އޮތީ އަވަށްޓެރި އިންޑިއާއެވެ.

  • ތަފާސްހިސާބުތައް ދައްކާގޮތުން 2024 ވަނަ އަހަރު އިންޑިއާއިން 247,427 ކިލޯގެ ކާށި އެތެރެކުރިއެވެ.
  • 2025 ވަނަ އަހަރު އެ އަދަދު ވަނީ 1 މިލިއަން ކިލޯއަށްވުރެ މައްޗަށް ގޮސްފައެވެ.
  • ސްރީލަންކާއާއި ތައިލެންޑަކީވެސް ރާއްޖެއަށް ގިނައިން ކާށި އެތެރެކުރާ ދެ ގައުމެވެ.
ހިއްސާ ކުރައްވާ!