ކުރިއަށް އޮތް ބްރެޒިލްގެ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ދަނީ ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަމުން ކަމަށް ބުނެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެއްޖެއެވެ.
ބްރެޒިލްގެ ވާތުފިޔޭގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑި ސިލްވާގެ ސަރުކާރަށް އިޤްތިޞާދީ އަދި ޑިޕްލޮމެޓިކް ފިއްތުންތައް ކުރިމަތިކުރުވައިގެން، ވާދަވެރި ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯއަށް ތާއީދު ހޯދައިދިނުމަށް އެމެރިކާއިން ކުރާ މި އަމަލުތަކަކީ، 1962 ވަނަ އަހަރު ސީއައިއޭއިން ބްރެޒިލްގެ ސިޔާސީ މަސްރަހަށް އަތްބޭނި ހާދިސާއާ ދާދި އެއްގޮތް ކަމެއްގެ ގޮތުގައި މީޑިއާއިން ދަނީ ސިފަކުރަމުންނެވެ.
އަންނަ އޮކްޓޯބަރު މަހު ބާއްވާ އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސް ލޫލާއާއި، އަސްކަރީ އިންގިލާބެއް ރޭވިކަމުގެ ކުށް ސާބިތުވެ 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާ ކުރީގެ ރައީސް ޖާއިރް ބޮލްސޮނާރޯގެ ދަރިކަލުން، ސެނެޓަރު ފްލާވިއޯ ބޮލްސޮނާރޯއެވެ.
އިންތިޚާބީ މަސްރަހު ވާދަވެރިކޮށް އޮތްއިރު، އެމެރިކާއިން ވަނީ ބްރެޒިލުން އެތެރެކުރާ މުދަލުން 25 އިންސައްތައިގެ ޓެރިފް ނަގަން ފަށާފައެވެ. އަދި ބްރެޒިލްގެ ކުށްކުރާ ބޮޑެތި ގްރޫޕްތަކަކީ ބޭރުގެ ނިރުބަވެރި ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅައި، ރައީސް ލޫލާއަކީ ކުށްވެރިންނަށް ދޫދެއްވާ ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް އެމެރިކާއިން މަސައްކަތްކުރާ ކަމަށް ބްރެޒިލްގެ މަސްއޫލުވެރިން ތުހުމަތުކުރައްވައެވެ. މީގެއިތުރުން ބްރެޒިލްގެ ވޯޓުލާ ނިޒާމާމެދު ޝައްކު އުފެއްދުމަށް މަސައްކަތްކުރި އެމެރިކާގެ ދެ އޮފިޝަލަކަށް ވިސާ ނުދިނުމުން، އެމެރިކާއިން ވަނީ ވޮޝިންގޓަންގައި ހުންނަވާ ބްރެޒިލްގެ ސަފީރުގެ ވިސާ ބާތިލުކޮށްފައެވެ.
މި ފިޔަވަޅުތަކަކީ ސީއައިއޭއިން ސިއްރުން ފައިސާ ޚަރަދުކޮށްގެން 1964 ގެ އަސްކަރީ އިންގިލާބަށް މަގުފަހިކުރި ހާދިސާއާ އެއްގޮތް ކަމެއް ނަމަވެސް، ސިޔާސީ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި މިފަހަރު އެމެރިކާއިން މިކަން ކުރަނީ އެއްވެސް ނިވާކަމެއް ނެތި ފާޅުގައެވެ. ނަމަވެސް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ކުރެވޭ ތުހުމަތުތައް ދޮގުކޮށް، އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.
މި ރޭވުމުގެ އަޑީގައި ހުންނެވީ ރޫބިއޯ ކަމަށް ބެލެވޭއިރު، މީގެ މައިގަނޑު ބޭނުމަކީ ލެޓިން އެމެރިކާގައި ވާތުފިޔައިގެ ބާރު ކަނޑުވާލައި، އެމެރިކާގެ އިޤްތިޞާދީ އަދި ސިޔާސީ މަޞްލަޙަތުތަކަށް މުޅި ސަރަޙައްދު ތަބާކުރުވުން ކަމަށް މުރާސިލުން ބުނެއެވެ.





