އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދެވަނަ ދައުރުގައި ސިފައިންގެ އިސް މަގާމުތަކުގައި ތިއްބެވި ޖެނެރަލުން ވަކިކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޚިޔާލުތަފާތުވުންތައް ބޮޑުވެފައިވަނިކޮށް، އެމެރިކާގެ އާރމީ ސެކްރެޓަރީ ޑޭން ޑްރިސްކޯލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ވޯލް ސްޓްރީޓް ޖާނަލް އަދި އެމެރިކާގެ މީޑިއާ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޑްރިސްކޯލް އިސްތިއުފާގެ ސިޓީ ވައިޓް ހައުސްއަށް ހުށަހެޅުއްވީ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތްއާއެކު މަސްތަކެއް ވަންދެން އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ފަހުއެވެ. މި އިސްތިއުފާއަކީ ޓްރަމްޕްގެ މި ދައުރުގައި ސިފައިންގެ އެންމެ މަތީ ފެންވަރުގެ މަދަނީ އަދި އަސްކަރީ ލީޑަރުންގެ ތެރެއިން ސިލްސިލާކޮށް ހިނގަމުންދާ ވަކިވުންތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް އިސްތިއުފާއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު އާނާ ކެލީ ނެރުއްވި ބަޔާނެއްގައި ޑްރިސްކޯލްގެ ޚިދުމަތްތަކަށް ތައުރީފު ކުރައްވައި ވިދާޅުވީ، އޭނާއަކީ ސިފައންގެ ތައްޔާރީތަކާއި ހަނގުރާމަ ކުރުމުގެ ގާބިލުކަން އިތުރުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށެވެ. އަދި ރަޝިއާއާއި އުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވުނު މަޝްވަރާތަކުގައި ސުލްހަވެރިއެއްގެ ދައުރު ޑްރިސްކޯލް އަދާކުރެއްވިކަން ވަނީ ފާހަގަކުރައްވާފައެވެ.
ހެގްސެތް ވަނީ ނޭވީ ސެކްރެޓަރީ ޖޯން ފީލަންއާއި، އާމީ ޗީފް އޮފް ސްޓާފް ޖެނެރަލް ރޭންޑީ ޖޯޖް ފަދަ ގިނަ އަދަދެއްގެ އިސް ޖެނެރަލުން މަގާމުން ވަކިކުރައްވާފައެވެ.
އާރމީގެ ވަގުތީ ޗީފް އޮފް ސްޓާފްގެ މަގާމަށް ހެގްސެތް އައްޔަންކުރެއްވި ޖެނެރަލް ކްރިސްޓޮފަރ ރެނީވް ވަނީ، ޑްރިސްކޯލް އިސްނަންގަވައިގެން ކުރިއަށްގެންދެވި އާމީގެ ޑްރޯން ޓެކްނޮލޮޖީ އާކުރުމުގެ މުހިންމު ޕްރޮގްރާމެއް ހުއްޓުވާފައެވެ.
އިރާގު ހަނގުރާމައިގެ ތަޖުރިބާކާރެއްގެ އިތުރުން ނައިބު ރައީސް ޖޭޑީ ވެންސްގެ ކުރީގެ މުޝީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޑްރިސްކޯލް ވަކިވެވަޑައިގަތުމުން، ޕެންޓަގަންގެ ސިޔާސަތުތައް ބައްޓަންކުރުމަށް ކޮންސަވޭޓިވް ފިކުރުގެ ކުރީގެ އަސްކަރީ ބޭފުޅުން އައްޔަންކުރަމުންދާ ދަނޑިވަޅެއްގައި، އެމެރިކާގެ ސިފައިންގެ މުސްތަގުބަލުގެ ސިޔާސަތުތަކާމެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައެވެ.






